ބްރެޒިލްގެ ދެކުނުގެ ސްޓޭޓެއް ކަމަށްވާ ރިއޯ ގްރާންޑޭ ޑޯ ސުލްއަށް ކުރަމުންދާ ވިއްސާރައިގައި 37 މީހުން މަރުވެފައިވާއިރު، އިތުރު 74 މީހަކުވަނީ ގެއްލިފައެވެ.
މިއީ ޖުލައި، ސެޕްޓެމްބަރު އަދި ނޮވެމްބަރު މަހު ފެންބޮޑުވެ 75 މީހުން މަރުވި ހާދިސާއަށް ފަހު އަހަރެއްގެ ތެރޭގައި މިފަދަ ތިމާވެށީގެ ކާރިސާއެއް ކުރިމަތިވި ހަތަރު ވަނަ ފަހަރެވެ.
ބްރެޒިލްގެ ޖިއޮލޮޖިކަލް ސަރވިސްއިން ހާމަކޮށްފައިވާ ގޮތުގައި 1941 ވަނަ އަހަރުގެ ފެންބޮޑުވުމުގެ ހާދިސާގައި މުޅި ސްޓޭޓްގައި ފެންބޮޑުވި މިންވަރަށްވުރެ މިފަހަރު ފެންބޮޑުވި މިންވަރު ވަނީ އިތުރުވެފައެވެ.
މިދިޔަ ބުރާސްފަތި ދުވަހު ބެންޓޯ ގޮންކަލްވްސް އާއި ކޮޓިޕޯރާ ސިޓީތަކާ ދެމެދު ހުރި ހައިޑްރޯއިލެކްޓްރިކް ޕްލާންޓެއްގެ ޑޭމެއް ހަލާކުވެ، ޓަކުއާރީ ރިވާ ވާދީގެ ސިޓީތައް ކަމަށްވާ ލަޖީޑޯ އާއި އެސްޓްރެލާ މުޅިން ފެންބޮޑުވިއެވެ. އަދި ސްޓޭޓްގެ ވެރިރަށް ޕޯޓޯ އަލެގްރޭއާ 50 މޭލު ދުރުގައި އޮންނަ ފެލިޒް އަވަށުގައި، އަވަށްޓެރި ސިޓީއެއް ކަމަށްވާ ލިންހާ ނޯވާއާ ގުޅިފައިވާ ބްރިޖެއް ހަލާކުވިއެވެ.
ސްޓޭޓްގެ އެކި ކަންކޮޅުތަކުން ކަރަންޓާއި މުވާސަލާތީ ވަސީލަތްތައް އަދި ފެން ކެނޑިފައިވާ ކަމަށް އޮޕަރޭޓަރުން ވަނީ ރިޕޯޓްކޮށްފަ އެވެ. ސިވިލް ޑިފެންސް އެޖެންސީން ބުނި ގޮތުގައި 23،000 އަށް ވުރެ ގިނަ މީހުން ވަނީ ގެއިން ބޭރަށް ނުކުންނަން ޖެހިފަ އެވެ.
އިންޓަނެޓާއި ޓެލެފޯންގެ ހިދުމަތާއި ކަރަންޓުގެ ހިދުމަތާ ނުލައި އެހެން ސްޓޭޓްތަކުގައި ދިރިއުޅޭ ގާތް ތިމާގެ މީހުންނަށް އަޕްޑޭޓް ނުވަތަ މައުލޫމާތު ފޯރުކޮށްދިނުމުގައި ރަށްވެހިންނަށް ދަތިތަކާއި ކުރިމަތިލާން ޖެހެއެވެ. ހެލިކޮޕްޓަރުތައް ސިޓީތަކުގެ މަތިން ދަތުރުކުރަމުން ދިޔައިރު، ކުޑަކުދިންނާއެކު ފުރާޅުތަކުގެ ދަށުގައި ތާށިވެފައި ތިބި އާއިލާތައް ސަލާމަތްވާނެ ވަގުތެއްގެ އިންތިޒާރުގައި ތިއްބެވެ.
ހޯމަ ދުވަހު ފެށި ވިއްސާރައިގެ އަސަރު ހޮނިހިރު ދުވަހާ ހަމައަށް ދެމިގެންދާނެ ކަމަށް ބެލެވޭ ކަމަށް ނޭޝަނަލް ސެންޓާ ފޯ މޮނިޓަރިން އެންޑް އެލާޓްސް އޮފް ނެޗުރަލް ޑިޒާސްޓާސްގެ ޗީފް މީޓިއޮރޮލޮޖިސްޓް މާސެލޯ ސެލޫޗީ ހުކުރު ދުވަހު ބްރެޒިލްގެ ޕަބްލިކް ޓީވީ ނެޓްވޯކްގައި ބުނެފައިވެ އެވެ.
ބުރާސްފަތި ދުވަހުގެ ރޭ ގަވަރުނަރު އެޑުއާޑޯ ލީޓޭ ވަނީ ބޯކޮށް ވާރޭވެހި ފެންބޮޑުވުމުގެ ސަބަބުން ނުރައްކާތެރި ހާދިސާތައް ގިނަވަމުން ކަމުގެ އިންޒާރު ދީފައެވެ. އަދި ޕޯޓޯ އަލެގްރޭގެ ހާލަތު އިތުރަށް ގޯސްވާނެ ކަމަށް ބެލެވޭ ކަމަށް އޭނާ ބުނެފައި އެވެ.
ދެކުނު އެމެރިކާގައި މޫސުމީ ކާރިސާތައް ގިނަވަނީ މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ނެވެ. މިއީ އިކުއިޓޯރިއަލް ޕެސިފިކް ކަނޑުގެ ސަރަޙައްދު ހޫނުވެ ދިމާވާ ގުދުރަތީ ހާދިސާތަކެވެ. ބްރެޒިލްގެ އެލްނީނޯއަކީ އާންމު ގޮތެއްގައި އިރުވައި މޫސުމުގައި ހަނަފަސްވާ އަދި ހުޅަނގު މޫސުމުގައި ބޯކޮށް ވާރޭ ވެހޭ ސަރަހައްދެކެވެ.
މިއަހަރު އެލްނީނޯގެ މޫސުމީ ކާރިސާތައް އިތުރުވެފައިވާއިރު ، އެމެޒޯން ހަނަފަސްވުމަކީ ފާހަގަކޮށްލެވޭ ހާދިސާއެކެވެ. ސައިންސްވެރިން ބުނާގޮތުގައި މޫސުމީ ކާރިސާތައް ގިނަވަނީ އިންސާނުންގެ ސަބަބުން މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ކަމަށެވެ.

