ކޮންމެ އާއިލާއެއްގައިވެސް ފޮޅޭނެ އެންމެ އުފާވެރި މަލަކީ އެ އާއިލާ އަކަށް އުފަންވާ ދަރިއެކެވެ. ނުވަތަ ދަރިންނެވެ. ދަރިން ލިބުމުން ކޮންމެ ދެމަފިރިއަކުވެސް ވިސްނަން ޖެހޭނީ އެ ދަރިންނާއި މެދުގައެވެ. ސަބަބަކީ ދަރިންނަކީ ﷲ ތަޢާލާ އަޅުގަނޑުމެންނާއި ހަވާލުކުރައްވާފައިވާ އަމާނާތެކެވެ.
އަޅުގަނޑުމެންގެ މާތްވެގެންވާ އިސްލާމްދީނުގައި ދަރިން ހޯދާނެ ވަކި އަދަދެއް ކަނޑައަޅުއްވާފައެއް ނުވެއެވެ. ދަރިން ކިނަތްމެ ގިނަޔަސް އެ ދަރިންނަށް ރަނގަޅު ތަރުބިއްޔަތެއް ދިނުމަކީ ދެމަފިރިން އެކުގައި މަސަތްކަތް ކޮށްފިނަމަ ކާމިޔާބުވާނެ ކަމެކެވެ. އަދި ހަމަ އެހެންމެ އެންމެ ކުއްޖަކު ހުއްޓަސް އެ ކުައްޖާއާއި މެދު ފަރުވާކުޑަ ކުރެވިއްޖެނަމަ މުޖުތަމައު އަށް ބޭކާރު ކުއްޖެއްގެ ގޮތުގައި އެ ކުއްޖާ ވެގެންދާ ފަހަރު އާދެއެވެ.
އާއިލާއެއް ރޫޅި ދެމަފިރިން ވަކިވެގެންދާ ހިނދުގައިވެސް ލިބިފައިވާ ދަރިންނާއި މެދު އިހުމާލު ވެވިގެން އެކުދިންގެ މުސްތަގުބަލް އަނދިރިވާފަދަ ގޮތަކަށް ކަންތައް ކުރުމަކީ ހެދޭ ވަރަށް ބޮޑު ގޯހެކެވެ. ކޮންމެ މަންމައަކުވެސް ބައްޕައަކުވެސް މިކަމަށް ވަރަށް ބޮޑަށް ސަމާލުކަން ދޭންވާނެ އެވެ. ދެމަފިރިން ވަކިވުމަކީ އެ ކުދިންގެ ކުށެއް ނޫނެވެ. އެއީ އޭގެ ސަބަބުން ކުދިންނަށް ލިބޭ ނިކަމެތި ކަމެކެވެ. ހާލަތު ބަދަލުވެ މަންމައާއި ބައްޕަ ވަކިވިޔަސް ދަރިންނަށް އޭގެ އަސަރު ވީހާވެސް ބޮޑަށް ނުކުރާ ގޮތަށް ކަންތައްތައް ރާވައި އަބަދުވެސް އެ ކުދިންނަށް ތަރުބިއްޔަތު ދިނުމުގައި އަބަދުވެސް މަންމަ އާއި ބައްޕަގެ ވިސްނުން އެއްފަސްކުރެވޭތޯ ބަލަންވާނެ އެވެ.
ދަރިން ހޯދީ ބޭނުންވެގެންނެވެ. ވީމާ، އެ ދަރިންނަށް ރަނގަޅު ތަރުބިއްޔަތަކުން ތަރުބިއްޔަތު ކުރުމަށް މަސަތްކަތް ކުރުމަކީ މައިންބަފައިންގެ މައްޗަށް ވާޖިބުވެގެންވާ ކަމެކެވެ. އަބަދުވެސް ވިސްނަންޖެހޭނީ ދަރިންނަކީ އަޅުގަނޑުމެންނާއި ހަވާލުކުރައްވާފައިވާ އަމާނާތެއް ކަމާއި، އެ ދަރިންނާއި މެދު ފަރުވާ ކުޑަކޮށްފިނަމަ އާޚިރަތުގައި އެކަމަށް ސުވާލު ކުރެވޭނެ ކަމެވެ.
ވީމާ، ﷲ ތަޢާލާ ތިބާ އާއި ހަވާލުކުރައްވާފައިވާ އަމާނާތުން ފެއިލް ވެގެން އެ ދުނިޔޭގައި ކުރެވޭ ސުވާލުތަކަށް ޖަވާބު ނުދެވޭ ފަދަ ބެލެނިވެރިންނަށް ނުވުމަށް މަސަތްކަތް ކުރަންވާނެ އެވެ. އަބަދުވެސް އެ ކުދިންނަށް ނަމޫނާ ދެއްކެން ވާނެ އެވެ. މިއަދު ތިބާގެ ދަރިންނަށް ތިބާގެ ފަރާތުން ހެޔޮ ނަމޫނާ ނުދެއްކޭނަމަ، މާދަމާ ދަރިންގެ ފަރާތުން ހެޔޮ ލަފާ ސިފަތައް ފެންނާނެ ކަމަށް އުއްމީދު ނުކުރާށެވެ.
އަބަދުވެސް ދަރިންނަށް ރަނގަޅުގޮތް ވުމަށް އެދި ދުޢާ ކުރާށެވެ. ގިނަ ގިނައިން ދުޢާކުރުމަކީ ތިިބާގެ ނަފުސާއި ﷲ ތަޢާލާ އާއި ގުޅުވައިދޭ ވަަސީލަތެކެވެ. މައިންބަފައިން ދަރިންގެ މައްޗަށް ކުރާ ދުޢާ ﷲ އިޖާބަ ނުކޮށް ނުދާނެއެވެ. މާތް ﷲ ތިބާ ކުރާ މަސަތްކަތުގައި ބަރަކާތް ލައްވާނެ އެވެ. އާމީން.

