ވަޒީފާއަކީ އެތައް ގޮތަކުން މުހިންމު އެއްޗެކެވެ. ކޮންމެ ވަޒީފާއަކާ ގުޅިފައިވަނީ ދެ ފަރާތެއްގެ ނުވަތަ އެއަށްވުރެ ގިނަ ފަރާތްތަކެއްގެ މަޞްލަޙަތުތަކެކެވެ. މުވައްޒަފަށް ލިބެންޖެހޭ ޙައްޤުތައް ވަޒީފާދޭ ފަރާތުން ފުރިހަމައަށް އަދާކޮށްދޭން ވާނެއެވެ. އަދި ކޮންމެ މުވައްޒަފަކު ވެސް މަސްއޫލިއްޔަތު އަދާ ކުރުމުގައި އޭނާގެ ޤާބިލުކަން ހުރި އެންމެ މަތީ ދަރަޖައަކަށް އިޚުލާޞްތެރިވާން ވާނެއެވެ. މި ކަންކަން ހިމެނެނީ ﷲ އަށް ތަޤުވާވެރި ވުމުގެ ތެރެއިންނެވެ.
އިސްލާމީ މުޖުތަމަޢެއްގައި ދަރީން ތަރުބިއްޔަތު ކުރައްވަން ތިއްބަވާ އަންހެން މުދައްރިބުންނަށް އެ ކަނބަލުންގެ މޫނު ނިވާކުރައްވައިގެން ވަޒީފާއަށް ނުކުތުން ޤައުމީ ފެންވަރެއްގައި މަނާވެފައި އޮތުމުން އެ ގެއްލެނީ އޭނާއަށް އިޢްތިޤާދީ ގޮތުން ލިބިފައި އޮތް އަސާސީ ޙައްޤެކެވެ.
ދީނީ މަޒުހަރުން ޒީނަތްތެރިވުމަށް ޓަކައި ތުނބުޅި މަތިމަސް ކޮށާ ނުވަތަ ނުކޮށާ ދޫކޮށްލައި ދޫކޮށްލުމަކީ ވަޒީފާގެ ރައްކައުތެރިކަން ގެއްލޭފަދަ ޢަމަލެއް ކަމުގައި ހަމަޖައްސަންޏާ، އެ ކަމުން ހާމަވަނީ އޭނާގެ މައްޗަށް އިސްކުރެވިފައި ތިއްބެވި ވެރީންގެ އިޚުލާޞްތެރިކަމެއް އިސްލާމްދީނުގެ ފަރާތަށް ނެތްކަމެވެ.
މިފަދަ ޤަވާޢިދުތަކާއި ޤާނޫނުތައް ހެއްދެވުމާއި ތަންފީޒުކުރެއްވުމުގައި ތިއްބަވަނީ ކޮންބައެއްތޯއެވެ؟ އާދެ! އެއީ ވެސް ހަމަ މުވައްޒަފުންނެވެ. އެހެން މުވައްޒަފުންތަކެއްގެ މައްޗަށް ވެރިކުރެވިފައިވާ ބައެކެވެ. ދުނިޔަވީ ވަޒީފާއެއްގައި މުވައްޒަފަކަށް ވުމުގެ ކުރިން ކޮންމެ މުސްލިމަކީ އިސްލާމްކަމުގެ ވަޒީފާގައި ހުރި މީހެއްކަން އޭނާ ދަންނަންވާނެއެވެ. މާދަމާ ﷲ ގެ ޙަޟްރަތުގައި ޖަވާބުދާރީ ނުވެވޭވަރުގެ އެއްވެސް ކަމެއް ކޮށްގެން ނުވާނެވެ.
ވަޒީފާގެ ޙަޔާތުގައި ލިބޭ ކުރިއެރުންތަކާއި ޢިއްޒަތުގެ ޝަރަފާއި ހައިބަތުގެ ބޮޑުކަމަކީ ފަނާވަނިވި ބިންގަނޑާ ތިބާ ރައްޓެހިކުރުވާ ކަމެއް ކަމުގައި ނުހަދާށެވެ! ވަޒީފާގެ ކުރިއެރުމާއި މަޤާމުގެ ނުފޫޒަކީ ﷲ ގެ ދީން ބިންމަތީ ތަންފީޒުކުރަން ލިބުނު ފުރުޞަތެއް ކަމުގައި ދެކޭށެވެ! އެއީ މުސްލިމުންނަށް އަމުރުވެވިގެން ވާގޮތެވެ. މާތް ﷲ އަންގަވައިފައި ވަނީ ﴿الَّذِينَ إِن مَّكَّنَّاهُمْ فِي الْأَرْضِ أَقَامُوا الصَّلَاةَ وَآتَوُا الزَّكَاةَ وَأَمَرُوا بِالْمَعْرُوفِ وَنَهَوْا عَنِ الْمُنكَرِ وَلِلَّهِ عَاقِبَةُ الْأُمُورِ﴾ (الحج: ٤١) މާނައީ: “އެއުރެންނީ، ބިމުގައި ތިމަންރަސްކަލާނގެ އެއުރެން ބާރުވެރިކުރައްވައިފި ނަމަ، ނަމާދު ޤާއިމުކޮށް، ޒަކާތް ދީ، ހެޔޮކަންތަކަށް އަމުރުކޮށް، ނުބައިކަންތައް ނަހީކޮށްއުޅޭ މީހުންނެވެ. ކަންކަމުގެ ނިމުންވަނީ اللَّه އަށެވެ.”
ކަން މިހެން އޮތްއިރު ވަޒީފާއަކުން ބާރެއް ލިބޭ ކޮންމެ މީހަކު ﷲ ގެ ދީނަށް ނަޞްރުދޭން ވާނެއެވެ. އޭނާގެ މަސްއޫލިއްޔަތުތައް ފުރިހަމައަށް އަދާކުރަންވާނެއެވެ. ނާޖާއިޒު ގޮތުގައި ބާރުގެ ބޭނުން ކުރާކަށް ނުވާނެވެ. އެހެން މީހުންގެ ޙައްޤުތަކަށް ރައްކައުތެރިވާން ވާނެއެވެ. އިޖްތިމާޢީ ހަމަޖެހުމާއި އަމަންއަމާންކަން ދެމެހެއްޓުމަށް ޓަކައި ވަޒީފާގައި އިޚުލާޞްތެރިވާށެވެ!
الشَّيْخ مُحَمَّدُ أَفْضَل

