ރާއްޖެއިން އުމްރާއަަށް މީހުން ގެންދިއުމަށް ޝައުގުވެރިިވާ ފަރާތްތަކަށް އެކަމުގެ ހުއްދައަށް އެދުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.
އިސްލާމިކް މިނިސްޓްރީއިން މިއަދު ކުރި އިއުލާނެއްގައި ބުނެފައި ވަނީ އުމްރާއަށް މީހުން ގެންދިއުމަށް ޝައުގުވެރިވާ ފަރާތްތަކަށް ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުސަތު މި މަހުގެ 16 ވަނަ ދުވަހުގެ ނިޔަލަށް އޮންނާނެ ކަމަށެވެ. ޕްރޮޕޯސަލް ބަލައިގަންނަން ފަށާނީ މި މަހުގެ 12 އިން ފެށިގެންނެވެ.
އުމްރާ ހުއްދައަށް އެދި ހުށަހަޅަން ޖެހޭ ޕްރޮޕޯސަލް ފޮތް މިއަދުން ފެށިގެން މިނިސްޓްރީގެ ވެބްސައިޓުން ލިބެން ހުންނާނެ އެވެ. އުމްރާއަށް މީހުން ގެންދަން ހުއްދަ ދެނީ ދެ އަހަރުގެ މުއްދަތަށެވެ.
ރާއްޖޭން މީހުން އުމްރާއަށް ގެންދިއުމުގެ ހުއްދަ ދީފައިވަނީ 50 ކުންފުންޏަކަށެވެ. އޭގެ ތެރެއިން ހަތަރު ކުންފުންޏެއްގެ ހުއްދަ ވަނީ މިދިޔަ މާޗު މަހު ހަމަވެފަ އެވެ. އަދި ތިން ކުންފުންޏެއްގެ ހުއްދަ މި އަހަރުގެ އޮގަސްޓުގައި ހަމަވާނެ އެވެ. ބާކީ ކުންފުނިތަކުގެ ހުއްދަ ހަމަވާނީ އަންނަ އަހަރުގެ ޖޫން އަދި ނޮވެމްބަރު މަހު އެވެ.

