ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވަޢުދުތަކުގެ ތެރޭގައި ހިމެނޭ މަސްވެރިކަމާ ބެހޭ ކޮލެޖު ޤާއިމްކޮށް، އެ ކޮލެޖުގައި ހިމެނޭ ކޯސްތަކުގެ ކިޔެވުން މިއަހަރުގެ އޮގަސްޓުމަހު ފެށޭނެ ކަމަށް ދިވެހިރާއްޖޭގެ ޤައުމީ ޔުނިވާސިޓީން ބުނެފިއެވެ.
ރާއްޖޭގައި ފުރަތަމަ ފަހަރަށް ފިޝަރީޒް ކޮލެޖެއް ޤާއިމުކުރެއްވުމަށް ނިންމަވާފައިވާކަން ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އިއުލާނު ކުރެއްވީ މިދިޔަ އަހަރުގެ މަސްވެރިންގެ ދުވަހު ބޭއްވި ރަސްމީ ޖަލްސާގައެވެ.
ޤައުމީ ޔުނިވާސިޓީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވައިސް ޗާންސެލަރ ޑރ. ޢައިޝަތު ޝެހެނާޒް އާދަމް ވިދާޅުވީ މަސްވެރިކަމާ ބެހޭ ކޮލެޖު ޤާއިމްކުރުމުގެ މަސައްކަތް މިހާރު ފަށާފައިވާ ކަމަށެވެ. އަދި މި ކޮލެޖުގެ ކިޔެވުން ފަށާއިރު މަސްވެރިކަމާ ބެހޭ ކުދި ކޯސްތައް ކިޔަވައިދިނިމުގެ އިތުރުން ޔުނިވާސިޓީގައި މިހާރުވެސް ކިޔަވައިދޭ މަސްވެރިކަމުގެ ކޯސްތައް ކޮލެޖުން ކިޔަވައިދޭނެ ކަމަށް ޑރ. ޝެހެނާޒް ވިދާޅުވިއެވެ.
ޑރ. ޝެހެނާޒް ވިދާޅުވީ މި ކޮލެޖު ޤާއިމްކުރާނީ މާލޭގައި ކަމަށެވެ.
ޑރ. ޝެހެނާޒް އިތުރަށް ވިދާޅުވީ މުޅިން އަލަށް ދަނޑުވެރިކަމާބެހޭ ކޯސްތަކެއް ފެށުމަށްވެސް ޔުނިވާސިޓީން ދަނީ ތައްޔާރުވަމުން ކަމަށެވެ. އަދި ކޯސްތައް އެކްރެޑިޓް ކުރުމުގެ މަސައްކަތް މިހާރު ކުރަމުންދާ ކަމަށާއި މި ކޯސްތައް ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވަނީ ބިން ބޮޑު ރަށެއްގައިކަމަށްވެސް ޑރ. ޝެހެނާޒް ވިދާޅުވިއެވެ.
“ދަނޑުވެރިކަމާ ބެހޭ ކޯސްތައް ފަރުމާކުރުމުގެ މަސައްކަތް ގާތްގަނޑަކަށް ނިމިފައި. އެ ކޯސްތައް ހިންގުމަށް ޔުނިވާސިޓީގެ ކޮމިޓީ އޮން ކޯސަސްއިން ހުއްދަ ދިނުމާއެކީގައި އެމްކިޔުއޭގެ ހުއްދައަށް އަޅުގަނޑުމެން އެދޭނަން.” ޑރ. ޝެހެނާޒް ވިދާޅުވިއެވެ.
ރާއްޖޭގައި ފުރަތަމަ ފަހަރަށް ފިޝަރީޒް ކޮލެޖެއް ޤާއިމުކުރެއްވުމަށް ނިންމަވާފައިވާކަން އިއުލާން ކުރައްވަމުން ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވީ ފުރަތަމަ ފަހަރަށް ރާއްޖޭގައި ޤާއިމުކުރައްވާ ފިޝަރީޒް ކޮލެޖް ޤާއިމުކުރައްވާނީ ޤައުމީ ޔުނިވާސިޓީއާ ގުޅިގެން ކަމަށެވެ. އަދި އެކަމުގެ އިދާރީ މަސައްކަތް ސަރުކާރުގެ ހަފުތާ 14 ގެ ތެރޭގައި ކުރިއަށް ގެންގޮސްފައިވާކަން ވެސް އެމަނިކުފާނު ވަނީ އޭރު ފާހަގަކުރައްވާފައެވެ.
މަސްވެރިކަމުގެ ކޮލެޖެއްގެ އިތުރުން، މަސްވެރިކަންކުރާ ކޮންމެ އޮޑިޔަކުން މަދުވެގެން 1 ފަޅުވެރިޔަކު “ރެސްކިއު ޑައިވަރ” ފެންވަރުގެ ސަނަދެއް ހާސިލުކޮށްފައިވާ ފަރާތަކަށް ހެދުމަށްޓަކައި ޚާއްޞަ ތަމްރީނު ޕްރޮގްރާމެއްވެސް ސަރުކާރުން ދަނީ ކުރިއަށް ގެންދަވަމުންނެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ މެނިފެސްޓޯގައި މަސްވެރިންނަށް ޚާއްޞަ އިސްކަމެއް ވަނީ ދެއްވާފައެވެ. މިގޮތުން ދިވެހިރާއްޖޭގައި ބާނާ މަހުގެ އުފެއްދުންތަކަށް ބޭރުގެ ބާޒާރުގައި މަތީ އަގު ހޯދުމަށް ކުރައްވާ މަސައްކަތުގެ ދަށުން، ރާއްޖޭގައި ބާނާ މަސް ގަންނާނެ އިތުރު ބާޒާރުތައް ހޯދައި މާކެޓްކޮށް، ޕްރޮމޯޓް ކުރުމަށް ޚާއްޞަ މަސައްކަތްތަކެއް ދަނީ ކުރައްވަމުންނެވެ.

