މުސާރަ، އެލަވަންސް، ބޯނަސް، ހިއްސާގެ ފައިދާ، ޕެންޝަން ފައިސާ ފަދަ އެއް ފަހަރާ ގިނަ ފަރާތްތަކަކަށް ޖަމާކުރަންޖެހޭ ފައިސާ ފަސޭހަކަމާ އެކު ޓްރާންސްފާ ކުރެވޭ ގޮތަށް ބިޒްނަސް އިންޓަނެޓް ބޭންކިންއަށް ބަދަލު ގެނެސް، ބަލްކް ޕޭމަންޓްގެ ހިދުމަތް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ތައާރަފުކޮށްފިއެވެ.
މި ހިދުމަތަށް ރަޖިސްޓްރީވުމުން، ވިޔަފާރިތަކަށް ދިވެހި ރުފިޔާއިން އަދި ޔޫއެސް ޑޮލަރުން ބީއެމްއެލްގެ އެކި އެކައުންޓްތަކަށް އޮޓޮމެޓިކްކޮށް ބަލްކް ޕޭމަންޓް ހެދޭނެއެވެ.
އަލަށް ތައާރަފްކުރި މި ހިދުމަތާ ގުޅޭ ގޮތުން، ބޭންކުގެ ކޯޕަރޭޓް ބޭންކިންގ ޑައިރެކްޓަރ އަހުމަދު އަސީފް ވިދާޅުވީ މެނުއަލް ޕްރޮސެސްތައް ދޫކޮށްލާ، އެއްފަހަރާ ގިނަ ޓްރާންސްފަރ ކުރުމަކީ ވިޔަފާރިތަކަށް އޮޓޮމެޓިކްކޮށް ހޯދޭ ހިދުމަތަކަށް ބަދަލުކޮށްލެވޭކަމީ އެ ބޭންކަށް ލިބޭ އުފަލެއްކަމަށެވެ. މިބަދަލާއެކު، އިންޓަރނެޓް ބޭންކިންގ މެދުވެރިކޮށް އެކި ބާވަތުގެ ބަލްކް ޕޭމަންޓް ހެދުމާއި، ޑުޕްލިކޭޓް ރިކޯޑްތައް ފާހަގަ ކުރުމާއި ވަކިވަކި ޕޭމަންޓްތަކުގެ ޕޭމަންޓް ސްޓޭޓަސް ބަލާލެވޭނެކަމަށް އޭނާ ވިދާޅުވިއެވެ.
“ޑިޖިޓަލައިޒް ކުރުމަކީ އަޅުގަނޑުމެންގެ ސްޓްރެޓަޖީގެ ވަރަށް މުހިންމު ބަޔެއް އަދި ބޭންކިންގ ހިދުމަތުގެ ފެންވަރު އިތުރަށް ރަނގަޅު ކުރުމަށް މަސައްކަތްކޮށް އަޅުގަނޑުމެންގެ ކަސްޓަމަރުންނަށް އަވަސް، އަދި ހިދުމަތް ހޯދުމުގައި އެފަރާތްތަކުން ބޭނުންވާ ފަދަ ރަނގަޅު ހިދުމަތެއް ފޯރުކޮށްދިނުމުގައި އަޅުގަނޑުމެން ދެމި ތިބޭނަން. މި ބޭންކަކީ ރާއްޖެއަށް ވަރަށް ގިނަ އައު ހިދުމަތްތަކެއް ތައާރަފްކުރި ބޭންކެއް. އަދި އަޅުގަނޑުމެންގެ ކަސްޓަމަރުންނަށް އެންމެ ފަހުގެ ޓެކްނޮލޮޖީ އެކުލެވޭ ސޮލިއުޝަންސް ހޯދައިދިނުމަށް އީޖާދީ ޕާރޓްނަރުންނާއެކު އަޅުގަނޑުމެން މަސައްކަތްކުރަމުންދާނަން.” އަހުމަދު އަސީފް ވިދާޅުވިއެވެ.
އިންޓަރނެޓް ބޭންކިންގ ބޭނުންކުރަމުންދާ ވިޔަފާރިތަކުން މި ހިދުމަތަށް އެދި ހުށަހަޅަންޖެހޭ ލިޔުންތަކާއެކު ހިލޭ ލިބޭ މި ހިދުމަތަށް ރަޖިސްޓްރީވުމަށް އެދި ހުށަހެޅޭނެކަމަށް ބީއެމްއެލްއިން ވަނީ ބުނެފައެވެ.

