މިއަދު، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ތެރޭގައި މާރާމާރީ ހިންގި ބިދޭސީ މީހާ ދޫކޮށްލައިފިއެވެ.
މިއަދު މީސްމީޑިއާގައި އާންމުވި ވީޑިއޯއަކުން މި ބިދޭސީ މީހާ ވީއައިއޭ ޓާމިނަލްގެ ޗެކިން ކައުންޓަރު ސަރަހައްދުގައި މާރާމާރީ ހިންގައި އެއާޕޯޓުގައި މަސައްކަތްކުރާ މީހަކަށް ހަމަލާ ދީފައިވާ މަންޒަރު ފެނެއެވެ. އަދި އެ މުވައްޒަފުމީހާ ވެސް ބިދޭސީ މީހާއަށް ރައްދު ހަމަލައެއް ދޭތަން ވީޑިއޯއިން ފެނެއެވެ.
އޭގެ ފަހުން ދެން އާންމު ވި ވީޑިއޯއެއްގައި އެމީހާ ފުލުހުންގެ ހައްޔަރަށް ގެންދާތަން ފެނިގންދެއެވެ.
މި ބިދޭސީ މީހާ އެއަރޕޯޓު ޑިއުޓީގައި ތިބި ދެ މުވައްޒަފަކަށް ހަމަލާދިނީ އޭނާގެ ލަގެޖް ބަރުވެ، ބަރުވި ލަގެޖަށް ފައިސާ ދެއްކުމަށް އެދުމުންނެވެ.
ފުލުހުން ބުނީ ހެނދުނުގެ ވަގުތެއްގައި އެއާޕޯޓުގައި މާރާމާރީ ހިންގި ކަމަށް ތުހުމަތު ކުރެވޭ ބިދޭސީ ފިރިހެނަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށެވެ.
އަދި މިރޭ، އެ ބިދޭސީ މީހާގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، މުއްދަތު ކޮމިޓީ އިން ޝަރުތުތަކަކާއެކު އެމީހާ ދޫކޮށްލީ ކަމަށް ފުލުހުން ވަނީ ބުނެފައެވެ. އެހެންނަމަވެސް ކޯޓުން މި ބިދޭސީ މީހާއަށް ކުރީ ކޮން ޝަރުތުތަކެއް ކަމެއް ފުލުހުން ނުބުނެއެވެ.

