ޣައްޒާގެ ދެކުނުގައި ވާ ފަލަސްތީނުގެ ބައެއް ސަރަހައްދުތަކުން ފަލަސްތީނުގެ ރައްޔިތުން ފޭބުމަށް އިޒްރޭލުގެ އަސްކަރިއްޔާއިން ވަނީ އަންގާފައެވެ. އިޒްރޭލުގެ އަސްކަރިއްޔާއިން ރަފާހަށް ގިނަ ދުވަސްތަކެއް ވަންދެން އިންޒާރު ދެމުން ގެންދިޔަ ހަމަލާތައް ދޭން ތައްޔާރުވެފައިވާ ކަމަށް ބެލެވެ އެވެ.
ގެދޮރު ގެއްލިފައިވާ ގިނަ އަދަދެއްގެ ފަލަސްތީނު ރައްޔިތުން ރަފާހުގައި ތިބިއިރު އެ މީހުން އެހެން ސަރަހައްދަކަށް ބަދަލުކުރުމަށް އިޒްރޭލު ސިފައިން އިއްޔެ ވަނީ އަންގާފަ އެވެ.
އިޒްރޭލުގެ އަސްކަރިއްޔާއިން ސޯޝަލް މީޑިއާގައި ކޮށްފައިވާ ޕޯސްޓުތަކުގައި ބުނެފައިވަނީ ޚާން ޔޫނިސްގެ ހުޅަނގުން މެޑިޓަރޭނިއަން ކަނޑުގެ ސަރަހައްދުގައި އޮންނަ އަލްމަވާސީ ރެފިއުޖީ ކޭމްޕްގެ ސަރަހައްދަކަށް ދިއުމަށް އިރުމަތީ ރަފާހުގައި ދިރިއުޅޭ މީހުންނަށް އަންގާފައިވާ ކަމަށެވެ.
އަސްކަރިއްޔާއިން ބުނީ މި އެންގުންތައް އަންގާފައިވަނީ ފްލަޔަރ، އެސްއެމްއެސް މެސެޖް، ފޯން ކޯލް އަދި އަރަބި ބަހުން ބްރޯޑްކާސްޓްކޮށްގެން ކަމަށެވެ.
"އިޒްރޭލުގެ ސިފައިން ޣައްޒާއަށް ހަމަލާދޭނީ ހަމާސްއިން ބަންދުގައި ބަހައްޓާފައި ތިބި އެންމެން ގައުމަށް އެނބުރި އަންނަންދެން،" އެ ބަޔާނުގައި ވެ އެވެ.
އިޒްރޭލުގެ އަސްކަރިއްޔާގެ ތަރުޖަމާނު އަވިޗޭ އަދުރައި އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ބުނެފައިވަނީ މި އެންގުން އަންގާފައިވަނީ އައްސަލާމް، ޖަނީނާ، ތަބެތު ޒިރާ އަދި އަލްބަޔޫކްގެ އަވަށްތަކުގެ އަޝް-ޝޯކާ ސަރަހައްދުގެ ހުރިހާ ރައްޔިތުންނަށް ކަމަށެވެ.
އިޒްރޭލުގެ އަސްކަރިއްޔާގެ ތަރުޖަމާނަކު ނޫސްވެރިންނަށް މައުލޫމާތު ދެމުން ބުނީ އެއް ލައްކައެއްހާ މީހުން އެއަވަށުން ނެރެމުންދާ ކަމަށެވެ.
ހަމާސްގެ އޮފިޝަލެއް ކަމަށްވާ ސާމީ އަބޫ ޒުހްރީ ރޮއިޓާސްއަށް ބުނެފައިވާ ގޮތުގައި، އިޒްރޭލުން މީހުން ހުސްކުރުމުގެ އަމުރާއި، ދެމުންދާ ހަމަލާތަކަކީ އެކަމުގެ ނުބައި ނަތީޖާ ނުކުންނާނެ ކަމެއް ކަމަށެވެ.
އިންސާނީ ކާރިސާއެއް ކުރިމަތިވެދާނެ ކަމުގެ އިންޒާރު އެމެރިކާ ހިމެނޭ ގޮތަށް އިޒްރޭލައި އެއްކޮޅަށް ތިބި ގައުމުތަކުން ދިން ނަމަވެސް އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ވަނީ ރަފާހަށް ހަމަލާ ދޭނެކަމަށް ހަފުތާތަކެއް ވަންދެން ބުނެފައެވެ.
އިޒްރޭލުން ބުނަނީ އެ ސިޓީއަކީ ހަމާސްގެ ކޮމާންޑަރުންނާއި ފަލަސްތީނުގެ ހަނގުރާމަވެރި ޖަމާއަތްތައް ތިބޭ މަރުކަޒެއް ކަމަށާއި ކާމިޔާބު ހޯދުމަށް ނަތަންޔާހޫ ވެފައިވާ ވައުދުގެ ދަށުން އެ މީހުން ނައްތާލަން ޖެހޭ ކަމަށެވެ.
ނަމަވެސް އެންޖީއޯތަކުން ބުނަމުންގެންދަނީ ރަފާހުގައި ގިނަ އަދަދެއްގެ ރައްޔިތުންނަށް ހިޔާވަހިކަމެއް ނެތް ކަމަށެވެ. އިސްރާއީލުން ޣައްޒާގެ އެހެން ސަރަހައްދުތަކަށް ދިން ހަމަލާތަކުގެ ސަބަބުން ގެދޮރު ގެއްލިފައިވާ މީހުން އެ ސިޓީއަށް ބަދަލުވެފައިވާއިރު، އެ ސިޓީގެ އާބާދީ ގާތްގަނޑަކަށް 1.4 މިލިއަނަށް އަރާފައިވާ ކަމަށް ބެލެވެއެވެ. ނަމަވެސް އިޒްރޭލުން ދެމުން ގެންދާ ޙަމަލާތަކުން އެ މީހުންނަށް ރައްކާތެރިކަން ލިބޭނެ ތަނެއް ނެތެވެ.
އދ.ގެ އެޖެންސީ ފޯ ފަލަސްތީން ރެފިއުޖީސް (ޔޫއެންއާރުޑަބްލިއުއޭ) އިން ސޯޝަލް މީޑިއާގައި ކުރި ޕޯސްޓެއްގައި ބުނެފައިވަނީ އިސްރާއީލުގެ ހަމަލާތަކުގެ ސަބަބުން އެތައް ފަލަސްތީނުގެ ރައްޔިތުންނެއްގެ ފުރާނަ ގޮސް، އިތުރު ހިތާމައާއި ހިތްދަތިކަން ކުރިމަތިވެގެން ދާނެ ކަމަށެވެ. އޮކްޓޯބަރު މަހުން ފެށިގެން މިހާތަނަށް 34،000 އަށް ވުރެ ގިނަ މީހުން މަރުވެފައިވެއެވެ.
ކުރިންރޭގެ ވަރުގަދަ ބޮމުގެ ހަމަލާތަކުގައި އެސިޓީގެ 8 ކުޑަކުދިންނާއެކު 22 މީހުން ޝަހީދުކޮށްލުމަށްފަހު އިޒްރޭލުން މީހުން ހުސްކުރުމުގެ އަމުރު ނެރުނެެވެ.
އަލްޖަޒީރާގެ ހާނީ މަހްމޫދު، ރަފާހްއިން ރިޕޯޓް ކުރަމުން ބުނެފައިވަނީ، އެ އަމުރު އައީ ކެރެމް ޝަލޯމްގެ ނުވަަތަ ކަރެމް އަބޫ ސަލީމް މަގަށް ހަމާސް ޖަމާއަތުން ދިން ހަމަލާއާއި، އިސްރާއީލުން ދިން ވަރުގަދަ ރައްދުގައި ރަފާ ސިޓީގެ އިރުމަތީ ސަރަހައްދުތަކަށް އަމާޒުކޮށް 11 ވައިގެ ހަމަލާއެއް ދީފައިވާތީ ކަމަށެވެ.
"ފާހަގަކޮށްލަން ޖެހޭ ކަމަކީ މިހާތަނަށް އިޒްރޭލުގެ އަސްކަރިއްޔާއިން ކަނޑައެޅި ހުރިހާ އިވެކުއޭޝަން ޒޯންތަކަކީ ގެދޮރު ގެއްލިފައިވާ އާއިލާތަކަށް ރައްކާތެރި ސަރަހައްދުތަކެއް ނޫން ކަން. ހުޅަނގުގެ ޚާން ޔޫނިސް އަދި 1.5 މިލިއަން މީހުން ހިޔާވަހިކަން ހޯދަމުން އަންނަ ރަފާހުގެ ސަރަހައްދުތަކަށްވެސް ހަމަލާތައް ދެމުން އެބަދޭ،" އޭނާ ބުނެފައިވެ އެވެ.
އިސްރާއީލުގެ ދިފާއީ ވަޒީރު ޔޯވް ގަލަންޓް ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ ރަފާހުގައި އަސްކަރީ އޮޕަރޭޝަނެެެއް ހިންގަން ޖެހެނީ ޣައްޒާގެ ހަނގުރާމައިގެ އެއްބަސްވުމަށް ހަމާސް އިން ދެކޮޅު ހެދުމުގެ ސަބަބުން ކަމަށެވެ.
ހަމާސްގެ އޮފިޝަލަކު ބުނި ގޮތުގައި އެ ޖަމާއަތުގެ މަޝްވަރާ ވަފުދު ދޯހާއަށް ދިޔައީ ގާހިރާގައި އެންމެ ފަހުން ބޭއްވި މަޝްވަރާތަކުގައި އެއްބަސްވުމަަކަށް ނާދެވުމުންނެވެ.
ފަލަސްތީނުގެ އޮފިޝަލުން ބުނީ ކޮންމެ އެއްބަސްވުމެއްގައި ވެސް ގައްޒާގައި ހިނގަމުންދާ ހަނގުރާމަ ދާއިމީ ގޮތެއްގައި ނިމުމަކަށް ގެނައުމަށް ހަމާސްއިން ބޭނުންވެއެވެ.
އިޒްރޭލުން ވަނީ އެއްކޮށް ހަނގުރާމަ ހުއްޓާލުމަށް ދެކޮޅު ހަދައިފައެވެ. އޭގެ ބަދަލުގައި ގައިދީން ބަދަލުކުރުމުގެ ގޮތުން ހަނގުރާމަ ވަގުތީ ގޮތުން ހުއްޓާލުމަށް ވަނީ ހުށަހަޅައިފަ އެވެ.
ޣައްޒާގައި ހައްޔަރުކޮށްފައި ބާކީ ތިބި ގާތްގަނޑަކަށް 130 އެއްހާ މީހުން ދޫކޮށްލުމަށް ނަތަންޔާހޫއަށް ދަނީ ޕްރެޝަރު ބޮޑުވަމުންނެވެ. ނަމަވެސް ކޯލިޝަންގެ ބައިވެރިން ދަނީ ހަނގުރާމަ ކުރިއަށް ގެންދިއުމަށް ބާރު އަޅަމުންނެވެ.

