މާލޭ އިންޑަސްޓްރިއަލް ވިލެޖް ސާފުކޮށް ނިމުމަށްފަހު އެސަރަހައްދަށް ވެހިކަލްގައި ވަނުން މަނާވާނެ ކަމުގައި މާލެސިޓީ ކައުންސިލުން ހާމަކޮށްފިއެވެ.
މާލެސިޓީ ކައުންސިލްގެ މީޑިއާ ކޯޑިނޭޓަރު އާމިނަތު ޝަތުފާ ދިޔަރެސްއާ ހަވާލާދީ ވިދާޅުވި ގޮތުގައި އިންޑަސްޓްރިއަލް ވިލެޖް ސާފުކުރުމަށް ނިންމުމަށްފަހު އެސަރަހައްދަށް އެއްވެސް ވެހިކަލަކަށް ނުވަދޭވޭނެ ކަމަށާއި ނަމަވެސް އާންމުންނަށް ފައިމަގުގައި އެސަރަހައްދަށް ވަދެވޭނެ ކަމަށެވެ.
އިންޑަސްޓްރިއަލް ވިލެޖަށް ވެހިކަލް ވަނުން މަނާކުރި ކަމުގައިވިޔަސް ޕެޓްރޯލް ޝެޑަށާއި އެސަރަހައްދުން ބިން ކުއްޔަށް ނަގާފައިވާ ކުންފުނިތަކުގެ މުވައްޒަފުންނަށް ވަދެވޭނެކަމުގައިވެސް ޝަތުފާ ފާހަގަކުރެއްވިއެވެ.
އިންޑަސްޓްރިއަލް ވިލެޖް ސާފުކުރުމުގެ މަސައްކަތް ސިޓީކައުންސިލުން ކުރަމުން އަންނައިރު އެތަން ކުރިމަގުގައި ސާފުކޮށް ބޭއްވުމަށް އެކައުންސިލުން ވަނީ ފިޔަވަޅުތަކެއް އަޅަން ނިންމާފައެވެ. އެގޮތުން ވެމްކޯއިން އެސަރަހައްދު ސާފުކޮށް ބަލަހައްޓާނެ ކަމަށާއި ބިންތައް ކުއްޔަށް ހިފާފައިވާ ފަރާތްތަކާއި ގުޅިގެން އެބިންތައް ހިމެނޭ ސަރަހައްދުތައް ސާފުކުރުމުގެ އިތުރުން އެމްޕީއެލް އާއި ސިޓީ ކައުންސިލް ގުޅިގެން އެ ސަރަހައްދުގައި ސެކިއުރިޓީ ބަލަހައްޓާނެކަމުގައި ސިޓީކައުންސިލުން ވަނީ ހާމަކޮށްފިއެވެ.
އިންޑަސްޓްރިއަލް ވިލެޖް ސާފުކުރަން މާލެސިޓީ ކައުންސިލުން ކޮށްފައިވާ މަސައްކަތުގެ ތެރޭގައި އެތައް ސަތޭކަ ޓަނުގެ ކުނި ވަނީ އެސަރަހައްދުން ނަގާފައެވެ.

