ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ ބައެއް މުވައްޒަފުން ގައިގައި ތަޅައި މާރާމާރީ ހިންގިކަމުގެ ތުހުމަތުގައި ފުލުހުން ހައްޔަރުކުރި އެމެރިކާގެ ފިރިހެން މީހާ ދޫކޮށްލީ ރާއްޖެއިން ފުރައިގެން ނުދެވޭ ގޮތަށް ރަށު ބަންދަށް ކަމަށް އެނގިއްޖެ އެވެ.
އެ މީހާގެ ބަންދާ މެދު ގޮތެއް ނިންމަން ހުޅުމާލެ މެޖިސްޓްރޭޓް ކޯޓަށް ގެންދިއުމުން، އެ ކޯޓުން އިއްޔެ އޭނާ ދޫކޮށްލީ ތިން ޝަރުތާއެކު ކަން "ހުވަދޫ" ނޫހަށް ވަނީ ޔަގީން ކުރެވިފަ އެވެ. އެއިން ޝަރުތަކާ ހިލާފުވެއްޖެނަމަ އޭނާ އަލުން ބަންދަށް ގެންދާނެ އެވެ.
އެއީ ގާނޫނީ ކުށެއް ނުކުރުމާއި، ތަހުގީގަށް ބަޔާން ދިނުމަށް ފުލުހުންނަށް ހާޒިރުވުމާއި އަދި މާލެ ފިޔަވައި އިތުރު ތަނަކަށް ޝަރުތުގެ މުއްދަތުގައި ނުދިޔުމަށެވެ. ޝަރުތުގެ މުއްދަތެއްގެ ގޮތުގައި ކަނޑައަޅާފައިވަނީ 30 ދުވަހެވެ.
މާލެ ސަރަހައްދު ފިޔަވައި އެހެން އެއްވެސް ތަނަކަށް ދިއުން މަނާކޮށް ބިދޭސީމީހާ ދޫކޮށްލި ނަމަވެސް އޭނާ ހައްޔަރު ކުރުމުގެ އަމުރެއް ކޯޓުން ނުދިނުމުން ގިނަ ބަޔަކު ދަނީ ފާޑުކިޔަމުންނެވެ.
އެ މީހާ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި މާރާމާރީ ހިންގީ ބަރުވި ލަގެޖަށް ފައިސާ ދައްކަން އެދުމުން ކަމަށް، އެ މަންޒަރު ދުށް ބައެއް މީހުން ބުނެފައި ވެ އެވެ. އެ ތަނުގައި އެ ވަގުތު ހުރި މީހަކު ބުނީ އޭނާ ފުރަން ގޮސް، ބަރުވި ލަގެޖަށް ފައިސާ ދައްކަން އެމްއޭސީއެލްގެ މުވައްޒަފުން އެދުމުން އެންމެ ފުރަތަމަ އެއްޗެހި ކިޔައި ހަޅޭއްލަވަން ފެށި ކަމަށެވެ.
ފައިސާ ނުދައްކާ އެއްޗެހި ކިޔަން ފެށުމުން އެ ބިދޭސީ މީހާގެ ލަގެޖުތައް ބެލްޓުން ބޭލި ކަމަށް ވެސް އޭނާ ބުންޏެވެ.
"އެތަނުގައި ހުރި އެހެން މީހަކު އެ ގަޑީގައި ދިޔައީ ސެކިއުރިޓީ މީހުން ހޯދަން. ދަނިކޮށް ފަހަތުން ގޮސް އެ މީހާގެ ގައިގައި ޖެހީ،" އޭނާ ބުންޏެވެ.
އެއީ އެމެރިކާގެ ޕާސްޕޯޓް އޮތް މީހެއް ކަމަށާއި އޭނާ ދަތުރުކުރަން ހަމަޖެހިފައި އޮތީ އަބޫދާބީ އަށް ކަމަށް ވަނީ އެނގިފަ އެވެ.

