ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން މި ހަފުތާގައި ތައާރަފު ކުރި ހޯމް ބިލްޑު ލޯނުގެ ސަބަބުން ރަށްރަށުގައި ގެދޮރު ނުހެދިފަ ތިބި ފަރާތްތަކަށް ރަހުނު ކުރުމުގައި ދިމާވާ ދަތި ހައްލުވެގެންދާނެ ކަމަށް އެ ބޭންކުން ބުނެފި އެވެ.
ގެދޮރު އިމާރާތްކުރުމާއި މަރާމާތު ކުރުމަށް ކަސްޓަމަރުންގެ އޮތް ޑިމާންޑަށް ބަލައި ބޭންކުން ތައާރަފު ކުރީ ހޯމް ބިލްޑް ލޯނާއި ހޯމް އިކުއިޓީ ލޯނެއެވެ.
އަލަށް ތައާރަފު ކުރި ހޯމް ބިލްޑް ލޯން ފަރުމާކޮށްފައިވަނީ އެއްވެސް ރަހުނަކާ ނުލައި އެއް މިލިއަން ރުފިޔާއާ ހަމަޔަށް އަމިއްލަ ފަރުދުންނަށް ލޯނު ނެގޭ ގޮތަށެވެ. ލޯނު އަނބުރާ ދެއްކުމަށް 15 އަހަރުގެ މުއްދަތެއް ލިބޭ އިރު، މިއީ ގެދޮރު މަރާމާތުކުރުމަށާއި ރާއްޖޭގެ ކޮންމެ ސަރަހައްދެއްގައިވެސް ގެދޮރު ހެދުމަށް އެކަށީގެންވާ އަދަދެއް ކަމަށް ބީއެމްއެލުން ބުންޏެވެ.
ބީއެމްއެލްގެ ހެޑް އޮފް ޕަބްލިކް ރިލޭޝަންސް މުހައްމަދު ސައީދު އަދަދު ނޫހާ ހަވާލާދީ ވިދާޅުވީ އާ ލޯނުގެ ސަބަބުން ރަށްރަށުގަ ގެދޮރު ހަދަން ބޭނުންވާ ފަރާތްތަކަށް ލިބޭނެ އެންމެ ބޮޑު ފަސޭހައަކަށް ވާނީ ހަދާ ތަން ނޫން އިތުރު ތަނެއް ރަހުނު ކުރަން ނުޖެހުމެވެ.
“މީގެ ކުރިން ރަށްރަށުގަ ގެދޮރު އިމާރާތްކުރުމަށް ބޭނުންވެގެން އަންނަ ކަސްޓަމަރުން އެބަ ޖެހޭ އިމާރާތްކުރާ ތަން ފިޔަވާ އިތުރު ރަހުނު ބަހައްޓަން، ހޯމް ބިލްޑް ފްރޮޑަކްޓް ތަކާއެކު މިވަނީ އިތުރު ރަހުނަކާ ނުލައި އެއް މިލިއަން ރުފިޔާގެ ފައިނޭންސް ނެގޭ ގޮތް ހަމަޖެހިފަ، މިއީ ވަރަށް ގިނަ ކަސްޓަމަރުންނަށް ފައިނޭންސް ހޯދުމުގަ ދިމާވެފައިވާ ދަތިތަކަކަށް ލިބިގެންދާނެ ހައްލެއް،” ސައީދު ވިދާޅުވި އެވެ.
ބީއެމްއެލް އިން ބުނީ ހޯމް ބިލްޑު ލޯނަށް އެދި ހުށަހަޅާއިރު ގެރެންޓާ އެއް ބޭނުމެއް ނުވާނެ ކަމަށެވެ. އެހެން ނަމަވެސް އިތުރު މީހަކާ ގުޅިގެން ލޯނު ހޯދުމަށް ހުށަހެޅިދާނެ ކަމަށް ބޭންކުން ބުންޏެވެ.
ބީއެމްއެލުން އިތުރަށް ބުނީ ބީއެމްއެލް އިސްލާމިކް ކަސްޓަމަރުންނަށްވެސް ހޯމް ބިލްޑް ފައިނޭންސިން އަދި ހޯމް އިކުއިޓީ ފައިނޭންސިން ލިބޭނެ ކަމަށެވެ.

