ރާއްޖޭގައި މިވަގުތު ހުރި ހުރިހާ މިސްކިތެއްގެ އާބާތުރަފިލުވައި މަރާމާތު ކުރުމަށް 200 މިލިއަން ރުފިޔާ ބޭނުންވާ ކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދު ވިދާޅުވެއްޖެއެވެ.
ވަޒީރު މިހެން ވިދާޅުވީ އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާގެ މަސައްކަތްތަކާ ގުޅޭގޮތުން މައުލޫމާތު ދެއްވުމަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައެވެ.
ޑރ. މުޙައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވީ މިސްކިތްތަކުގެ އާބާތުރަ ފިލުވުމަށް ކުރާ ޚަރަދު އިތުރު ކުރެއްވުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވަޢުދުފުޅެއް ކަމަށާއި އެމަނިކުފާނު ވެރިކަމާ ހަވާލުވެވަޑައިގެންނެވިފަހުން ވެސް 19 މިލިއަން ރުފިޔާ ޚަރަދުވެފައިވާ ކަމަށެވެ. އެގޮތުން، 15 މިލިއަން ރުފިޔާ ސަރުކާރުގެ ބަޖެޓުން ޚަރަދުކޮށްފައިވާއިރު ހަތަރު މިލިއަން ރުފިޔާ ޚަރަދުކޮށްފައިވަނީ މިސްކިތު ފަންޑުން ކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ.
ވަޒީރު ވިދާޅުވީ ރާއްޖޭގެ ހުރިހާ މިސްކިތެއްގެ މަރާމާތައް ބޭނުންވާ ފައިސާ އެއްފަހަރާ ހަމަޖައްސަން ދަތިވި ނަމަވެސް ބަޖެޓު ތަންދޭ މިންވަރަކުން އެ މަސައްކަތްތައް ކުރިއަށް ގެންދާނެ ކަމަށެވެ.
“200 މިލިއަން ރުފިޔާ ބޭނުންވާ ކަމަށް މައުލޫމާތުތަކުން ދައްކާ. ރާއްޖޭގައި އެބަހުރި 700 އެއްހާ މިސްކިތް. އެހެންވީމާ ކުރެވޭ މިންވަރުން ކުރެވޭތޯ މަސައްކަތް ކުރަމުން އެބަގެންދޭ. އެންމެ މުހިންމު ކަންތައްތަކަށް އިސްކަންދީގެން ކުރިއަށް އެބަދޭ. އިރާދަކުރެއްވިއްޔާ ކުރިއަށްއޮތް ތަނުގައި އަޅުގަނޑުމެން މާލެއާއި އަތޮޅުތަކުގައި ގާއިމުކުރާ ވަގުފު ޕްރޮޖެކްޓުތަކުގެ ތެރެއިން މިދާއިރާއަށް ހުރި މާލީ ދަތިކަމަށް ވަރަށް ބޮޑު ހައްލެއް އަންނާނެ،” ޝަހީމް ވިދާޅުވިއެވެ.
ޝަހީމް ވިދާޅުވީ ރައީސް ޑރ. މުޢިއްޒު ވެރިކަމާއި ހަވާލުވެވަޑައިގެންނެވި އިރު މިސްކިތްތަކުގެ މަސައްކަތްކޮށްފައިވާ ކުންފުނިތަކަށް ދައްކަން ޖެހޭ 27 މިލިއަން ރުފިޔާ ނުދައްކާ އޮތް ކަމަށެވެ. އަދި މި ސަރުކާރުން އެފައިސާ ދައްކާ ޚަލާސްކޮށްފައިވާ ކަމަށް ވެސް ވަޒީރު ވިދާޅުވިއެވެ.

