ގޭތެރެ ސާފުކުރަން އާންމުކޮށް ބޭނުންކުރާ ކެމިކަލާއި ސްޕްރޭ ތަކުން ހަށިގަނޑަށް ހީވެސްނުކުރާހާ ބޮޑެތި ގެއްލުންތަައް ލިބޭ ކަން އިނގޭ ހެއްޔެވެ؟
އާއްމުކޮށް ކޮންމެ ދުވަހަކުވެސް މީހުން ބޭނުންކޮށް އުޅޭ އެތައް ހާސް އެއްޗެއްގައި ހުންނަ މި ކެމިކަލް އަށް ކިޔަނީ އެންޑޯކްރައިން-ޑިސްރަޕްޓިން ކެމިކަލްސް (އީޑީސީ) އެވެ. ކާއެއްޗެހި ރައްކާކުރުމަށް އާންމު ގޮތެއްގައި ކޮންމެ ގެއެއްގައި ވެސް ބޭނުންކުރާ ޕްލާސްޓިކް އަދި މެޓަލް ކޮންޓެއިނަރުން ފެށިގެން އެއްޗެހި ދޮންނަން ބޭނުންކުރާ ޑިޓާޖެންޓާއި އަލިފާން ނިއްވަން ބޭނުންކުރާ ތަކެތި އަދި ކުޅޭ އެއްޗިއްސާއި ކޮސްމެޓިކްސްގައި ވެސް މި ކެމިކަލް ހުރެ އެވެ.
ދިރާސާ ތަކުން ދައްކާ ގޮތުގައި ކެމިކަލްތައް ޑައިރެކްޓުކޮށް ހަށިގަނޑަށް އެކްސްޕޯސް ނުވި ނަމަވެސް ކެމިކަލް ބޭނުންކުރާ ވަރު އާންމުވަރަށް ވުރެ އިތުރު ވާނަމަ ހަށިގަނޑަށް ގެއްލުންވުމުގެ ރިސްކު ބޮޑެވެ. އެގޮތުން ކްލީނިން ޕްރޮޑަކްޓްސްގެ ވަސްތައް ނޭވާގެ ޒަރިއްޔާއިން ހަށިގަނޑު ތެރެއަށް ވަނުމުން ނޭވާހިއްލާ މައްސަލަ ދިމާވުމުގެ ނުރައްކާ 43 ޕަސެންޓް އިތުރުވެ އެވެ. މިފަދަ ބާވަތްތައް ނޭފަތުގެ ތެރެއިން ދަތުރުކުރާ ހޮޅިއަށް ގެއްލުންވެ އުމުރުން ދުވަސްވާ ވަރަކަށް މި ގެއްލުންތައް ފުއްޕާމެއިން ވެސް ފެންނަން ފަށަ އެވެ. ޚާއްސަކޮށް، ސާފުކުރުމުގެ މަސައްކަތްކުރާ ޕްރޮފެޝަނަލް މީހުންނަށް މި ގެއްލުން މާ ބޮޑުވާނެ އެވެ.
މީގެ އިތުރުން މާބަނޑު އަންހެނުން އުޅޭ މާހައުލެއްގައި މިފަދަ ކެމިކަލްތައް އެކްސްޕޯސް ވާނަމަ ކެންސަރާއި އޯޓިޒަމް އަދި ހަކުރު ބައްޔާއި އެޓެންޝަން-ޑެފިސިޓް/ހައިޕައެކްޓިވިޓީ ޑިސްއޯޑާ (އޭޑީއެޗްޑީ) ފަދަ ސިއްހީ މައްސަލަތައް އަންހެން މީހާ އަދި ބަނޑުގައި އޮންނަ ދަރިއަށް ކުރިމަތިވެ އެވެ.

