މިއީ ދެކުނު ރަށެއްގެ ހިނގައިދިޔަ ހަނގީގީ ހާދިސާއެއްގެ މައްޗަށް ލިޔެވޭ ވާހަކައެކެވެ. މި ހާދިސާ ހިނގާފައިވަނީ 2000 ވަނަ އަހަރުގެ ކުރީ ކޮޅުގައެވެ. އަދިވެސް އެރަށުގެ ސަރަހަށްދަށްދާ މީހުންނަށް އެތަނުން ފެންނީ ބިރުވެރިކަމާއި ނާމާން ކަމެވެ. ކުޑަކުއްޖަކު ފެނެއެވެ. ފެނިފަ ގެއްލެއެވެ.
ދުވަސްވަރަކީ ރަށްރަށުގައި ރައްޔިތުންގެ، އިންޖީނުގެ ހިންގަމުން އައި ދުވަސްވަރެވެ. ކޮންމެވެސް ވަރަކަށް ޒަރޫރީ ބޭނުމަށް ކަރަންޓް ލިބުނު ކަމުގައިވީނަމަވެސް މަގުމަތީގައި ކަރަންޓެއް އޭރު ނުހުރެއެވެ. އިރުއޮއްސުމާއިއެކު ރަށް އެއްކޮށް އަނދިރިވެއެވެ. ނާމާންވެ ބިރުވެރިވެއެވެ. މީހުންވެސް ނިދާ ރަށް އެއްކޮށް ހަމަހިމޭންވެއެވެ. މަދު މީހަކު ފިޔަވާ މީހަކުވެސް މަގު މައްޗަށް ނުނުކުމެއެވެ. އެގޮތުން މި ރަށުގެ މަގުމައްޗަށްވެސް މީހުން ނުކުމެ ނުއުޅެއެވެ.
ރަށަކީ އެހާ ބޮޑު ރަށެއްނޫން ކަމުގައިވީނަމަވެސް ރޭގަނޑަށް އަނދިރިވުމުން ރަށުތެރެއިން ކުރެވެނީ ބިރުވެރި އިހުސާސްތަކެވެ. އެކިއެކި ޒާތްޒާތުގެ ފަންޏާއި، ދިރޭ އެއްޗެހީގެ ގޮވެލީގެ އަޑެވެ. ޕީޕީ ފަނީގެ މިއުޒިކީ އަޑެވެ.
ރޭގަނޑު ނިދަން އެނދަށްއަރާ އޮތް ސަހިއްޔާއަކަށް އެރޭ ލޮލުފިޔައެއް ނުޖެހެއެވެ. އެއީ އޭނާގެ ކޮންމެރެއެއްގެ ހާލަތެވެ. ސަބަބަކީ އޭނާގެ ބޮޑުވަމުން ދިޔަ ފިރިހެންދަރި އަގީލް ކޮންމެ ރެއަކު ބޭރުގައި އުޅޭތީއެވެ. އުމުރުން 16 އަހަރުގައި އެގޮތަށް ބޭރަށް ނުކުމެ އުޅުމުގެ ތެރޭގައި ކުއްޖާއަށް ލިބިދާނެ ގެއްލުމަކަށް ސަހިއްޔާހުރީ ކަންބޮޑުވުމެއްގައެވެ.
ސަހިއްޔާ ދިރިއުޅެމުންދިޔަ ގެ ވެސް ހުރީ ރަށުގެ ފުއްޓަރު ފަރާތުގައެވެ. އަގީލް ކޮންމެ ރެއަކު ނުކުމެގެންދަނީ އޭނާގެ ރައްޓެހިންނާއި އެކުގައި ކަމަށްވިޔަސް ކުރާ ކަންތައް ނޭނެގެތީއާއި މަގު އޮޅި ކުއްޖާއަށް ވެދާނެ ގޮތެއްވެސް ނޭނގޭތީ ސަހިއްޔާ އެކަމާ ކަންބޮޑުވެއެވެ.
ހަނދާނެ ގޮތް ހުސްވެފައި އޮތް ސަހިއްޔާ ބޭރަށް ނުކުތެވެ. މަގުގެ ދެކޮޅަށް ބަލާލުމަށްފަހު ހިނގައިގަތެވެ. ހަނިހަނިމަގުން ސަހިއްޔާ މިސްރާބު ޖެހީ ރަށުގެ ކަންރެހާ ވަލުތެރެ ކިޔާ ސަރަހައްދާ ދިމާލަށެވެ. އެއީ އިންޖީނުގެ ހުންނަނީ އެ ހިސާބުގައި ކަމަށްވާތީއެވެ. ހޭލާ އުޅޭ ޒުވާނުން އެއްވަނީ އެ ސަރަހައްދަށް ކަމަށް ވެސް ވާތީއެވެ. ރަށުގެ މެދަކާއި ހަމަޔަށް ދެވުނުއިރު، މަޑުމަޑުން ވައިރޯޅިއެއް ދިޔައީ ޖެހެމުންނެވެ. ސަހިއްޔާއަށް ބިރުވެރި އިހުސާސެއް ކުރެވުނެވެ.
ސަހިއްޔާއަށް ހުރެވުނީ ގަބުރުސްތާނެއްގެ މެދުތެރޭގައެވެ. ވަށައިގެން ތިބީ މަހާނަތަކެވެ. އެއީ އެންމެކުރީ ޒަމާނުގައި މީހުން އެތައްމިތަނަށް ވަޅުލި ޒަމާނުގައި މީހުން ވަޅިލި ސަހަރައްދެކެވެ. ދުވާލުވެސް މީހުން ގޮސް ނަހަދާ ސަރަހައްދެކެވެ. ކުއްލިއަކަށް ބިމަށް ބަލާލެވުނެވެ. ސަހިއްޔާގެ ފައި ބިމުގައި ނުޖެހެއެވެ. މީހާ ބިރުން ހުއްޓުން އެރިއެވެ. ތުރުތުރުއަޅާ ގޮތް ހުސްވިއެވެ. ގުޑާލާކަށް ނުކެރިހުރި ސަހިއްޔާ ފަހަތަށްވެސް ބަލާނުލާ ކުރިއަށް ހިނގައިގަތެވެ.
އަނގަޔަށް އައިހާ ހެޔޮއެއްޗެއް ކިޔަމުން ބާރުބާރަށް ދިޔައީ އަނބުރާފަ ގެއާ ދިމާލަށެވެ. ރަށުގެ މީހުން އުޅޭ ހިސާބަށް ދެވުނުތަނާ ފައި ބިންމަތީގައި ޖެހުނެވެ. އެއީ ރޫހާނީ ބާރެއްގެ ދަށުންވީ ކަމެއް ކަމަށް އެނގުނު ނަމަވެސް ސަހިއްޔާ ބާރަށް ދުއްވައިގަތެވެ. ބިރުގަނެފައިހުރިވަރުން ގިފިއްޔަށްވަދެ ފައި ދޮންނާކަށްވެސް ސަހިއްޔާއަކަށް ނުކެރުނެވެ. އޭރު ސަހިއްޔާގެ 2 މަހުގެ ކުޑަދަރިއެއް އޮތެވެ. ބިރުގަނެފައިހުރިވަރުން ކުއްޖެއްގޭގައި އޮތްކަމެއް ސަހިއްޔާ ހަނދާނަކަށް ނައެވެ. އިރުއަރަންދެން ސަހިއްޔާ އިނީ ހޭލައެވެ.
އަގީލް ގެއަށްވަނީ ފަތިސްވީފަހުންނެވެ. ސަހިއްޔާ ފައިގައި އަތްލީއިރު ފައިގައިހުރީ ހިމުން ބިހިތަކެއް ނަގާފައެވެ. ފައި ހިރުވަންވެސް ފެށިއެވެ. ސަހިއްޔާގެ ދެ މަހުގެ ކުޑަ ދަރިފުޅުގެ ފައިވެސް ހިމުން ބިތަކެއްނަގާ ރަތްވާންފެށިއެވެ. އެގޮތަށް ދެމައިން ދިޔައީ ހާލުގައި އުޅެމުންނެވެ.
ބޭސްވެރިއެއްގެ އެހީތެރިކަން އެކި ގޮތްގޮތަށް ސަހިއްޔާ ހޯދިއެވެ. ބޭސްކޮށްކޮށްގެން އެއްވެސް ދިމާލަކުން ކޮޅެއް ނުފެނުނެއެވެ. ފައި ދޮސްލާފައި ހުރުމުން ބިމުގައި އަޅަން ނުކެރޭ ހިސާބަށް ދިޔައެވެ.
އެހާ ހިސާބުން ފަންޑިތަވެރިއެއެއްގެ އެހީތެރިކަން ހޯދިއެވެ. ދެމައިންގެ ފަޔަށް ފެން ކިޔަވަން ފެށިމަ ރިހުން ރަނގަޅުވެ ދުޅަވެސް ތިރިވާން ފެށިއެވެ. މިހާރު އެރަށުގައި މީހުން އެ ސަރަހައްދުން ގެވަޅުތައް ހޯދާ ދިރިއުޅެމުންދެއެވެ. ބިރުވެރި ކަންތައް އެ ސަރަހައްދުން ފެނެއެވެ. އެ ސަރަހައްދު ނާމާނެވެ. ރޭ ގަނޑަށް އިރުއޮއްސުމުން ފާޑުފާޑުގެ ނުބައި އަޑުތައް އިވޭ ކަމަށްވެއެވެ. ކުޑަކުޖަކުވެސް ފެންނަ ކަމަށްވެއެވެ.
ދުވާލު ގަނޑީގައިވެސް އެ ސަރަހަށްދަށް ހިނގާފައި އެ ރަށު ބޯޅަ ކުޅޭ ދަނޑަށްދާކުދިންނަށް ފަޔަށް ތަދުވާކަމަށްވެއެވެ. އެއީ ކުއްލިއަކަށް އަރާ ތަދެކެވެ. އެގޮތަށްވާކުދިން ބުނަނީ ހީވަނީ ކަށި ކޮއްޕާއިރުވާ ދަތުކަހަލަ ތަދެއްހެން ކަމަށެވެ.
އެއީ އެ ރަށު މެދުގައި އޮތް އިހުގެ ގަބުރުސްތާނެވެ. ފޮރުވިފައިވާ ސިއްރުތައް އެ ގަބުރުސްތާނާއިއެކު ވެއެވެ.

