ބުއްދިއަކީ ވާ އެއެއްޗެއް ނަމަވެސް ބުއްދި އަކީ ފެންނަ ނުވަތަ އިޙްސާސް ކުރެވޭ އެއްޗެއް ނޫން ކަމަށް ހުކުރު ހުތުބާގައި ބުނެފިއެވެ.
“ސިކުނޑިއެއް ވާ ކޮންމެ އެއްޗަކީ ބުއްދި ކުރެވޭ އެއްޗެއްވެސް ނޫން” ހުތުބާގައި މިހެން ބުނެފައިވަނީ ކަލަކު ވޮޑިގެންވާ ކަމުގެ ހެކިތަކާއި ގުޅިގެންނެވެ. ﷲ سُبْحَانَهُ وَتَعَالَى مَعْرِفَة ކޮށް ދެނެގަތުމަކީ އެންމެ މަތިވެރި ޢަމަލުތަކުގެ ތެރެއިން ވާ ކަމެއް ކަމަށާއި، އަދި އެކަލާނގެ މަޢުރިފާކޮށް ދެނެގަތުމުގެ އެއް ނަތީޖާ އަކީ އެކަލާނގެއަށް ފުރިހަމަގޮތުގައި އީމާންވުމުގެ ފޮނި މީރުކަން ލިބިގަތުން ކަމަށެވެ.
މީހަކު ކަމަކަށް އީމާންވާ ކަމުގައި ވާނަމަ އެއްވެސް ޝައްކު ކަމެއްނެތި ޔަޤީންކަމާއެކު އެކަމެއް ޤަބޫލުކުރުމުން މެނުވީ އީމާންވީ ކަމުގައި ނުވާނެ ބުނެފައިވެއެވެ. މާތް ﷲ ލައްވާފައިވާ ފިޠުރަތުން އިންސާނާ ބޭރުކުރުމަށްޓަކައި، ކަލަކު ވޮޑިގެންވާކަމުގެ ކައުނީ ޙަޤީޤަތާމެދު ޝައްކުތައް އުފައްދާ ފަރާތްތައް ވަނީ ގިނަވެފައި ކަމަށާއި، އެފަރާތްތަކުގެ ވާހަކަތަކުގައި އެއްވެސް ބުރަދަނެއް ނުވާކަން ބުއްދީގެ ހަމަތަކުން ރަނގަޅަށް ވިސްނައިފި ކޮންމެ މީހަކަށްމެ އެނގޭނެ ކަމަށެވެ.
“ވަށައިގެންވާ ކައުނުގައި ހިނގަހިނގާ ހުންނަ އެކިއެކި ނިޒާމުތަކަށް ބަލާލުމުން ފެންނަނީ ކަލަކު ވޮޑިގެންވާ ކަމުގެ ހެކިތައް. ފުރިހަމަ ނިޒާމެއްގެ ތެރޭގައި ދުނިޔޭގެ ހުރިހާ ކަމެއް، ވަކި ޤާނޫނެއްގެ ދަށުން ހިނގަހިނގާ ހުންނަކަމީ އެއްވެސް ފަރާތެއްގެ ހިންގުމަކާއި ބެލެހެއްޓުމެއްނެތި، އިއްތިފާޤަކުން ހިނގާ ކަމެއް. ނަމަވެސް އިންސާނާގެ ސަލާމަތް ބުއްދި މިކަމަށް ޤަބޫލެއް ނުކުރޭ. ފެންނަންހުރި މި ހެކިތަކާމެދު ވިސްނާ ފިކުރުކުރަން ޖެހޭ. ޤުރްއާނުގެ އެތައް ތަނެއްގައި ﷲ تَعَالَى ވަނީ މިކަންކަން ވަރަށް ސަރީހަކޮށް އަންގަވާފައި. ވުޖޫދުގައި ވާ ކޮންމެ އެއްޗެއްމެ ވުޖޫދު ކުރި ފަރާތެއް ވާނެކަމީ ސަލާމަތް ބުއްދި ހުރި ކޮންމެ އިންސާނަކު ޤަބޫލުކުރާނެ ހަޤީޤަތެއ. ލިޔެވިފައިވާ އެއްޗެއް ވާނަމަ އެ ލިޔުނު ފަރާތެއް ވާކަމަށް އެންމެންވެސް ޤަބޫލުކުރާނެ. ބިނާއެއް ވާނަމަ އެ ބިނާއެއް ބިނާ ކުރި ފަރާތެއް ވާނެކަމަކަށް އެއްވެސް މީހަކު އިންކާރެއް ނުކުރާނެ. “ޙުތުބާ
މިކަންކަން މިހެން އޮތުމުން މިއޮތް ބޮޑު ކައުނާއި، މި ކައުނުގައިވާ، ގުނާ އަދަދު ނުކުރެވޭހާ ގިނަ ދިރޭތަކެއްޗާއި، މިނޫންވެސް ތަކެތި އެންމެ ފުރިހަމަ ގޮތުގައި ހައްދަވައި، ފުރިހަމަ ނިޒާމެއްގެ ތެރޭގައި ތަދުބީރު ކުރެއްވި ފަރާތެއް ނުވާކަމަށާއި، މިހުރިހާ ކަމަކީ އިއްތިފާޤަކުން ވާ ކަމެއް ކަމަށް، ޤަބޫލު ކުރުމަކީ ކިހާ ބޮޑު މޮޔަކަމެއްތޯވެސް ވަނީ ސުވާލު ކުރައްވާފައެވެ.
ޢަލްމާނިއްޔަތުގެ ފާސިދު ފަލްސަފާގެ ތެރެއިން ފަށާފައިވާ ވަރުގަދަ ފިކުރީ ހަނގުރާމާގައި، ޒުވާނުންގެ ސިކުނޑިތައް ދޮވެލައި، ސިޔާސަތާއި ދިރިއުޅުމުގެ ތެރެއިން ދީން ވަކިކޮށް، ކަލަކު ވޮޑިގެން ނުވާކަމުގެ ޝުބުހާތައް ޒުވާނުންގެ ސިކުނޑިތަކަށް ދަނީ ވައްދަމުންނެވެ. އެގޮތުން، ވޮޑިގެންވާ ކަމަށް ތިޔަ ދަޢުވާކުރާ ކަލާނގެ ނުފެންނަނީ ކީއްވެތޯ އެބައިމީހުން ސުވާލުކުރާ ކަމަށްވެސް ބުނެފައި ވެއެވެ. އަދި ނުފެންނަ ނުވަތަ ޙިއްސުތަކުން އިޙުސާސްނުވާ ތަކެތި ޤަބޫލު ކުރުމަކީ ބޯދާ ކަމެއްކަމުގައި ވިސްނައިދޭން މަސައްކަތްކުރާ ބަޔަކުވެސް ތިބޭ ކަމަށެވެ.
އެހެނީ ފެނުމަކީ ނުވަތަ ޙިއްސުތަކުން ސީދާގޮތެއްގައި އިޙުސާސްވުމަކީ، އީމާންވުމަށް ނުވަތަ ކަމެއް ޤަބޫލުކުރުމަށް ވާ ޝަރުޠެއް ނޫން ކަމަށެވެ. ބުއްދިއަކީ ހުންނަ އެއްޗެއް ކަމަށް އެންމެން ވެސް ޤަބޫލު ކުރާ ކަމަށާއި، ނަމަވެސް ބުއްދި އަކީ ފެންނަ ނުވަތަ އިޙްސާސް ވާ އެއްޗެއް ނޫން ކަމަށެވެ. އަދި ސިކުނޑިއެއް ވާ ކޮންމެ އެއްޗަކީ ބުއްދި ކުރެވޭ އެއްޗެއްވެސް ނޫން ކަމަށް ފާހަގަކޮށް ބުނެފަިއވަނީ ބިމަށް ދަމާ ބާރުގެ ސަބަބުން މޭވާތައް ގަހުން ވަކިވެގެން ބިންމައްޗަށް ވެއްޓޭ ކަމަށެވެ. ނަމަވެސް އެ ދަމާ ބާރެއް އެއްވެސް މީހަކަށް ނުފެންނަ ކަމަށެވެ
ދެ ދަގަތްފާނެއްގެ އިދިކޮޅު ދެފަރާތް ކައިރި ކޮށްލުމުން އެދޭތި ގާތްވެ ތަތްވާ ފަދައިން އަދި އޭގެ އެއްވައްތަރު ދެކޮޅު ކައިރިކޮށްލުމުން އެދޭތި ދުރުވެ ފޭވެދެއެވެ. ނަމަވެސް އެ ދަގަތްފާނުގެ ބާރެއްވެސް އިންސާނުންނަށް ނުފެންނަ ކަމަށެވެ. އިޙުސާސެއް ވެސް ނުވާ ކަމަށެވެ. އެހެންކަމުން ނުފެންނަ އަދި އަތްނުލެވޭ ކޮންމެ އެއްޗަކީ ވުޖޫދުގައިނުވާ އެއްޗެއްކަމަށް ޤަބޫލުކުރާ ޤަބޫލުކުރުމަކީ ޞައްހަ ޤަބޫލުކުރުމެއްނޫން ކަމަށްވެސް ބުނެފައި ވެއެވެ.

