ގަޢުމީ ކުޑަކުދިންގެ ދުވަހުގެ މުނާސަބަތުގައި، "އުފާ ފެސްޓިވަލް"ގެ ނަމުގައި ވަރަށް ޚާއްސަ ކުޑަކުދިންގެ ކާނިވަލެއް ބާއްވަން ނިންމައިފިއެވެ.
މި ކާނިވަލަކީ އާއިލީ އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާއިން އިސްނަގައިގެން ކުރިއަށްދާ ހަރަކާތެކެވެ. ގަޢުމީ ކުޑަކުދިންގެ ދުވަހުގެ މުނާސަބަތުގައި އެ ވުޒާރާއާއިން ކުރިއަށްދާ މި ހަރަކާތުގައި މެއި މަހުގެ 10 އަދި 11ވަނަ ދުވަހު މި ކާނިވަލް ކުރިއަށްދާނެ ކަމަށްވެސް ބުނެފައި ވެއެވެ.
އެ ފެސްޓިވަލުގައި ބައިވެރިވާ ކުޑަކުދިންނަށް ގުރުއަތުގައި ބައިވެރިވެގެން ވަރަށް ޚާއްސަ އިނާމުތަކެއް ލިބުމުގެ ފުރުޞަތު އޮންނާނެއެވެ.
އުފާ ފެސްޓިވަލް ކުރިއަށްދާނީ މި މަހުގެ 10 އަދި 11 މެއިގައި ދެ ސެޝަނަކަށް ބަހާލެވިގެންނެވެ. ހަވީރު 16:00 އިން 18:00 އަށް، އަދި ރޭގަނޑު 20:00 އިން 22:00 އަށެވެ. މި ދެދުވަހުވެސް ތަފާތު ގިނަ ހަރަކާތްތަކެއް ބޭއްވުމަށްވަނީ ހަމަޖެހިފައެވެ. މިގޮތުން ތަފާތު ގޭމް ސްޓޯލްތަކާއި، ކާބޯތަކެތީގެ ސްޓޯލްތަކުގެ އިތުރުން، ރޮބޮމޭންގެ ހަރަކާތްތައް ހުކުރުދުވަހުގެ ހަވީރު ފެނިގެންދާނެއެވެ. މީގެ އިތުރުން ބައުންސިންގް ކާސަލް އަދި ތަފާތު މެސްކޮޓްތަކުގެ އިތުރުން، ރީޑިންގެ ވިތް މިސް ޔޫލީ ކިޔާ ހަރަކާތެއްވެސް ހުކުރުދުވަހު ކުރިއަށް ދާނެއެވެ. އެމް.އެން.ޑީ.އެފްގެ ފަޔަރ ޓްރަކް، އެމް.ޓީ.ސީ.ސީ ބަސް އަދި އެމް.ޕީ.އެލް. ރީޗް ސްޓެކަރ އަށް އަރާލުމުގެ ފުރުޞަތުވެސް ލިބިގެންދާނެއެވެ.
އެ ފެސްޓިވަލުގެ 2 ވަނަ ދުވަހު ސްޓޯލްތަކުގެ ހަރަކާތައް ކުރިއަކަށް ނުދާނެއެވެ. އޭގެ ބަދަލުގައި އޮންނާނީ ފެންކުޅީގެ ތަފާތު ހަރަކާތްތަކެވެ. މިގޮތުން ފޯމް ބައުންސިންގް އިންފްލޭޓެބަލްއާއި، ބައުންސިންގެ ކާސަލްގެ އިތުރުން، ފެން ޖެހުމުގެ ކުޅިވަރު އޮންނާނެއެވެ. މި ހަރަކާތުގައި ބައިވެރިވާން ބޭނުން ހުރިހާ ކުދިންވެސް އަމިއްލަ ފެންބަޑިއެއް ގެންދިއުމަށް ވެސް އެ ވުޒާރާއިން ވަނީ އިލްތިމާސްކުރައްވާފައެވެ.
ހޮނިހިރު ދުވަހުގެ ރޭގައި ވަރަށް ޚާއްސަ މޫވީ ނައިޓެއްވެސް 20:00އިން 22:00 އަށް ބޭއްވުމަށް ވަނީ ރޭވިފައެވެ. އަދި މޫވީ ނައިޓަށްފަހު، މި ޚާއްސަ ފެސްޓިވަލް ނިންމާލުމުގެ ގޮތުން ހަވާއެރުވުން އޮންނާނެ ކަމަށްވެސް އެ ވުޒާރާއިން ބުނެއެވެ.

