ދިވެހިރާއްޖެ އިން ކޯ ސްޕޮންސާކުރި ގަރާރުން އދ. ގެ ފުރިހަމަ މެންބަރުކަން ފަލަސްތީނަށް ދިނުމަށް ފާސްކޮށްފިއެވެ.
މިގޮތަށް ފާސްކޮށްފައިވަނީ މިއަދު ކުރިއަށްދިޔަ އދ. ގެ އާންމު މަޖިލީހުގެ ކުއްލި ބައްދަލުވުމުގައި އެވެ.
ފަލަސްތީނަށް ފުރިހަމަ މެންބަރުކަން ދިނުމަށް 143 ޤައުމަކުން ވަނީ ރުހުން ދީފައެވެ.

އަދި ވޯޓުގައި ބައިވެރިވި އދ. ގެ 9 މެންބަރު ޤައުމަކުން ފަލަސްތީނަށް ފުރިހަމަ މެންބަރުކަން ދިނުމަށް ހުށަހެޅި ގަރާރު ފާސްކުރުމާ ދެކޮޅަށް ވޯޓުދީފައިވާއިރު އަދި 25 ޤައުމަކުން ވަނީ އެއްވެސް ކޮޅަކަށް ވޯޓު ނުދޭން ނިންމާފައެވެ.
މިއީ ދިވެހިރާއްޖެއިން ކޯ ސްޕޮންސަރު ވެސް ކޮށްފައިވާ ގަރާރެކެވެ.
އދ ގެ އާއްމު މަޖިލީހުން މިގޮތަށް ފާސްކުރި ނަމަވެސް، ފަލަސްތީނަށް އދ ގެ ފުރިހަމަ މެންބަރޝިޕް ކަށަވަރެއް ނުވާނެއެވެ. އެހެން ނަމަވެސް، އެ ގައުމަކީ ފުރިހަމަ މެންބަރަކަށް ވުމަށް ޝަރުތު ހަމަވާ ގައުމެއް ކަމަށް އދ އިން ދެން ބަލައިގަންނާނެއެވެ.
އަދި މި ގޮތަށް ފާސްކުރުމާއެކު، މިއަހަރުގެ ސެޕްޓެމްބަރު މަހުން ފެށިގެން އދ ގެ އެހެން މެންބަރުންނާއެކު ފަލަސްތީނަށްވެސް އާއްމު މަޖިލީހުގެ ޖަލްސާތަކުގައި ބައިވެރިވުމުގެ ފުރުސަތު ލިބޭނެއެވެ. ނަމަވެސް، ވޯޓުގައި ބައިވެރި ވުމުގެ ފުރުސަތެއް ނުލިބޭނެއެވެ.
ހަމައެހެންމެ، އދ ގެ މެންބަރު ގައުމު ތަކުގެ މި ނިންމުމުގެ ސަބަބުން، ޣައްޒާގައި މިވަގުތު ހިންގަމުންދާ ގަތުލު އާއްމަށް އެއްވެސް ލުޔެއް ލިބޭނެ ކަމަށް ނުބެލެވެއެވެ.

