އާދެ! މިއީ ވަރަށް ބޮޑު ތެދެކެވެ. ކޮންމެ މީހަކުވެސް ކާމިޔާބު މީހަކަށްވާން އެދޭނެ އެވެ. އަދި އެކަމަށް އެދި ވަރަށް ބުރަ މަސަތްކަތްވެސް ކުރާނެ އެވެ. ނަމަވެސް، ހިތާމައާއެކު ފާހަގަކޮށްލަން ބޭނުންވަނީ އަޅުގަނޑުމެންގެ ތެރެއިން ބައެއް މީހުންނަކީ ހަމައެކަނި ތިމާ މީހާގެ އަމިއްލަ ނަފްސުގެ ކާމިޔާބަށް އެދޭ ބައެކެވެ. ގިނަ ފަހަރަށް އަމިއްލަ މީހާގެ ކުރިއެރުމަށް އަނެކާ ވައްޓާލަން މަސަތްކަތް ކުރާ މީހުންނެވެ.
މިއީ ވަރަށްވެސް ހިތާމަހުރި ކަމެކެވެ. މިފަދަ އަމަލުތައް މިހާރު ވަނީ އިންތިހާއަށް މައްޗަށް ގޮސްފައެވެ. ގިނަ ފަހަރަށް ނާކާމިޔާބުވާ މީހާގެ ވިސްނުން އޭގެ އެންމެ ނުބައި މިންވަރަށްގޮސް އެއްކަލަ ކާމިޔާބު ލިބޭ މީހާގެ ފުރާނައަށް ގެއްލުންދޭ ހިސާބަށްވެސް ކަންތައްތައްދާ ފަހަރު އާދެއެވެ. އެމީހާގެ ފުރާނަ ދުއްވާލުމަށްޓަކައި، ފަންޑިތަ އާއި ސިހުރު ހެދުމަކީ ވެސް ދިވެހިންގެ ތެރޭގައި އާންމު ކަމަކަށްވެއްޖެ އެވެ. ސުބުހާނަﷲ!، މިއީ ކޮންފަދަ ނުބައިކަމެއްތޯ އެވެ؟
އަޅުގަނޑުމެންނަކީ ސައްތައިން ސައްތަ މުސްލިމުން ކަމަށްވާއިރު، މާތްވެގެންވާ އިސްލާމްދީން އެކަމަކަށް ނަހީކުރައްވާފައިވާ ކަމަކަށް މި އަރައިގަންނަނީ އެއްކަލަ ކާމިޔާބީ ހޯދުމުގެ ބޭނުމުގައެވެ. އެވަގުތު އެމީހާގެ ސިކުނޑީގައި އޮންނަނީ ހަމައެކަނި އެކަމެއް ހާސިލްކުރުމުގެ މަގުސަދެވެ. އިތުރު އެހެންކަމެއް ނޯވެއެވެ. އެއީ އަނެކާގެ ފުރާނަ ދުއްވާލައިގެންވިޔަސް އެކަމެއް ހާސިލްކުރުމުގެ ނުބައި ވިސްނުމަކުން ސިކުނޑި ހުންނަނީ މޮޔަވެފައެވެ.
މިފަދަ ފިކުރުތައް ގެންގުޅޭ މީހުން ވިސްނަންވީ ކާމިޔާބީ އަކީ ވަކި ފަރާތަކުން ދެއްވާ ކަމެއް ކަމަށާއި ނާކާމިޔާބީ އަކީ ވެސް ހަމަ އެފަދައިން ކުރިމަތިވާ ކަމެއް ކަމެވެ. ތިމާއަކީ، ތިމާއާއެކު ކަމަކަށް ވާދަކުރާ ބައިވެރިޔާ މޮޅުވެއްޖެނަމަ ހެޔޮހިތަކާއެކު އެފަރާތުގެ ކާމިޔާބީގެ އުފަލުގައި އަތްޖަހާލެވޭ އަދި މަރުހަބާ ކިޔޭ މީހަކަށްވާން ވާނެ އެވެ. އެއިރުން ތިމާ އަށް ކާމިޔާބީއެއް ލިބޭ ދުވަހުވެސް ތިމާ އަށް މަރުހަބާ ކިޔާނެ ޓީމެއް ފަހަތުގައި ވާނެ އެވެ. އެހެނީ އެހެން މަޚްލޫޤުންނާ ޚިލާފަށް މާތްﷲ އިންސާނުން ހައްދަވާފައި ވަނީ އެ ނަސްލުގެ އެހެން މީހުންނާ ގުޅިގެން އުޅޭ ގޮތަށެވެ.

