ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ޓީމް ރޫޅައެއް ނުލެވޭނެ ކަމަށާއި، މުޅި ޓީމް އޮތީ ބަދަހިކޮށްކަން ރައީސްގެ ހާއްސަ އެޑްވައިޒަރު އަދި ފޮނަދޫ ދާއިރާގެ އިންތިހާބީ މެމްބަރު އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވެއްޖެއެވެ.
އަބްދުއްރަހީމް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ރައީސް މުއިއްޒުގެ ވެރިކަމުގެ ފުރަތަމަ ދުވަހުން ފެށިގެން ދިވެހީންގެ ކުރިމަތީގައި އެ މަނިކުފާނުގެ އަގު ވައްޓާލައި އިތުބާރު ގެއްލުވާލުމަށް ކެނޑިނޭޅި ހަގީގަތާއި ހިލާފު ދޮގު ވާހަކަތައް ފަތުރަމުން ދަނިކޮށް އެ މަނިކުފާނަށް ފުރިހަމަ ތާއީދާ އިތުބާރު އެބަ އޮތްކަން ނިމިދިޔަ މަޖިލިސް އިންތިހާބުގައި ދިވެހީން ނުކުމެ ސާބިތުކޮށްދީފައިވާ ކަމަށެވެ. އަދި އެކަން ބަލައި ނުގަނެވިގެން އެ މަނިކުފާނުގެ ޓީމް ރޫޅާލުމަށް އިތުރަށް ދޮގު ހަބަރުތައް ފަތުރަމުންދާ ކަމަށް އަބްދުއް ރަހީމް ވަނީ ތުހުމަތުކުރައްވައިފައެވެ.
"އިންޝާﷲ، އެފަދަ ހަބަރުތައް ފަތުރާ ފަރާތްތައް ފަޟީހަތްވުން ނޫން އިތުރުކަމެއް ހާސިލެއް ނުވާނެ. ރައީސް ޑރ. މުއިއްޒާއެކު މުޅި ޓީމު އޮތީ ބަދަހިކޮށް. ދިވެހީން ދާނީ މުއިއްޒު ދުވެލީގައި ގައުމައިގެން ކުރިޔަށް،" އަބްދުއްރަހީމް ކުރެއްވި ޕޯސްޓުގައި ވިދާޅުވެފައި ވެއެވެ.

