ރާއްޖޭގައި ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީން ގަވާއިދަށް ފެއްތުމަށް މިހާާރު ކުރިއަށްގެންދާ އޮޕަރޭޝަން "ކުރަނގި" ގެ ދަށުން މިހާތަނަށް 500 އަށްވުރެ ގިނަ ބިދޭސީންގެ ބަޔޮމެޓްރިކް ޑާޓާ އެއްކޮށްފިއެވެ.
މިނިސްޓަރު ޢަލީ އިޙުސާން "އެކްސް" ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ކ. ހިންމަފުށީގައި މިހާރު ހިނގަމުންދާ އޮޕަރޭޝަން "ކުރަނގި" ގެ ދަށުން، މިހާތަނަށް އެ ރަށުގައި މަސައްކަތް ކުރަމުންދާ 532 ބިދޭސީ މަސައްކަތްތެރިންގެ ބަޔޮމެޓްރިކް ޑާޓާ (10 އިނގިލީގެ ނިޝާން އަދި ފޭޝަލް ރެކޮގްނިޝަން ހެދޭވަރު ފޮޓޯ) ނަގައި އެ މައުލޫމާތު ބަލަހައްޓާ ސިސްޓަމަށް އަޕްލޯޑްކުރެވިފައިވާ ކަމަށެވެ.
"ކުރަނގި" އޮޕަރޭޝަނަކީ ހޯމް މިނިސްޓްރީއާއި ދިވެހި ފުލުހުންގެ ޚިދުމަތާއި އިމިގުރޭޝަނުން ގުޅިގެން ކުރިއަށްގެންދާ އޮޕަރޭޝަނެކެވެ.
މި އޮޕަރޭޝަން ފަށްޓަވައިދެއްވައި މިނިސްޓަރު ވިދާޅުވެފައިވަނީ ރާއްޖޭގައި ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީން، ސިސްޓަމްގެ ތެރެއަށް ގެނައުމުގެ މަސައްކަތް އެއް އަހަރު ދުވަހުގެ ތެރޭގައި ނިންމަވާނެ ކަމަށެވެ.

