5 މިލިއަން ގަސް އިންދުމަށް ސަރުކާރުން ކުރިއަށްގެންދާ ޕްރޮގްރާމް ކުރިއަށް އޮތް ތިމާވެށީގެ ދުވަހު ފެށުމަށް ނިންމަވާފައިވާ ކަމަށް މޫސުމީ ބަދަލުތަކާއި ތިމާވެއްޓާއި ހަކަތައާބެހޭ ވަޒީރު ޠާރިގު އިބްރާހިމް ވިދާޅުވެއްޖެއެވެ.
ތިމާވެށި ހިމާޔަތްކޮށް ރާއްޖޭގެ ނާޒުކު ވެއްޓަށް ލިބެމުންދާ ގެއްލުންތަކުން އަރައިގަތުމަށް ކުރިއަށް އޮތް 5 އަހަރު ތެރޭގައި ރާއްޖޭގައި 5 މިލިއަން ގަސް އިންދެވުމުގެ މަޝްރޫޢެއް ކުރިއަށް ގެންދިއުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ ނިންމަވައިފައެވެ.
ކުރިއަށް އޮތް 5 އަހަރު ތެރޭގައި 5 މިލިއަން ގަސް އިންދަވާނެކަން ރައީސް މުޢިއްޒު މިދިޔަ އަހަރު އިއުލާނު ކުރެއްވީ ތިމާވެށީގެ ކަންކަމާއި ގުޅޭގޮތުން މަޝްވަރާ ކުރުމަށް ބާއްވާ އެންމެ ބޮޑު ބައްދަލުވުން ކަމުގައިވާ “ކޮޕް28” ގައެވެ.
ޕީއެސްއެމް ނިއުސް ރާއްޖެ މިއަދު ޕްރޮގްރާމްގައި ވާހަކަފުޅުދައްކަވަމުން މޫސުމީ ބަދަލުތަކާއި ތިމާވެއްޓާއި ހަކަތައާބެހޭ ވަޒީރު ޠާރިގު އިބްރާހިމް ވިދާޅުވީ ރައީސް އިއުލާނު ކުރައްވާފައިވާ 5 މިލިއަން ގަސް އިންދުމުގެ ޕްރޮގްރާމް އަންނަ މަހުގެ 5 ދުވަހު ފާހަގަކުރާ ދުނިޔޭގެ ތިމާވެށީގެ ދުވަހު ފެށުމަށް ނިންމާފައިވާ ކަމަށެވެ. އަދި މީހުން ދިރިއުޅޭ ހުރިހާ ރަށަކާއި ރިސޯޓުތަކުގައިވެސް ގަސް އިންދުމުގެ ޕްރޮގްރާމް ކުރިއަށް ގެންދިއުމަށް ނިންމާފައިވާ ކަމަށެވެ.
މި ޕްރޮގްރާމް ފެށުމުގެ ގޮތުން ފުރަތަމަ ފިޔަވަހީގައި އިންދުމަށް ހަމަޖެހިފައިވަނީ 4 ބާވަތެއްގެ ގަސް ކަމަށް ވަޒީރު ވިދާޅުވިއެވެ. އެއީ ނެތިދިއުމުގެ ބިރު ހީވެފައިވާ ގަސްތަކާއި މޭވާ އަޅާ ގަހާއި ހިޔާ ލިބޭ ގަސްތަކާއި ދިވެހި ބޭސްވެރިކަމަށް ބޭނުން ކުރާ ގަސްތައް ކަމަށް ވަޒީރު ވިދާޅުވިއެވެ.
ކުރިންވެސް ރާއްޖޭގައި ގަސް އިންދުމުގެ ޕްރޮގްރާމްތައް ހިންގާފައިވާކަން ފާހަގަކުރައްވައި ވަޒީރު ވިދާޅުވީ އެ ޕްރޮގްރާމްތައް ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށް ނުގެންދެވެނީ އިންދާ ގަސްތައް ރަނގަޅަށް ބެލެހެއްޓުމުގެ މަސައްކަތް ކޮށްފައި ނުވާތީ ކަމަށެވެ.
“މީގެ ކުރިން ވާާއެއްޗަކީ ގަސް އިންދާފަ އެ މޮނީޓާއެއް ނުކުރެވޭ. ކުރިއަށް އޮތްތާނގައި އިރާދަކުރެއްވިއްޔާ މޮނިޓާ ކޮށްގެން ކުރިއަށް ގެންދާނީ. މިކަމުގައި ކުރެވިފައި ހުރި އެކްސްޕީރިއެންސާއެކު އެއަށްވުރެ ރަނގަޅަށް މި ޕްރޮގްރާމް ކުރިއަށްދާނެ،” ޠާރިގު އިބްރާހިމް ވިދާޅުވިއެވެ.
ވަޒީރު ވިދާޅުވީ މި ޕްރޮގްރާމުގެ ދެވަނަ ފިޔަވަހީގައި 90 އަށްވުރެ ގިނަ ބާވަތުގެ ގަސް އިންދާނެ ކަމަށެވެ. އަދި އެކަން ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށް ގެންދިއުމަށް ރަށްތަކުގައި ނާސަރީތައް ހަދައި އާންމުނަށް ގަސް ލިބޭ އިންތިޒާމް ހަމަޖައްސަވާނެ ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.
ވަޒީރު ވަނީ ސަރުކާރުން ކުރިއަށްގެންދާ މި ޕްރޮގްރާމުގައި ރަށްތަކުގެ ކައުންސިލްތަކާއި، އޮފީސް އަދި އަމިއްލަ ޖަމިއްޔާތަކުން ބައިވެރިވުމަށް އެދިވަޑައިގެންފައެވެ.
ސަރުކާރުން ކުރިއަށް ގެންދާ 5 މިލިއަން ގަސް އިންދުމުގެ ޕްރޮގްރާމަށް އަވައްޓެރި ޤައުމުތަކުން ގަސް ހަދިޔާ ކުރާނެކަމަށް ވެސް ސަރުކާރުން މީގެ ކުރިން ވަނީ ހާމަކޮށްފައެވެ.

