ބޭވަފާތެރިކަމަކީ މިއީ ވަރަށް ފުޅާކޮށް ވާހަކަ ދެއްކިދާނެ ޓޮޕިކެކެވެ. އެކި ގޮތްގޮތަށް މިވާހަކަ ދެއްކިދާނެ އެވެ. އަންހެނުން ފިރިހެނުންނަށް ބޭވަފާތެރިވާ ގޮތާއި ފިރިހެނުން އަންހެނުންނަށް ބޭވަފާތެރިވާ ގޮތާއި މިހެންގޮަސް ތަފާތު ދިމަދިމާލުން މި މައުލޫ އަށް ވާހަކަ ދެއްކިދާނެ އެވެ. އެހެންނަމަވެސް، މިފަހަރު ދައްކަން މިއުޅޭ ވާހަކަ އަކީ އަންހެނުން މީހުންނާ އިނދެގެން އުޅޭ ފިރިހެނުންނާ ގުޅެން ބޭނުންވުމުގެ ސައިންސަށެވެ.
ދިރާސާއަކުން ދައްކާ ގޮތުގައި ދުނިޔޭގެ ނިސްބަތުން ގިނަ އަދަދެއްގެ ފިރިންނަކީ ކޮންމެވެސް ކަހަލަ އެހެން ބައިވެރިއެއް ކޮންމެވެސް މިންވަރެއްގައި ގެންގުޅޭ މީހުންނެވެ. އަދި މީގައި އެންމެ ހައިރާންކޮށްލާ ތަންކޮޅަކީ މި ގުޅުންތަކުގެ ތެރެއިންވެސް ބޮޑު އިންސައްތައެއްގައި ފިރިމީހާ ގެންގުޅޭ އަންހެން މިސްޓްރެސް އަށް އޭނާގެ ލޯބިވެރިޔާ އަކީ މީހެއްގެ ފިރިއެއްކަން ވެސް އިނގެ އެވެ. އެހެންކަމުން މީގެ ސައިންސަކީ ކޮބައި ހެއްޔެވެ؟
މިކަމާ ގުޅޭގޮތުން އެމެރިކާގެ ޔުނިވާސިޓީއެއްގެ ޕްރޮފެސަރުންތަކެއް ހެދި ދިރާސާއަކުން ދެއްކި ގޮތުގައި އަންހެނުން މީހުންގެ ފިރިންނާ ގުޅުން ބާއްވާ ވަރަށް ގިނަ ސަބަބުތަކެއް އެބަހުއްޓެވެ. އެ ދިރާސާ އިން ދެއްކި ގޮތުގައި ގިނަ އަންހެނުންނަށް ކަމުދަނީ ވެސް އެމީހުނާ އެއް އުމުރުގެ ފިރިހެނުންގެ ބަދަލުގައި ތަންކޮޅެއް ދޮށީ އަދި ކައިވެނި ކޮށްގެން ތިބޭ ފިރިހެނުންނެވެ. މީގެ އެއް ސަބަބަކީ ފިރިހެނެއްގެ އަތުގައި އަތުގައި އެ އަޅާފައި އޮންނަ އަނގޮޓި އެވެ. ގިނަ އަންހެނުން އެ އަނގޮޓި ނަގައިގަންނަނީ އެ މީހާ އަކީ ކާމިޔާބު ފިރިހެނެއްގެ ގޮތުގައެވެ.
ލޮޖިކަލީ ވެސް އަންހެނުންކީ ކާމިޔާބު އަދި ސްޓޭބަލް ފިރިހެނުންނަށް ހިތް ކިޔާ ބައެކެވެ. އެހެންކަމުން ފިރިހެނެއްގެ އަތުގައި އެ އަޅާފައި އޮންނަ “ވެޑިންގް ރިންގް” އަކީ އެފަދަ އަންހެނުންނަށް ޖެކް ޕޮޓެކެވެ. ހުރިހާ އަންހެނުނަކަށް ނޫނެވެ. މިބުނި ފަދަ އަންހެނުންނާ އެއް އުމުރުގެ ގިނަ ފިރިހެނުންނަކީ އަދިވެސް އެމީހުންގެ ދިރިއުޅުމުގައި ދާންވާ ހިސާބަށް ނުދެވި، އެ އޮންދަވޭ ޕްރޮސެސްގައި ތިބޭ މީހުންނެވެ. އެއާ ހިލާފަށް މީހުންނާ އިނދެގެން އުޅޭ ފިރިހެނުންނަކީ މާލީ ގޮތުންނާއި، އޯވަރޯލް ކެރިއަރުގައި އެމީހަކު ދާންވާ ހިސާބަށް އާންމުގޮތެއްގައި ގޮސް ތިބޭ މީހުންނެވެ.
އެހެންކަމުން މިފަދަ ފިރިންނާއި ގުޅުން ބާއްވައިގެން އެ ލިބޭ މާލީ ހިތްހަމަޖެހުމާއި ސަޕޯޓު މާ ބޮޑެވެ. އަދި މާ ބޮޑު ޑްރާމާއެއް މިފަދަ ގުޅުންތަކުގައި ނޯވެ އެވެ. އެހެނީ ނޯމަލް ރިލޭޝަންޝިޕުތަކުގައި ބޯއިފްރެންޑާއި ދޭތެރޭ އެ ޖެހޭ ކޫސަނި މައްސަލަތަކާއި، ޖެލަސީ ޑްރާމާތައް މިފަދަ ގުޅުންތަކުގައި ނޯންނާތީ އެއީ ވަރަށް އަމަން އަމާންކަމާއެކީ ކުރިއަށް ގެންދެވެން އޮންނަ ގުޅުމެކެވެ.
އެ ދިރާސާއިން ދެއްކި ގޮތުގައި އަންހެނުން މީހުންގެ ފިރިން އަތު އަޅުވާ އަނެއް ސަބަބަކީ ތަޖުރިބާ އެވެ. އުމުރުން ދޮށީ ފިރިހެނުންނަށް އަންހެނުންނާއި ދޭތެރޭ ކަންތައްތައް ކުރަންވާ ގޮތް މާރަނގަޅަށް އިނގޭ ކަމަށާއި، އެ ބާއްވަން ޖެހޭ ދުރުމިނާއި، ކިޔަން ޖެހޭ އެއްޗިއްސާއި ނުކިޔަން ޖެހޭ އެއްޗެހި މާ ރަނގަޅަށް އެފަދަ ފިރިހެނުންނަށް އިނގެ އެވެ. އެހެންކަމުން މިއީ އަންހެނުން އެފަދަ ފިރިހެނުންނާ ގުޅެން ބޭނުންވާ ބައެއް ސަބަބުތަކެވެ.
މިގޮތަށް މިވާހަކަ ދެއްކި ނަމަވެސް މީހެއްގެ ބައިވެރިއަކާ ގުޅުން ބޭއްވުމަކީ ރަނގަޅު ކަމެއް ނޫނެވެ. މީހަކަށް ދެރައެއް ދީފައި އުފަލުގައި ނޫޅެވޭނޭ ބުނާތީ އަބަދުވެސް އިވެ އެވެ. ލޯބީގެ ގުޅުންތަކުގައި މިއީ އަދި ވަކިން ގިނައިން ދައްކާ ވާހަކައެކެވެ. ލޯބިން އުޅޭ ދެ މީހެއްގެ ދެމެދަށް އެހެން މީހަކު ވަދެ އެތަނުން އެކަކު “ޖަހައިގަތުން” އެއީ އާންމު ކަމެކެވެ. މިހެން ކަންތައް ކުރާ މީހުންނަށް އުފަލެއް ނުލިބޭނެ ކަމަށް ބުނާ ވާހަކަ މި ވަނީ ދިރާސާއަކުން ވެސް ސާބިތުވެފަ އެވެ. ގިނަ ފަހަރަށް މިގޮތަށް އޮންނަ ގުޅުމަކާ ހެދި އެތައް އަހަރުވީ ކައިވެނިތައް އެންމެ ފަހުން ރޫޅޭ ފަހަރުތައް އަންނަލެއް ގިނަ އެވެ.

