ސައިންސްވެރިން ބުނާގޮތުގައި ބަދިގޭގައި ތެލި ދޮންނަން ގެންގުޅޭ ސްޕޮންޖުގައި 300 އަށްވުރެ ގިނަ ވައްތަރުގެ ޖަރާސީމު ހުރެ އެވެ. އެހެން ގޮތަކަށް ކިޔައިދޭކަމުގައިވަނީނަމަ ބުނެވޭނީ ސިންކު ތެރޭ ބޭނުންކުރާ ސްޕޮންޖުގައްޔާއި ފާހާނާ ތަށީގައި ޖަރާސީމު ހުންނަ ވަރާ ދާދި އެއްހަމަ އެވެ. ފާހާނާ ތައްޓޭ ބުނީމާ ވަގުތުން އަހަރެމެންނަށް އެއީ ކިހާ ބައިވަރު ޖަރާސީމު ހުންނާނެތަނެއް ކަން އަންދާޒާކޮށްލެވެ އެވެ. ގަބޫލުވެސް ކުރެވެ އެވެ. އެކަމަކު ދުވާލު ތިންއިރު ކާން ގެންގުޅޭ ތަށިތައް ދޮންނަ ސްޕޮންޖު އަޅިއަށް ވެގެންދާއިރު ވެސް އެ ބަދަލުނުކޮށް ބޭނުންކުރާއިރު އޭގެން އަހަރެމެންގެ ހަށިގަނޑަށް ވަންނަ ޖަރާސީމުގެ މިންވަރު ސިފަކުރެވޭ ހެއްޔެވެ؟
ސައިންޓިފިކް ރިޕޯޓްސްގައި ޝާއިއުކޮށްފައިވާ ދިރާސާގައި ބުނެފައި ވަނީ ސްޕޮންޖުކޮޅު ކައްކައިގެން ނުވަތަ މައިކްރޮވޭވަށް ލައިގެން ހޫނުކުރިޔަސް، ސްޕޮންޖުގައި ހުންނަ ބެކްޓީރިއާތައް މަދުކުރުމުގައި ކާމިޔާބު ނުވާ ކަމަށެވެ. މައިކްރޯވޭވް އަށް ލިޔަސް މަރުވެގެންދަނީ ސްޕޮންޖުގައި ހުންނަ ވީކް ބެކްޓީރިއާ ތަކެވެ. އެކަމަކު ވަސްދުވާ ވަރުގަދަ އަދި އޭގެ ސަބަބުން އެންމެ ބޮޑަށް ބަލިތައް ފަތުރާ ވައްތަރުގެ ބެކްޓީރިއާތައް މަރެއް ނުވެ އެވެ.
މި ކަމަށް އޮތް އެދެވޭ ހައްލަކީ ކޮންމެ ހަފުތާއަކު ގެންގުޅޭ ސްޕޮންޖު ބަދަލުކުރުމެވެ. އަދި ސްޕޮންޖު ބޭނުންކުރާއިރުވެސް އެއިރެއްގައި ބޭނުންކޮށްފައި، ސްޕޮންޖު ރަނގަޅަށް ދޮވެލާފައި ހިއްކަން ބޭއްވުމެވެ. ސްޕޮންޖު ސާފުކުރުމަށް ވިނެގާ، ހޫނުފެން ނުވަތަ ތަށި ދޮންނަށް ގެންގުޅޭ ސައިބޯނި ފުޅި ވެސް ބޭނުންކުރެވިދާނެއެވެ.
ސްޕޮންޖުގެ އިތުރުން ބަދިގޭގައި ތައްޓާއި ސަމުސާ ފަދަ ތަކެތި ދޮވެފައި ފޮހެން ބޭނުންކުރާ ތުވާލިކޮޅަކީވެސް ވަރަށް ސަމާލުކަން ދީގެން ސާފުތާހިރުކޮށް ގެންގުޅެންޖެހޭ އެއްޗެކެވެ. ދިރާސާއެއްގައި ބުނާ ގޮތުގައި ބަދިގޭގައި ގެންގުޅޭ މި ތުވާލިކޮޅަކީ ގިނަ އަދަދަކަށް ޖަރާސީމު ހަރުލާފައި ހުންނާނެ އެއްޗެކެވެ. އެހެންވެ އެއީ ވަރަށް ރީތިކޮށް ގިނައިން ދޮންނަން ޖެހޭ އެއްޗެކެވެ. ނޫން ނަމަ، އޭގައި އަށަގެންފައި ހުން ޖަރާސީމުތަކުން ކާނާ ވިހަވެދާނެ ކަމަށް ދިރާސާގައި ބުންޏެވެ.

