އިޤްތިޞާދީ ތަރައްޤީއާއި ބެހޭ ވުޒާރާއާއި ޔޫއެންޑީޕީ ގުޅިގެން ބާއްވާ އޭޝިއާ ޕެސިފިކް ބްލޫ އިކޮނޮމީ ފޯރަމް ރާއްޖެއިން ކޯ ހޯސްޓު ކުރަން ހަމަޖެހިފައިވާކަން ޔޫއެންޑީޕީން ހާމަކޮށްފިއެވެ.
މި ފޯރަމަކީ ނޫ އިޤްތިޞާދުގެ ދަށުން ޤައުމުތަކަށް ކުރެވޭނެ ކަންކަން ރާވައި ހިންގުމާއި ގުޅޭގޮތުން މަޝްވަރާ ކުރަމަށް ބާއްވާ ފޯރަމެކެވެ. ހޯމަ ދުވަހު ފަށާ ފޯރަމް ކުރިއަށް ދާނީ ހޯމަ އަދި އަންގާރަ ދުވަހުއެވެ. މިފަހަރުގެ ފޯރަމް ރާއްޖެއިން ކޯ ހޯސްޓްކުރާއިރު، މިފަހަރުގެ ފޯރަމް ކުރިއަށް ގެންދަނީ އިޤްތިޞާދީ ތަރައްޤީއާއި ބެހޭ ވުޒާރާއާއި، ޔޫއެންޑީޕީއާއި، އިންގިރޭސިވިލާތުގެ ފޮރިން، ކޮމަންވެލްތު އަދި ޑިވެލޮޕްމެންޓް އޮފީހާއި ގުޅިގެންނެވެ.
ރާއްޖޭގެ ފަރާތުން މިފަހަރުގެ ފޯރަމް ކޯ ހޯސްޓުކޮށްދިނުމާއި ގުޅޭގޮތުން އިޤްތިޞާދީ ތަރައްޤީއާއިބެހޭ ވަޒީރު މުހައްމަދު ސަޢީދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، އޭޝިއާ ޕެސިފިކް ބްލޫ އިކޮނޮމީ ފޯރަމް ކޯ ހޯސްޓުކުރުމަކީ ފަޙުރުވެރިވާ ކަމެއް ކަމަށެވެ. އަދި މި ފޯރަމުގައި މަޝްވަރާ ކުރެވޭ ކަންތަކުގެ ޢަމަލީ މަސައްކަތް އަވަހަށް ފެނިގެންދިއުމަށް އުއްމީދު ކުރައްވާ ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.
މި ފޯރަމުގައި ބައިވެރިވާނީ، ޔޫއެންޑީޕީގެ ކްލައިމެޓް ފައިނޭންސް ނެޓްވޯކުގައި ހިމެނޭ ޤައުމުތައް ކަމަށް ޔޫއެންޑީޕީން މައުލޫމާތު ދެއެވެ. މިގޮތުން ފޯރަމުގައި 12 ވަރަކަށް ގައުމުން 100 އަށް ވުރެ ގިނަ ބައިވެރިން ބައިވެރިވާނެއެވެ.
ނޫ އިޤްތިޞާދު ނިސްބަތްކުރަނީ އިޤްތިޞާދީ ކުރިއެރުމާއި، ދިރިއުޅުމުގެ ހާލަތު ރަނގަޅުކޮށް، ވަޒީފާތައް އިތުރު ކުރުމަށްޓަކައި ކަނޑުފަޅުގެ ޤުދުރަތީ ވަސީލަތްތަކާއި މާހައުލީ ނިޒާމުތައް ދެމެހެއްޓެނިވި ގޮތެއްގައި ބޭނުން ކުރުމަށެވެ. ނޫ އިޤްތިޞާދުގެ ތެރޭގައި އިއާދަ ކުރަނިވި ހަކަތައާއި، ދެމެހެއްޓެނިވި މަސްވެރިކަމާއި، ކަނޑު ދަތުރު ފަތުރު ކުރުމާއި، މޫސުމަށް އަންނަ ބަދަލުތަކާއި، ކުނި މެނޭޖު ކުރުމާއި އަދިވެސް ކަނޑުފަޅާއި ގުޅިފައިވާ މިފަދަ އެހެނިހެން ގިނަ ދާއިރާތަކެއް އެކުލެވެއެވެ.

