ކުޑަކުދިންނާއި އަންހެނުންނަށް ހާއްސަ ކޮށްގެން ހުޅުމާލޭގައި ބޮޑު ހޮސްޕިޓަލެއް އަޅަން ނިންމައިފި އެވެ.
ހެލްތް މިނިސްޓްރީން ހާމަކޮށްފައިވާ ގޮތުގައި ހޮސްޕިޓަލް ޢިމާރާތް ކުރުމަށް 46,000 އަކަފޫޓުގެ ބިމެއް ހުޅުމާލޭގެ 2 ވަނަ ފިޔަވަހިން މިހާރު ވަނީ ހަމަޖެހިފައެވެ. އަދި ހޮސްޕިޓަލް އެޅުމަށް ޝައުޤުވެރިވާ ފަރާތްތަކުން ޕްރޮޕޯސަލްތަކެއް ވެސް ހުށަހަޅާފައިވާ ކަމަށާއި އޭގެތެރެއިން އެންމެ ރަނގަޅު ޕްރޮޕޯސަލެއް ޚިޔާރުކޮށް ހޮސްޕިޓަލުގެ ޑިޒައިން ކުރުމުގެ މަސައްކަތް ކުރެވެމުންދާ ކަމަށް ވެސް މިނިސްޓްރީން މަޢުލޫމާތު ދެއްވައެވެ.
އަންހެނުންނާއި ކުޑަކުދިންނަށް ޚާއްސަ މިހޮސްޕިޓަލުން ދަރިމައިވުމުގެ ފަރުވާތައް ލިބޭނެ ކަމަށްވެސް މިނިސްޓްރީން ފާހަގަކުރިއެވެ. އެގޮތުން އައިޔޫއައި އަދި އައިވީއެފްގެ ޚިދުމަތް މިހޮސްޕިޓަލުން ލިބޭނެއެވެ.
މީގެ އިތުރުން ފެމިލީ ޕްލޭނިން އާއި މާބަނޑު މީހުންނަށް ދޭ ފަރުވާތަކާއި ވިހެއުމުގެ ހިދުމަތުގެ އިތުރުން އަންހެނުންގެ ހާއްސަ ސާޖަރީތައް މިހޮސްޕިޓަލުން ކުރެވޭނެ އެވެ. އަދި އަންހެނުންގެ ޚާއްސަ ބަލިތައް ކަމަށްވާ އުރަމަތި އަދި ރަހިމުގެ ދޮރަށް ޖެހޭ ކެންސަރަށް ސްކްރީން ކުރުމާއި ރިޕްރޮޑަކްޓިވް ހެލްތު ސާވިސަސް އަދި މެނޮޕޯސް މެނޭޖްކުރުމުގެ ޚިދުމަތްތައް މިހޮސްޕިޓަލުން ދެވޭނެ ޚިދުމަތްތަކުގެ ތެރޭގައި ހިމެނެއެވެ.
ކުޑަކުދިންނަށް ޚާއްސަ ޑޮކްޓަރަށް ދެއްކުމުގެ ޚިދުމަތާއި ވެކްސިން ޖެހުމާއި ހެދިބޮޑުވުން މޮނިޓާކުރުމުގެ އިތުރުން ކުޑައިރު ޖެހޭ ބަލިތައް މެނޭޖްކުރުމާއި ތުއްތުކުދިންގެ ސާޖަރީ އަދި ޑިވެލޮޕްމަންޓް އެސެސްމަންޓް ހެދުމުގެ ޚިދުމަތްތައް މިހޮސްޕިޓަލުން ލިބިގެންދާނެ ކަމަށްވެސް މިނިސްޓްރީން ވަނީ ބުނެފައެވެ.
ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ވަނީ ސިއްޚީ ދާއިރާއިހން ރާއްޖެ އައު ހަރުފަތްތަކަކަށް ގެންދިއުމަށް މަސައްކަތްތަކެއް ކުރައްވާނެ ކަމަަށް ހާމަކޮށްފައެވެ. އެ ގޮތުން ތެލެސީމިއާއަށް ޚާއްސަ ހޮސްޕިޓަލެއްގެ އިތުރުން އައިޖީއެމްއެޗް ހުރި ސަރަހައްދުގައި ކެންސަރަށް ހާއްސަ އިމާރާތެއް ހަދާނެކަން ސަރުކާރުން ވަނީ ހާމަކޮށްފައެވެ.

