މި ދުނިޔޭގައި ތިބާ މިހޭދަކުރަނީ ވަރަށްވެސް ކުޑަ ދުވަސްކޮޅެކެވެ. މި މަދު ދުވަސްކޮޅު ހެޔޮ ގޮތުގައި ވޭތުކުރުމަށް ވަރަށް ބޮޑަށް މަސަތްކަތް ކުރަންޖެހެ އެވެ. އަމިއްލަ ނަފްސުދެކެ ލޯބިވާން ޖެހެއެވެ. ނަފްސު ތާހިރުކޮށް ހެޔޮ އަމަލުތައް ކުރުމުގައި ސާބިތުވާން ޖެހެ އެވެ.
އަޅުގަނޑުމެންގެ ތެރެއިން ގިނަ މީހުންދަނީ އާޚިރުގެ ބާއްޖަވެރިކަން ހޯދުމަށް ލިބިފައިމިވާ މި ވަގުތީ ދުނިޔޭގެ ހަޔާތް ހެޔޮ ގޮތުގައި ބޭނުންކުރުމުގެ ފުރުސަތު ގެއްލުވާލަމުންނެވެ. ދިރިއުޅުމުގެ ވަކި ހިސާބަކުން ދިމާވާ ކަމަކުން އަރައިގަތުމަށް ގިނަ މީހުން ވަނީ ނުކުޅެދިފައެވެ. މިގޮތަށް މިހެން ދިމާވަނީ ތިމާގެ އަމިއްލަ ނަފްސުގެ މައްޗަށް އަތްގަދަ ނުކުރެވޭތީ އެވެ. ނަފްސު ދެކެ ލޯބިނުވެވި، ސަބަބުތަކުގައި ނުހިފޭތީއެވެ.
ދިރިއުޅުމުގެ ކޮންމެވެސް ހިސާބަކުން ކޮންމެ މީހަކުވެސް އެކިއެކި ކަންތައްތަކާ ކުރިމަތިލާން ޖެހެ އެވެ. މިއީ ދުނިޔޭގެ އާދައެވެ. އަޅުގަނޑުމެން މި ދުނިޔެއަށް ފޮނުއްވުމުގެ ކުރިން އަޅުގަނޑުމެންގެ ހަޔާތުގައި ދިމާވާނެ ހުރިހާ ކަމެއް ވަނީ ލިޔެވިފައެވެ. ކަމެއް ދިމާވުމުން އަމިއްލަ ނަފްސު ހަލާކުގެ ތެރެއަށް ވައްޓާނުލައި އެކަމުން އަރައިގަންނަން މަސަތްކަތް ކުރަންވާނެ އެވެ. މިގޮތުން، ތިމާގެ ދިރިއުޅުމުގެ ހާލަތު ކިތަންމެ އުފާވެރިކޮށް ހުއްޓަސް އަދި ހަމަ އެހެންމެ ކިތަންމެ ދެރަކޮށް ކަންތައް މެދުވެރިވިޔަސް އަބަދުވެސް ﷲ ތަޢާލާ އަންގަވާފައިވާ ގޮތަށް އުޅެވޭތޯ ބަލަންވާނެ އެވެ. އެމީހެއްގެ ނަފްސު ހެއްދެވި ފަރާތާއި ގުޅިފައިވާ މީހަކަށް އާޚިރުގައި ދެރަގޮތެއް މެދުވެރިއެއް ނުވާނެ އެވެ. އެމީހާގެ އީމާންތެރިކަން ވަރުގަދަކޮށްފިނަމަ ދިރިއުޅުމުގައި ދިމާވާ ކޮންމެފަދަ ހާލަތަކުންވެސް އަރައިގަތުމަކީ އުނދަގޫ ކަމަކަށް ނުވާނެ އެވެ.
ހާލަތު ބަދަލުކުރުމުގެ މަސަތްކަތް ފަށާނީ ތިމާ އަމިއްލަ އަށެވެ. މީހުންނަށް ބަރޯސާނުވެ ތިމާގެ އަމިއްލަ ނަފްސުގެ މައްޗަށް ގަދަވެގަންނާށެވެ. ދިމާވާ ހާލަތެއްގެ ސަބަބުން ދެން މިކަމެއް ނުވާނެއޭ ހިތައް އަރައި މާޔޫސްވާ ފަހަރު ވެސް އަންނާނެ އެވެ. ނަމަވެސް، ކެތްތެރިކަމާއެކު ކުރިއަށްދާށެވެ. މިގޮތުން، އެންމެ ފުރަތަމަވެސް އެހެންމީހުންގެ ދިރިއުޅުމާއި، ތިމާގެ ދިރިއުޅުމުގެ ހާލަތު އަޅައިކިޔައި މިނެކިރުން ހުއްޓާލާށެވެ. ސަބަބަކީ އެކި މީހުންގެ ދިރިއުޅުމުގެ ޙާލަތު ހުންނާނީ އެކި މިންވަރެއްގައެވެ. ހުރިހާ ގޮތަކުން ބެލިކަމުގައިވިޔަސް އެކަމެއް އޮންނާނީ ﷲ ތަޢާލާ މިންވަރު ކުރެއްވި ގޮތަކަށެވެ.
ވީމާ، ކޮންމެ މީހަކުވެސް ބަލަންވާނީ ތިމާގެ އަމިއްލަ ޙަޔާތް ރަނގަޅު ގޮތުގައި ވޭތުކުރެވޭތޯ އެވެ. ދިމާވާ ކޮންމެ އުނދަގޫ ހާލަތަކީވެސް މި ދުނިޔޭގައި އަޅުގަނޑުމެން އިމްތިޙާނު ކުރެއްވުމަށް މެދުވެރިކުރުވާ ކަންތައްތައް ކަން ގަބޫލުކޮށްގެން ކުރިއަށްދާށެވެ. އުފަލާއި، ހިތާމައާއި، ފަގީރުކަމާއި ތަނަވަސްކަމުން ފެށިގެން އެތައް ކަމަކުން ﷲ ތަޢާލާ އަޅުގަނޑުމެން އިމްތިޙާނު ކުރައްވަމުން ގެންދަވައެވެ.
ވީމާ، އަޅުގަނޑުމެން މަސަަތްކަތް ކުރަންވީ ކުރިމަތިވާ އިމްތިހާނު ތަކުން ފާސްވުމަށެވެ. ތިމާގެ އަމިއްލަ ނަފްސަށް ކުރާ އިތުބާރު ދުވަހުން ދުވަހަށް ވަރުގަދަކޮށް ނަފްސު ދެކެ ލޯބިވާ މީހަކަށް ވުމަށެވެ.

