އަޅުގަނޑުމެންގެ ތެރެއިން ގިނަ އަދަދެއްގެ މީހުންނަކީ ފަލަބައްޔާއި ހަކުރު ބަލީގެ މައްސަލަތައް ތަހައްމަލް ކުރަމުންދާ ބައެކެވެ. ފަލަބައްޔާއި ހަކުރުބަލި ވަނީ ވަރަށް ބޮޑަށް ގުޅިފަ އެވެ. ފަލަބަލި ޖެހިފައިވާ ނަމަ ހަކުރުބަލި ޖެހުމަކީ ވަރަށް ގިނައިން މެދުވެރިވާ ކަމެކެވެ. މި ދެ ކަމަކީވެސަަ ހަށިގަނޑު ވަރަށް ބޮޑު ނުރައްކާތަކުގެ ތެރެއަށް ގަންބާލާ ދެ ކަމެވެ. އަދި ވަކިން ހާއްސަކޮށް ރާއްޖޭގެ އެތައް ބަޔަކު އޭގެ ޝިކާރައަކަށް ވެފައިވާ ކެންސަރު ބައްޔާވެސް މި ދެކަން ވަނީ ވަރަށް ބޮޑަށް ގުޅިލާމެހިފައެވެ.
ފަލަބައްޔާއި ހަކުރު ބަލި ހުންނަ މީހުންނަށް ހިތުގެ މަައްސަލަތައް ކުރިމަތިވުމުގެ ރިސްކު ބޮޑުކަން އެއީ މިހާރުވެސް އަޅުގަނޑުމެންނަށް ވަރަށް ގިނައިން އަޑުއިވި ދަސްވެފައިވާ ވާހަކައެކެވެ. ހަކުރުބަލި ހުންނަ ނަމަ ސްޓްރޯކެއް ޖެހިދާނެއޭ، ހާޓްއެޓޭކެއް ޖެހިދާނެއޭ މިއީ ދޭދޭ މީހުން ތެރޭ އަބަދުވެސް ދެކެވޭ ވާހަކަތަކެވެ. ފަހުގެ ދިރާސާތަކުން ދައްކާ ގޮތުގައި ހަކުރު ބައްޔަކީ ހިތުގެ ބަލިތަކުގެ އިތުރުން މީހާ ކެންސަރު ޖެހުމަށް ވެސް ސީދާ ގޮތުން އަސަރު ފޯރުވާ ކަމެކެވެ. މިއީ ހީކުރާވަރަށްވުރެ ނުރައްކާ ކަމެކެވެ.

ރިސާޗް ޑައިޓީޝިއަން އެންޑަސަން ވިދާޅުވާ ގޮތުގައި ހަށިގަނޑުގައި ހުންނަ ހަކުރުގެ މިންވަރު ކޮންޓްރޯލް ނުކުރެވޭނަމަ އޭގެ ނުރަނގަޅު އަސަރު ހަށިގަނޑުގެ މުހިއްމު ގުނަވަންތަކަށް ވަރަށް ބާރު މިނެއްގައި ފޯރައެވެ. އަދި މިކަން ކޮންޓްރޯލް ނުކުރެވި ގިނަ ދުވަސްވާ ވަރަކަށް ގުނަވަންތައް ފެއިލް ވުމުގެ ފުރުސަތު ބޮޑު ވެގެންދާ ކަމަށް އެންޑަސަން ވިދާޅުވިއެވެ.
"ސިއްޙަތާއި ކެންސަރާއި ގުޅިލާމެހިފައިވަނީ އެންމެ ކަމަކުންނެއް ނޫން. ބައިވަރު ކަންތައް ހިމެނޭ. އޭގެ ހެއްކެއް ހަށިގަނޑުގައި ހުންނަ ހަކުރުގެ މިންވަރަކީ. ލޭގައި ހުންނަ ހަކުރުގެ މިންވަރު އިތުރު ވުމަކީ އެއީ މުހިއްމު ގުނަވަންތަކަށް ނުރަނގަޅު އަސަރު ފޯރާ އެ ގުނަވަންތަކުން ކުރަންޖެހޭ މަސަތްކަތްތައް ޑަބަލް ކޮށްލާ ކަމެއް. މާނަ އަކީ ހަކުރު ބަލި ތަހައްމަލް ކުރާ މީހެއްގެ މުހިއްމު ގުނަވަންތައް ދެގުނަ މަސަތްކަތް ކުރަން ޖެހެއޭ. ދެ ގުނަ ލޯޑު އެ ގުނަވަންތަކަށް ފޯރައޭ. އަޅުގަނޑުމެންނަށް އަންދާޒާ ނުކުރެވިދާނެ މިއީ ކިހާ ބޮޑު ރިސްކެއް ކަން. އެކަމަކު ގުނަވަނެއް ހުއްޓާނުލައި ބޮޑު ލޯޑެއްގައި މަސަތްކަތް ކުރަން ވެއްޖެނަމަ އެ ގުނަވަނަކަށް ކެންސަރު ޖެހުން ނުވަތަ ފެއިލް ވުމުގެ ރިސްކު ބޮޑު ވެގެންދޭ،" އެންޑަސަން ވިދާޅުވިއެވެ.
ކެންސަރަކީ ރަނގަޅު ސެލްތައް ހަލާކުވެ، ނުވަތަ ރަނގަޅު ސެލްތަކުގެ ތެރޭ ނުރަނގަޅު ނުވަތަ އެބްނޯމަލް ސެލްތަކެއް އުފެދި މިއުޓޭޓް ވެގެންދާ ދިއުމެވެ. މިގޮތަށް އުފެދޭ ސެލްތައް މިއުޓޭޓް ވެގެން އިތުރުވެގެން ގޮސް ޓިއުމަރަކަށް ބަދަލުވެ އެ ގުނަވަނެއްގެ ފަންކްޝަންސްތަކަށް އަސަރުކޮށް އެންމެ ފަހުން ގުނަވަން ފެއިލްކޮށްލައެވެ. ހަކުރު ބަލި ހުންނަ މީހުންނަކީ ހިތުގެ މައްސަލަތަކާއި، ގުރުދާ އަދި ފުރަމޭގެ އެކި އެކި މައްސަލަތައް ދިމާވުމުގެ ރިސްކު ބޮޑު މީހުންނަށްވުމުން މިފަދަ މީހުންނަށް ކެންސަރު ޖެހުމުގެ ރިސްކު ބޮޑެވެ.
ދިރާސާތަކުން ދައްކާ ގޮތުގައި ޓައިޕް ޓޫ ޑައިބެޓިސް ހުންނަ މީހުންނަށް ކެންސަރު ޖެހުމުގެ ރިސްކު ބޮޑުވަނީ އުމުރުން ދުވަސްވާ ވަރަކަށެވެ. މިއާ ހިލާފަށް ޓައިޕް ވަން ޑައިބެޓީސް ހުންނަ މީހުންނަކީ އެމީހުންގެ ހަކުރުގެ މިންވަރު ކޮންޓްރޯލް ނުކުރެވޭނަމަ ބަނޑު އަދި ގޮހޮރުގެ އިތުރުން ލިވާ ކެންސަރު ޖެހުމުގެ ރިސްކު އަބަދުވެސް ބޮޑު މީހުންނެވެ. ދިރާސާތަކުން ދައްކާ ގޮތުން ލިވާ އަށް ކެންސަރު ޖެހިފައިވާ ފިރިހެނުންގެ ތެރެއިން 40 ޕަސެންޓް މީހުންނަކީ ހަކުރުބަލި އަދި ފަލަބަލި ހުރި މީހުންނެވެ. އަންހެނުންނަށް މި ދެ ބަލީގެ ސަބަބުން އެންމެ ގިނައިން ކެންސަރު ޖެހިފައިވަނީ ކުޑަކަމުދިއުމުގެ ނިޒާމުގެ ހޮޅިތަކަށާއި އުރަމައްޗަށެވެ.

އަޅުގަނޑުމެންގެ ތެރޭގައި އަބަދުވެސް އާންމުވެފައި އޮންނަނީ ކެންސަރު ޖެހެން މެދުވެރިވާ އެންމެ ބޮޑު މެދުވެރިއަކީ ނުވަތަ ސަބަބަކީ ދުންފަތުގެ އިސްތިއުމާލުކުރުން ކަމުގަވެ. ނަމަވެސް، ދުންފަތުގެ އިސްތިއުމާލު ކުރުމާ އެއްހަމަ އެއްގައި ފަލަބަލި ހުންނަ މީހުންނާއި ހަކުރު ބަލި ހުންނަ މީހުންނަށް ވެސް ކެންސަރުގެ ނުރައްކާ އޮންނަކަން ސައިންސްވެރިން ދަނީ ބުނަމުންނެވެ.
ހަކުރު ބަލި އަދި ފަލަ ބަލީގެ މީހުންނަށް ކެންސަރުގެ ރިސްކު އޮތް މިންވަރުގެ ވާހަކަ ދެކެވިއްޖެ އެވެ. މި އާޓިކަލް ނިންމާލުމުގެ ކުރިން މިފަދަ މީހުންނަށް މި ރިސްކުތައް ދަށް ކުރުމަށްޓަކައި ކުރެވިދާނެ ކަންކަމަށްވެސް ބަލާލާނަމެވެ.
ހަކުރު ބަލި އަދި ފަލަބަލި ހުންނަ މީހުންގެ އެންމެ ހާއްސަ އަދި އެންމެ މުހިންމު ވަޒީފާއަކީ އަދި އެމީހުން އެންމެ ސަމާލުވާން ޖެހޭ ކަމަކީ ލޭގައި ހިމެނޭ ހަކުރުގެ މިންވަރު ކޮންޓްރޯލް ކުރުން ކަމަށްވީއިރު މިކަން ކުރެވޭނީ ރަނގަޅު ޑައިޓެއްގައި ހިފަހައްޓައިގެންނެވެ. ހަކުރު ބަލީގެ މީހުންނަކީ ވަކި ގޮތްތަކަކަށް ބައްޓަންވެގެން ކެއުމުގެ ވެސް ވަކި ވައްޓަފާޅިއެއް ގެންގުޅެން ޖެހޭ ބައެކެވެ. ކެއުމުގައި ހިމަނަން ޖެހޭ ބާވަތްތަކަށް ހާއްސަ ސަމާލުކަމެއް ދޭން ޖެހެއެވެ. ފެހިފަތާއި ތަރުކާރީގެ ބާވަތްތައް ޑައިޓުގައި އިތުރުކޮށް ކާބޯހައިޑްރޭޓްސް އާއި ފެޓްސްގެ ބައި ޑައިޓުގައި މަދުކުރަން ޖެހެއެވެ. ހެނދުނު ހެނދުނާ ކަސްރަތުކުރަން ދަމާ ހިނގާށެވެ. ބާރަށް ހިނގާލާށެވެ. ބައިސްކަލް ދުއްވާލާށެވެ. ފަތައި ވެސް ލާށެވެ. އަދި ކުޅިވަރު ކުޅެހެދޭ ނަމަ ކުޅިވަރު ވެސް ކުޅެލާހަދާށެވެ. މިކަންތައް ކުރުމުގައިވެސް ކޮންސިސްޓެންޓް ވާންޖެހެ އެވެ. ފައިދާ ވާނީ އޭރުންނެވެ.

ހަކުރު ބަލީގެ މީހުން މަދުވެގެން އަހަރަކު އެއް ފަހަރު ލޮލުގެ ޑޮކްޓަރަކަށް ދައްކަން ވާނެ އެވެ. ސަރުބީ މައްޗަށް ދިއުމާއި ލޭމައްޗަށް ދާ ނަމަ ގަވާއިދުން ޓެސްޓްތައް ހަދައި އެތެރެހަށީގެ ޑޮކްޓަރަކަށް ނުވަތަ ހަކުބަލީގެ ޚާއްޞަ ޑޮކްޓަރަކަށް (އެންޑޯކުރިނޮލޮޖިސްޓް) ދައްކައިގެން ދޭ އިރުޝާދާ އެއްގޮތަށް ފަރުވާ ކުރިޔަށް ގެންދަވާށެވެ. މި ކިޔައިދިން ކަންތައްތަކަށް ސަމާލުކަންދީގެން ދިިރުއުމުގެ އާދަތައް ބައްޓަން ކުރާނަމަ ހަކުރު ބައްޔާއި ފަލަ ބައްޔަކީ ކޮންޓްރޯލް ކުރެވި އެކަމުގެ ސަބަބުން ކެންސަރު ފަދަ ނުރައްކާތެރި ބަލިތަކަށް މީހާ ހުށަހެޅިގެން ދިއުމުގެ ރިސްކު ވަރަށް ބޮޑަށް ކުޑަ ވެގެންދެއެވެ.

