ނ. ވެލިދޫ ވޭސްޓް އެންޑް ރިސޯސް މެނޭޖްމެންޓު (ކުނިކޮށި) އިމާރާތުގައި އިއްޔެ ހިނގި އަލިފާނުގެ ހާދިސާގެ ގެއްލުން ތިން މިލިއަން ރުފިޔާއަށް އަރާ ކަމަށް އެ ރަށު ކައުންސިލުން ބުނެފިއެވެ.
އެ ރަށުގެ އިރު އުތުރު ސަރަހައްދުގައި 2022 ގައި ހެދި 13،000 އަކަފޫޓުގެ ވޭސްޓް އެންޑް ރިސޯސް މެނޭޖްމަންޓް ސެންޓަރުގައި އަލިފާން ރޯވެފައި ވަނީ އިއްޔެ މެންދުރު 12:30 ހާއިރުއެވެ.
ވެލިދޫ ކައުންސިލުން މިކަމާއި ގުޅިގެން އިއްޔެ ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ ކުނިކޮށީގައި ރޯވުމަށް ދިމާވި ސަބަބެއްކަމުގައި ބެލެވެނީ ކުނިކޮށީގައި ކުނި ބަހައްޓާފައިހުންނަ ސަރަހައްދުގައި ކަރަންޓު ޝޯޓެއްވުން ކަމަށެވެ.
މިހާދިސާގައި ކުނި ސެންޓަރުގެ ބޮޑުބަޔަކާއި އެތަނުގައި ބޭނުންކުރާ މެޝިނަރީތައް އަދި ފުޓުބޯޅަ ދަނޑުގައި ބޭނުންކުރަމުންދާ ޑްރެގް-ބްރަޝް މެޝިން ބޭނުންނުކުރެވޭ ވަނީ ވަރަށް ހަލާކުވެފައެވެ.
ކުނިކޮށީގައި ހިނގި އަލިފާން ކޮންޓްރޯލް ކުރުމުގައި ވެލިދޫގެ ރައްޔިތުންނާއި، ވެލިދޫ ޕޮލިސް ސްޓޭޝަން، މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސްގެ އިތުރުން ކައިރިގައިވާ ރިސޯޓްތައް ކަމަށްވާ ޝެވަލް ބްލޮންކް ރަންދެލި، ސިޔާމް ވާރލްޑް އަދި ވެލާ ޕްރައިވެޓް އައިލެންޑްގެ އެހީތެރިކަންވަނީ ލިބިފައިވާ ކަމަށްވެސް ކައުންސިލުން ވަނީ ބުނެފައެވެ.

