ކްލައިމެޓް ވަލްނަރަބަލް ފޯރަމްގެ ފުރަތަމަ ސެކްރެޓަރީ ޖެނެރަލްގެ މަގާމު ފުރުއްވަން މިދިޔަ ޖެނުއަރީ މަހު ގާނާއަށް ދިރިއުޅުއްވަން ބަދަލުކުރެއްވި ފަހުން ރައްޔިތުންގެ މަޖިލީހުގެ މުސާރަ ނުނަންގަވާ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
ލަންކާގެ “ދަ މޯނިން” ނޫހަށް ދެއްވި އިންޓަވިއުއެއްގައި މަޖިލިސް މެންބަރު ކަމުގައި ހުންނަވައިގެން ގާނާގައި މަސައްކަތް ކުރެއްވުމާ ގުޅޭ ގޮތުން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ނަޝީދު ވިދާޅުވީ، ގާނާއަށް ބަދަލުވެވަޑައިގަތުމުގެ ކުރިން މުސާރަ ނެގުން ހުއްޓާލައްވައިފައިވާނެ ކަމަށެވެ.
“ސީވިއެފްގައި އަޅުގަނޑު މަސައްކަތް ކުރަން ފެށީ ފެބްރުއަރީ މަހު. ޖެނުއަރީ މަހުން ފެށިގެން އަޅުގަނޑު ހުއްޓާލައިފިން މަޖިލީހުން މުސާރަ ނެގުން،” ނަޝީދު ވިދާޅުވި އެވެ.
ނަޝީދު މިހެން ވިދާޅުވިނަމަވެސް، މިދިޔަ މާޗް މަހުގެ 31 ވަނަ ދުވަހު މަޖިލީހުގެ އިދާރާއަށް އެމަނިކުފާނު ފޮނުއްވި ސިޓީގައި ވަނީ އޭޕްރިލް މަހާއި މެއި މަހުގެ މުސާރަ އުނިކޮށްދެއްވުމަށެވެ.
ނަޝީދު ގާނާއަށް ދިރިއުޅުން ބަދަލުކުރައްވާފައި ވަނީ ރައްޔިތުންގެ މަޖިލީހުގެ އިދާރާއަށް ވެސް ވަކި އެއްޗެއް އެންގުމެއް ނެތި އެވެ.މަޖިލީހުގެ މެމްބަރުންގެ އިނާޔަތް އުނިކުރިއަސް، ނަޝީދަށް މިހާރު ވެސް ކުރީގެ ރައީސުންގެ އިނާޔަތް ލިބިވަޑައިގަންނަވަ އެވެ. ރައީސްކަން ކުރައްވާފައިވާ ބޭފުޅުންގެ ރައްކާތެރިކަމާއި އިނާޔަތް ދިނުމުގެ ގާނޫނުގައިވާ ގޮތުން، ކުރީގެ ރައީސަކަށް މާލީ އިނާޔަތުގެ ގޮތުގައި މަހަކު 172،000ރ. ލިބެ އެވެ.
މަޖިލިހުގެ ރައީސްގެ މުސާރަ އާއި އިނާޔަތުގެ ގޮތުގައި ލިބޭ 73،000ރ. އާ އެކު، ނަޝީދަށް މަހަކު 245،000ރ. ލިބެ އެވެ. ނަމަވެސް، މަޖިލީހުގެ ރައީސަކަށް ހަވާލުވެވަޑައިގަތުމަށް ފަހު އެ މަނިކުފާނު ވަނީ ކުރީގެ ރައީސުންގެ މާލީ އިނާޔާތުގެ ގޮތުގައި ލިބޭ 75،000ރ. އަދި ދިރިއުޅުއްވާ ތަނުގެ ހަރަދު ހަމަޖެއްސުމަށް ދޭ 10،000ރ. ގެ އިނާޔަތް އުނިކުރަން ފިނޭންސް މިނިސްޓްރީގައި 2019 ވަނަ އަހަރު އެދިވަޑައިގެންފަ އެވެ. އެހެންވެ، އެ މަނިކުފާނަށް މުސާރަ އާއި އިނާޔަތުގެ ގޮތުގައި ލިބެނީ 160،000ރ. އެވެ.

