އެސްވަޅު ޖެހުމަކީ ވަރަށް އާންމުކޮށް، ގިނަ މީހުންނަަށް ދިމާވާ މައްސަލައެކެވެ. މި ކަން ރަނގަޅު ކުރުމަށް އެސްވަޅު ކޮށްޓައި، ލައްފިލުވާ ޖަހައި ހަދައެވެ. ވަރަށް އާންމުކޮށް ކަރަންފުލާއި ގޮށްރީނދުލާއި ހިކިއިނގުރު ފަދަ އެއްޗެހި ހޫނުކޮށްގެން ޖައްސައި ހަދައެވެ. ނަމަވެސް މި ކަންކަމަކީ އެސްވަޅު ނެގުމުން ސަލާމަތްވުމަށް، ކުރުން ރަނގަޅު ކަންތައް ތަކެއް ނޫނެވެ. ނުވަތަ އެސްވަޅަށް ދިނުމަށް އެކަށީގެންވާ ފަރުވާއެއް ނޫނެވެ.
މީގެ އެންމެ ދެރަ ކަމަކީ ގިނަ މީހުންނަށް ކުރެވިފައި އޮންނަ ކުށްހީއެވެ. އެއްވެސް ހާލެއްގައި އެސްވަޅު ނެގުމަކީ ގައިންގަޔަށް އަރާ ހަމުގެ ބައްޔެއް ވެސް ނޫނެވެ.
އެސްވަޅަކީ ކޮބާ؟
އެސްވަަޅަކީ ފައިތިލައިގެ ރައްކަލަކަށް ނަގާއެއްޗެކެވެ. ބުރަ މަސައްކަތް ކުރުމަށް ބައެއް ކަހަލަ ތަކެތީގައި ހިފުމުން އަތުން ފޮޅުނަގާ ގޮތަށް ފައިތިލައަށް އެންމެ ބާރު ބޮޑުވާ ހިސާބުތަކުން ނަގާ އެއްޗެކެވެ. މިހެން މިދިމާވަނީ ފައިތިލަ ހޭކޭ ހިސާބެއްގެ ގޮތުން ނުވަތަ ފަޔާ ނުގުޅޭ ނުވަތަ އަރައިގެން އުޅެން އުނދަގޫ ފައިވާން ފަދަ އެއްޗަކަށް އަރައިގެން އުޅުމުންނެވެ.
އެސްވަޅު އުފެދޭ ގޮތަކީ މިދެންނެވިފަދަ ހިސާބެއްގެ ހަންގަނޑު ބޯވެ އެހިސާބުން އިތުރަށް ހަންގަނޑު އުފެދެމުން ދިއުމެވެ. މިގޮތަށް ފައިގެ ކުޑަ ތަންކޮޅެއްގައި މަރުވެފައި ހުންނަ ހަމުގެ ސެލްތައް ޖަމާވެ ހަންގަނޑު ބޯވާން ފެށުމުން އެސްވަޅު އުފެދެއެވެ. މަރުވެފައި ހުންނަ ހަންގަނޑު ފައިގެ ހަންގަނޑާއި މަސްގަނޑުތެރެއަށް ދޯރިއެއް (ކޯންއެއް) ގެ ސިފައިގައި ތޮރުފެމުން ވަންނަން ފަށައެއެވެ.
ފައިގެ އެހިސާބުގަނޑަށް ވާންވެ ތަދުވާން ފަށަނީ މިބުނާ ގޮތް ވާން ފެށުމުންނެވެ. އެސްވަޅުގައި ރިއްސަނީ އެއީ އެއްތަނަކަށް މަރުވެފައި ހުންނަ ހަންތައް ދޯރިއަކަށް ޖަމާވަމުންދާތީ އެވެ.
އެސްވަޅުޖެހުމުން އެތަނާމެދު އަޅައިނުލައި ހުރުމަކުން އެތަން ރަނގަޅުވެގެނެއް ނުދާނެ އެވެ. އޭރުން އެސްވަޅު ބޮޑަށް ގޯސްވަމުންދާނެއެވެ. އެސްވަޅާމެދު އަޅައިނުލައި ހުރުމުން އެސްވަޅު ހިމެނޭ ސަރަހައްދުގައި މަރުވެފައި ހުންނަ ހަން އިތުރަށް އުފެދި ދޯރިއެއްގެ ސިފައިގައި މި ހަރު ހަންގަނޑު ފައިގެތެރެއަށް ބޮޑަށް ތޮރުފެމުން ދާނެއެވެ. އިތުރު ވޭންތަކެއް އިޙްސާސްކުރަން ޖެހޭނެއެވެ. ނަތީޖާއެއްގެ ގޮތުން އެސްވަޅު ރަނގަޅުވާން ގިނަ ދުވަސް ނަގާނެއެވެ.

އެސްވަޅު ޖަހަން މެދުވެރިވާ މައިގަނޑު ސަބަބަކީ މި ދެންނެވި ފަދަ ފައިވާނާއި ބޫޓަށް އެރުން އާދަކުރެވިފައި ވުމެވެ.
އެސްވަޅު ޖެހުމުން ރައްކާތެރިވުމަށްޓަކައި ކުރެވެން އޮތް އެންމެ މުހިންމު އަދި އެންމެ ފުރަތަމަ ކަމަކީ އަރަން ގެންގުޅޭ ފައިވާން ނުވަތަ ބޫޓާއި މެދު ބޮޑަށް ސަމާލުވުމެވެ. އަރަމުންދާ ފައިވާނެއްގެ ސަބަބުން ނުވަތަ ބޫޓެއްގެ ސަބަބުން ފައިގެ ދަށްފުށުގައި ކުރަލާގޮތް ވާނަމަ އެ ބޫޓު ނުވަތަ ފައިވާނަކީ އަރަން އެންމެ ކަމުދާ އެއްޗެއް ކަމުގައި ބެލުން ބުއްދިވެރިއެއް ނޫނެވެ. އެހެންކަމުން އަރަން ބޭނުންކުރާ ބޫޓާއި ފައިވާނަކީ ފެންވަރު ރަނގަޅު، ފަޔަށް ފަސޭހަ އެއްޗަކަށް ވުން މުހިންމެވެ.
އަގުހެޔޮ ބޫޓާއި ފައިވާން ހޯދަން ފަސޭހަވެފައި ޖީބަށް ލުއިވި ނަމަވެސް އެއިން ފަޔަށް ލިބެންވާ ފުރިހަމަ ހިމާޔަތާއި ރައްކާތެރިކަމެއް ނުލިބޭނެއެވެ. އެސްވަޅު ޖަހަން މެދުވެރިވާ މައިގަނޑު ސަބަބަކީ މި ދެންނެވި ފަދަ ފައިވާނާއި ބޫޓަށް އެރުން އާދަކުރެވިފައި ވުމެވެ.
އަޅުގަނޑުމެން އަރަން ގެންގުޅޭ ފައިވާން ނުވަތަ ބޫޓަކީ އަޅުގަނޑުމެންގެ މުޅި ހަށިގަނޑު ބަރުދަން އެޔަށް ދޭ އެއްޗެކެވެ. މިސާލަކަށް 60 ކިލޯ ހުންނަ މީހެއްގެ ހަށިގަނޑުގެ ބަރުދަނުން 30 ކިލޯ ކޮންމެ ބޫޓު ކިބައަކަށް ނުވަތަ ފައިވާން ކިބައަކަށް އުފުލަން ޖެހެއެވެ. ފަޔާ ނުގުޅޭ، ފަޔަށް ފަސޭހަ ނޫން ފައިވާން ނުވަތަ ބޫޓަކަށް މި ބަރުކަން ދެމުންދާއިރު ފައިގެ މިބަރުދަން ފައިގެ އެކި ހިސާބުތަކަށް އެކިވަރަށް ބެހިގެން ދެއެވެ. ފައިގެ އެކި ހިސާބުތަކަށް އެކިވަރަށް ބާރު ބޮޑުވެެއެވެ. ނަތީޖާއެއްގެ ގޮތުން ފައިތިލައަށް ތަފާތު މައްސަލަތައް ކުރިމަތިވާން ފަށައެވެ. އެންމެ ބޮޑަށް ބާރުކުރާ ހިސާބުތަކުގައި ކުރަލާ ގޮތް ވެއެވެ. މި ގޮތަށް ކުރަލަމުން ދާއިރު ފައިގެ އެއް ހިސާބެއްގައި، އެއް ތަންކޮޅެއް ގައި ކުރަލާން ފެށުމުން އެތަން އެސްވަޅަކަށް ބަދަލުވެދެއެވެ.
ގޭގައި އެސްވަޅަށް ދެވިދާނެ ފަރުވާ
އެސްވަޅަށް ގޭގައި ދެވޭނެ ފަރުވާއަކީ ތާފަނާކޮށް ހުންނަ ލޮނުފެނުގެ ތެރެއަށް 10 ވަރަކަށް މިނިޓްވަންދެން ފައިތިލަ ލައިގެންއިނދެ ފޯކޮށްލުމެވެ. އެއަށްފަހު އެސްވަޅު ހުރި ހިސާބު ސައިބޯނި ލައިގެން ހިރިގާކޮޅަކުން ރަނގަޅަށް އުނގުޅުމެވެ. މި ގޮތަށް ދުވަސްކޮޅެއް ވަންދެން ކޮންމެ ރެއަކުވެސް ފަރުވާދެމުން ގެންދެވިދާނެވެ. އިސާހިތަކުން އެސްވަޅު ހުރި ސަރަހައްދުގެ ހަންގަނޑު މަޑުވެ އެސްވަޅު އަރާގޮތް ވެދާނެއެވެ.
ވަޅިއަކުން ނުވަތަ ރޭޒަރު ތިލައަކުންވިޔަސް އެސްވަޅު ކޮއްޓައި ހެދުން ރަނގަޅެއް ނޫނެވެ.
ނަމަވެސް ތާފަނާ ފެނުން ފައިތިލަ ފޯކޮށްލުމަށްފަހު އެސްވަޅު ހުރި ހިސާބުން ހަންގަނޑު ކަފައިގެން ބައެއް ފަހަރަށް އެސްވަޅު ރަނގަޅު ކުރެވެއެވެ. އެހެނަސް މިގޮތަށް ރަނގަޅުވަނީ ތަންކޮޅެއް ތިލަކޮށް ހުންނަ އެސްވަޅެވެ.
އެސްވަޅު ރަނގަޅު ކުރުމަށް ދެވިދާނެ އަނެއް ފަރުވާ އަކީ ނިދަން އޮށޯތުމުގެ ކުރިން ކުޑަކުޑަ ޕާންކޮޅެއް ރާހުތް ފޮދަކަށްލައި ފޯކުރުމަށްފަހު އެސްވަޅުމަތީގައި އަޅައި ބަންދުކޮށްފައި ބެހެއްޓުމެވެ. ބެންޑޭޖް ފޮތިން އައްސައިލައިގެން ބަންދުކޮށްލެވިދާނެ އެވެ. މިހެން ހެދުމުންވެސް އެސްވަޅު މަޑުވެ ރަނގަޅުވާގޮތް ވެއެވެ.

