އެސްއީޒެޑްގައި ހިމެނޭ މުހިންމު ދެ މަޝްރޫއެއް ދުބާއީގެ މަޝްހޫރު ވިޔާފާރި ކުންފުނި، އިންޓަނޭޝަނަލް ފްރީ ޒޯން އޮތޯރިޓީ (އިފްޒާ) އާ މިއަދު ހަވާލުކޮށްފިއެވެ.
ސްޕެޝަލް އިކޮނޮމިކް އެންޑް ފައިނޭންޝިއަލް ސާސަސް ޒޯން ތަރައްގީޤީ ކުރުމުގެ އެއްބަސްވުމުގައި ސޮއިކުރުމަށް މީރުމާގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި އިފްޒާގެ ފަރާތުން ސޮއިކުރެއްވީ ކުންފުނީގެ ޗެއާމަން މާޓިން ޕިޓާސަންއެވެ. ރާއްޖޭގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދެވެ.
އިފްޒާއާ ހަވާލުކުރީ ކ. ފުނަދޫގައި އަޅާ ސްޕެޝަލް އިކޮނޮމިކް އެންޑް ފައިނޭޝަލް ޒޯނާއި އިހަވަންދިއްޕޮޅުގެ ހޯރަފުށީގެ ފަޅުގައި ހަދާ މޯލްޑިވްސް އިކޮނޮމިކް ގޭޓްވޭ ހެދުމަށެވެ.
އިކޮނޮމިކް މިނިސްޓްރީން ހާމަކުރައްވާފައިވާ ގޮތުގައި، މޯލްޑިވްސް އިކޮނޮމިކް ގޭޓްވޭގައި އިންޑަސްޓްރިއަލް، ފައިނޭޝަލް އަދި ޓޫރިޒަމަށް ހާއްސަ ސަރަހައްދުތަކެއް ތަރައްގީ ކުރުމުގެ އިތުރުން އިހަވަންދިއްޕޮޅުގައި މީހުން ދިރިއުޅުމަށް ހާއްސަ ސަރަހައްދެއް ވެސް ކަނޑައަޅާނެ އެވެ. އެ ސަރަހައްދުން 2،500 ހެކްޓަރުގެ ބިން ހިއްކަން ވެސް ވަނީ ކަނޑައަޅައިފައެވެ.
މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މިނިސްޓަރު ސައީދު ވިދާޅުވީ އިންޓަނޭޝަނަލް ފްރީ ޒޯން އޮތޯރިޓީ އަކީ ކަމުގެ ފަންނު ލިބިފައިވާ ކުންފުންޏެއް ކަމަށާއި އެ މަސައްކަތް ގާތުން ފެނިވަޑައިގެންނެވި ކަމަށެވެ. ރައީސްގެ ވިޝަން އަކީ އެމަނިކުފާނުގެ ފަސް އަހަރު ހުއްޓުމެއް ނެތި ތަރައްޤީއާއެކު ކުރިއަށް ދިޔުންކަން ފާހަގަކުރެއްވިއެވެ.
އިންޓަނޭޝަނަލް “ލީގަލް ނޮލެޖް” ހުރި ބޭފުޅުން ފާހަގަކޮށް، ރާއްޖެއާއެކު މަސައްކަތް ކުރަން އެބޭފުޅުން ރާއްޖެ ގެންނަވަން ނިންމަވާފައިވާ ކަމަށް ވެސް ވިދާޅުވިއެވެ. ވިޔަފާރީ ކުރުމުގައި ޒަމާނީ ގޮތްތަކެއް ގެންގުޅޭ ޤައުމަކަށް ރާއްޖެ ހެދުމަށް ސަރުކާރުން މަސައްކަތް ކުރައްވަމުންދާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވީ 4 މަސް ދުވަސް ނުވަތަ 5 މަސް ދުވަސް ތެރޭގައި އިފްޒާއާއެކު އެއްބަސްވުމަކަށް އާދެވި، އެއްބަސްވުމުގެ ތެރެއިން އުތުރާއި ފުނަދޫގެ ފައިނޭންޝިއަލް ސެންޓަރު އިމާރާތް ކުރުމުގެ މަސައްކަތް ކުރިއަށް ގެންދެވޭނެ ކަމަށެވެ.
އިފްޒާގެ ޗެއާމަން މާޓިން ވިދާޅުވީ، އެ އެއްބަސްވުމުގެ ސަބަބުން، އެ ކުންފުނީގެ ގްލޯބަލް ކަނެކްޝަނާއި ތަޖުރިބާ އާއި ފަންނީ އެހީތެރިކަން ރާއްޖެ އަށް ލިބޭނެ ކަމަށާއި މި ޕްރޮޖެކްޓްގެ ދަށުން ކޮންފަރެންސް ސެންޓަރަކާއި ހޮޓެލާއި ރިއަލް އެސްޓޭޓް ގާއިމް ކުރާނެ ކަމަށެވެ. އޭނާ ވިދާޅުވި ގޮތުގައި، މި ޕްރޮޖެކްޓްގެ ތެރެއިން ރާއްޖޭގެ އިގްތިސާދަށް އިންގިލާބީ ބަދަލެއް އަންނާނެއެވެ. މި ބަދަލު ފެންނާނީ ދުނިޔޭގެ ފެންވަރުގެ އިންފްރާސްޓްރަކްޗާ ގާއިމްކޮށްގެންނެވެ.
އިކޮނޮމިކް މިނިސްޓަރު ވިދާޅުވީ، ފުނަދޫ ތަރައްގީކޮށް ނިމޭ އިރު، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓާއި މާލެއާ ގުޅާލެވޭނެ ކަމަށާއި، މި އަހަރުގެ ތެރޭގައި އެ ޕްރޮޖެކްޓްގެ މަސައްކަތް ފަށަން އަމާޒު ހިފާފައިވާ ކަމަށެވެ.
އިފްޒާއާ އަކީ މިފަދަ މަޝްރޫއުތައް ހިންގުމުގެ ގާބިލްކަން ހުރި ކުންފުންޏެކެވެ. ދުބާއީގައި އެ ކުންފުނީގެ ކާމިޔާބު މަޝްރޫއުތައް ހިންގާފައިވެއެވެ. އެ ކުންފުނިން ރާއްޖޭގައި ވެސް އެފަދަ ކާމިޔާބު މަސައްކަތްތަކެއް ހިންގާނެ ކަމުގެ ޔަގީންކަން އެބައޮތެވެ.
އިފްޒާއަކީ ބޭންކިން އާއި އިންޝުއަރެންސާއި ކޮމާޝަލް ރިއަލް އެސްޓޭޓުގެ އިތުރުން ކޯޕަރޭޓް ޓްރެއިނިން ދިނުމުގައި ދުބާއީގައި މަޝްރޫއު ކުންފުންޏަަކަށްވާއިރު މިއީ ދުބާއީގެ ކުންފުންޏަކަށް ވިޔަސް، ޗައިނާ އާއި ޖަރުމަނާއި ސްވިޒަލެންޑާއި ސްޕެއިން އާއި ސީޝެލްސް ފަދަ ގައުމުތަކުގައި މަޝްރޫއުތައް ހިންގަމުންދާ ކުންފުންޏެކެވެ.

