ނަމަވެސް ރަސްގެފާނު ނިންމެވީ މި ފިނޮޅުގައި ރަސްކަން ކުރައްވާށެވެ. އެހެނަސް ގިރާވަރު މީހުން އެ ފިނޮޅުގައި މަސްވެރިކަން ކުރާތީ އެ ފިނޮޅާއި ފަޅުތެރެ ލެއިން ތަތްތެޅިފައި ހުރުމުން އެފިނޮޅަށް ”މާލެ” މި ނަން ދެވުނުކަމަށް ވެއެވެ. އަދި މާލެއާ ޖެހިގެން އޮންނަ ފިނޮޅަށް ހުޅުލޭގެ ނަންދެއްވައި ހުޅުލޭގައި ރަސްގެފާނުގެ އަޅުން ތިބޭ ރަށެއް ކަމުގައި ހަމަޖެއްސެވީކަމަށް ވެއެވެ. މިއީ ކުރުގޮތަކަށް އެކި އުޅަނދުފަހަރު މާލެ ދަތުރުކުރާ އިރު ދަތުރު ދެބައިކުރާ ބަނދަރަކަށް ބަލައި އުޅޭ ރަށެކެވެ. އެއީ އޭރުގެ މީހުން ކިޔާ ގޮތުން ނަމަ ކަނޑުމޫނު ރަށެކެވެ.) ބުނެވޭގޮތުގައި އޭރު ދަރަވަންދޫ އަކީ ވެސް ފަޅުރަށެކެވެ. ރާނީ އެ ކަމަނާގެ 40 ބޭފުޅުންނާއެކު އޮޑިކޮޅު ބަނދަރުކުރެއްވީ ދަރަވަންދޫގެ ހުޅަނގު ދެކުނު ފަރާތުން (މިހާރު) ބިބީ ޒިޔާރަތް ހުންނަ (ބަނޑަހަ) މަގާ ދިމާ އަށް ކަމަށްވެއެވެ. އެ މަގަށް ބަނޑަހަ މަގު ކިޔުނީ ކުރީ ޒަމާނުގައި މަސްވެރިކަން ކުރަން އައިސް ތިބޭ މީހުން ބަނޑަހަ ޖަހައިގެން ތިބެނީ އެ މަގުގައި ކަމަށްވާތީ ކަމަށްބުނެއުޅެއެވެ.
ރާނީ އެ ކަމަނާގެ 40 ބޭފުޅުންނާ އެކު މި ރަށުގައި މަޑުކުރެއްވީ މޫސުން ގޯސްވެ ކަނޑުދަތުރު ކުރެވޭ ވަރަށް ވުރެ ކަނޑުގަދަވީމައެވެ. އެ މަޑުކުރެއްވުމުގެ ތެރޭގައި ރާނީގެ ބޭފުޅުންނަށް ބަލިމަޑުކަމެއް ލައިގަތްކަމަށްވެއެވެ. ކާބޯތަކެތި ހުސްވުމާއެކު މި ބަލިމަޑުކަމުގެ ތެރޭގައި ރާނީގެ ބޭފުޅުންކޮޅު އަވަހާރަވާން ފެށިއެވެ. ބޭފުޅުން އަވަހާރަވަމުން ގޮސް އެންމެ ބޭފުޅަކަށްވުމުން ރާނީ އޮޑިކޮޅާއިގެން މި އަތޮޅުން ދަރަވަންދޫގެ ހުޅަނގު އުތުރުން އޮންނަ ފަޅު ރަށެއް ކަމުގައިވާ މުއްދޫ (މިހާރު ހަދަމުން އަންނަ ރިސޯޓެއް) އަށް ވަޑައިގަތީ ކަމަށް ވެއެވެ. މުއްދުއަށް ވަޑައިގަތް މި ދަތުރުފުޅު މަތީގައިި އެންމެ ފަހު ބޭފުޅާ ވެސް އަވަހާރަވުމުން ގަބުރުން ކުނިވަސްދުވާތީ އެ ވަސް ކެނޑުވުމަށްޓަކައި މުއްދޫން ދޮން ކަށިކެޔޮ ކަނޑުއްވައިގެން އޮޑިކޮޅަށް އެރުވިކަމަށްވެއެވެ. އަދި އޮޑިކޮޅަަށް ކަށިކެޔޮތައް ލައްވައިގެން ދަރަވަންދުއަށް މި އޮޑިކޮޅު އެނބުރި އައެވެ.
ދަރަވަންދުއަށް ވަޑައިގެން އަވަހާރަވެފައިވާ އެންމެ ފަހު ދަރިކަލުންނާއެކު ރާނީގެ 40 ބޭފުޅުން ދަރަވަންދޫ ބަނޑަހަ މަގުގައި (މިހާރު ބިބީ ޒިޔާރަތް އެ ހުރި ތަނުގައި) ވަޅުލެއްވީ އެވެ. އަދި އޭގެ ފަހުން އެ ތާނގައި އޮންނަވައި ރާނީ ވެސް އަވަހާރަވީ ކަމަށްވެއެވެ. މި ތަނަށް ބިބީ ޒިޔާރަތޭ ކިޔުނީ އެހެންވެގެން ކަމަށް ބެލެވެއެވެ. އަދި މިތަނަކީ އީޓު ޖަހައިގެން ހިޔާ ކޮށްފައިވާ ކުޑަކުޑަ ގެއެވެ. ދިގުމިނުގައި ގާތްގަނޑަކަށް 5 ފޫޓް، ފުޅާމިނުގައި (2/1 2) ދެފޫޓުބައި ހުރެފައި މެދަށް އުސްކޮށް ދެފުރާޅަށް ހިޔާކޮށްފައި ހުންނައިރު އުސް ދިމާ ގައި 3 ފޫޓު ހުންނަ ވަރުގެ ކުޑަކުޑަ ގެއެކެވެ. މި ތަން ހުންނަނީ ދަރަވަންދޫ ޤަބުރުސްތާނުގެ ހުޅަނގުގައެވެ. ޤަބުރުސްތާނު (ސަހަރާ) ހުންނަ މަގުގައެވެ. ނަމަވެސް މިހާރު މިތަން ހިޔާކުރުމަށް ޖަހައިފައިވާ އީޓުތަކެއް ވެސް ފެންނާކަށްނެތެވެ. އަދި މިތަން މިހާރު ހުންނަނީ ވަރަށް ހާމަޔަށް ފެންނާށެވެ. ވީރާނާވެފައެވެ.
ދަރަވަންދޫގެ ދުވަސްވީ މީސްމީހުންގެ ދޫދޫމަތިން އެނގޭ ގޮތުގައި އޭގެ ފަހުން ބ.މުއްދޫގައި ހުންނަ ކަށިކޭލުން (ފާވާ ވަރަަށް ދޮންވިޔަސް) ދޮންވަސް ނުދުވާކަމަށް ވެއެވެ. ވަރަށް ފަހުން ވެސް ދަރަވަންދޫ ބަޔަކު މުއްދުއަށް ގޮސް އެ ރަށު ކަށިކޭލުން ވަސް ބެލިކަމަށް ބުނެއުޅެއެވެ. އަދި މިހާރުވެސް އެރަށުގެ ކަށިކޭލުން ދޮންވަހެއް ނުދުވާކަމަށް ބުނެއުޅެއެވެ.
މިއީ ތުންތުން މަތިން ދެކެވޭ ވާހަކަ އެވެ. މި ކަމުގެ ޙަޤީޤަތް ތާރީޚީ ލިޔުމަކުން އެނގޭކަށް ނެތެވެ. އަދި ”ބިބީ ޒިޔާރަތް” މީ ކޮން ތަނެއްގައި ހުންނަ ކޮން ކަހަލަ ޒިޔާރަތެެއް ކަމެއް ވެސް ދިވެހި ތާރީޚީ ހޯދުންތަކުން ހޯދިފައެއްނެތެވެ. މިއީ ޔޯލަޔޯލަ ވާހަކައެއްގެ ގޮތުގައި ކުރީ ޒަމާނުއްސުރެން ފެށިގެން ދެކެވެމުން އަންނަ ވާހަކައެކެވެ.
އެހެންނަމަވެސް މި ޒިޔާރަތް ކޮންމެވެސް ސިފައެއްގައި އަދިވެސް މި ރަށުން ފެންނަން އެބަހުއްޓެވެ. އަދި އެ ތަނުގައި މަހާނަތަކެެއްގެ ނިޝާންތައް ވެސް ފެންނާން އެބަ ހުއްޓެވެ. ތާރީޚީ ގޮތުން އަދި މި ޒިޔާރަތް ޙިމާޔަތްކުރާނެ ފަރާތެއް ނެތެވެ. ސަބަބަކީ އޭގެ ޙަޤީޤަތް އަދި މިހާތަނަށް ހޯދިފައި ނުވާތީކަމަށް ވެދާނެ އެވެ. މިއީ ވެސް ކޮންމެވެސް ޒަމާނެއްގައި ހިނގައިފައިވާ ހާދިސާއެއް ކަމަށްވުން އެކަށީގެން ވެއެވެ. ދިރިއުޅުނު ބަޔަކަށް ވެސް ވެދާނެ އެވެ. މިހާރުގެ މީހުންނަށް ނޭނގުނު ނަމަވެސް ކޮންމެވެސް އިރެއްގައި އެ ތަނުގައި، “ކަމެއް” ހިނގައިފައި ވާކަން އެ ތަނުން ވެސް ރަމްޒުކޮށްދެއެވެ. އެ ޒިޔާރަތަކީ އެ ކަމުގެ ހެތްކަކަށް ފުދެއެވެ.
އެހެންނަމަވެސް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހުންނަ މި ފަދަ ޤަދީމީ އާސާރީ ބިނާތައް ތާރީޚަށްޓަކައި ދަމަހައްޓައި، ރަމްޒީގޮތުން ނަމަވެސް ރައްކާތެރިކޮށް ބެލެހެއްޓުމަކީ މިއަދު ހަމަ ކޮންމެ ދިވެހި ފަރުދެއްގެ މަސްއޫލިއްޔަތެއްކަމުގައި ނުވާނެތޯއެވެ؟
(ނޯޓް: މިއީ ބ.ދަރަވަންދޫ އަޙްމަދު ނާފިޢު، ލިޔުއްވާފައިވާ ލިޔުއްވުމެއްގެ ސާފު ނަކަލެކެވެ.)

