ޖުމުލަ 11 މިލިއަން ރުފިޔާ ހަރަދުކޮށްގެން އިއްޒުއްދީން ފާލަން އަޕްގްރޭޑް ކުރުމުގެ މަސައްކަތް ނިމޭއިރު ހުންނާނީ ގައުމިއްޔަތު އަދި ސަގާފަތް ރަމްޒުކޮށްދޭ ޑިޒައިނެއްގައި ފެންވަރު ވެސް މާ ރަނގަޅަށް ކަމަށް އެ މަސައްކަތް ކުރާ އެމްޓީސީސީއިން ބުނެފި އެވެ.
ބައްތެއްޔެއްގެ ޑިޒައިނަށް ކުރިން ފަރުމާކުރި އިއްޒުއްދީން ފާލަން ހުޅުވީ މީގެ އެންމެ ނުވަ އަހަރު ކުރިން ޖުލައި، 2015، ގަ އެވެ. ނަމަވެސް ފާލަމުގައި ދަބަރު ޖެހުމާއި ބައްތެލީގެ ރިޔާ ގޮތަށް ސިފަވާ ގޮތަށް ހުރި ސަތަރިގަނޑު ހަލާކުވެގެން ދެ ފަހަރަކު މަރާމާރު ކުރަންޖެހުނެވެ. އެއީ ޗައިނާ ސަރުކާރުގެ އެހީގައި ސިފައިން އެޅި ފާލަމެކެވެ.
އެމްޓީސީސީން ނެރުނު ބަޔާނެއްގައި ބުނީ 11.7 މިލިއަން ރުފިޔާ ހަރަދުކޮށްގެން އަލުން ހަދާ ފާލަމަކީ ގިނަ ދުވަހު ބޭނުން ކުރެވޭ ފާލަމަކަށްވާނެ ކަމަށެވެ.
“އަލުން ތަރައްގީކުރެވޭ ރަސްމީ ފަލަމަކީ ދިވެހީންގެ ގައުމިއްޔަތާއި ސަގާފަތް ރަމްޒުކޮށްދ،ޭ ގިނަ ދުވަހު ބޭނުންކުރެވޭފަދަ ފެންވަރު ރަނގަޅު ފާލަމަކަށްވާނެކަމުގެ ޔަގީންކަން މި ކުންފުނިން ދިވެހި ރައްޔިތުންނަށް އަރުވަން،” އެ ބަޔާނުގައިވެ އެވެ.
ރައީސުލްޖުމްހޫރިއްޔާ އަދި ރާއްޖެއަށް ވަޑައިގަންނަވާ އިއްޒަތްތެރިން ބޭނުން ކުރުމަށް ރަސްމީ ފާލަމެއް ބޭނުން ކުރަން ފެށީ 1953 ވަނަ އަހަރެވެ. ކުރިން އެ ފާލަމަށް ކިޔައި އުޅުނީ އެއް ނަންބަރު ޖެޓީ އެވެ. ނަމަވެސް ރާއްޖޭގެ މިނިވަންކަމަށް 50 އަހަރު ފުރުމާ ދިމާކޮށް އަލުން ހަދައި ހުޅުވީ އިއްޒުއްދީން ފާލަމުގެ ނަމުގަ އެވެ.

