ދެޖިންސްގެ ގިނަ ޒުވާނުން އެ އެޕްލިކޭޝަނަކަށް ދެވި ހިފާފައިވާ ސޯޝަލް މީޑިއާ ޕްލެޓްފޯމް، ސްނެޕްޗެޓް ވުޖޫދަށް އައީ 2011 ވަނަ އަހަރުއެވެ. ސްނެޕްޗެޓަކީ ސްޓެންފޯޑް ޔުނިވާސިޓީގައި ތައުލީމް ހާޞިލް ކުރަމުން ދިޔަ ދުވަސްވަރު، އީވާން ސްޕީގަލް، ބޮބީ މާފީ އަދި ރެޖީ ބްރައުން އުފެއްދި މަލްޓިމީޑިއާ މެސެޖިން އެޕްލިކޭޝަނެކެވެ. މި އެޕްލިކޭޝަން މެދުވެރިކޮށް ފޮޓޯ ނެގުމާއި ވީޑިއޯ ރެކޯޑް ކުރުމާއި ޓެކްސްޓް އަދި ކުރެހުންތައް ޝެއާ ކުރެވެއެވެ.
އެންމެ ފުރަތަމަ ރައްޓެހިންގެ މެދުގައި ބޭނުންކުރުމަށް ބޭނުންކުރި އެޕްލިކޭޝަނެއް ނަމަވެސް، ގިނަ ބައެއްގެ މެދުގައި މި އެޕްލިކޭޝަނަށް ވަރަށް އަވަހަށް މަގުބޫލުކަން ލިބިގެންދިޔަ އެވެ. ސްނެޕްޗެޓަކީ ކޯއްޗެއްކަން މިހާރުގެ މުޖުތަމައުއަށް ކިޔައިދޭން ނުޖެހޭހާވެސް މި އެޕްލިކޭޝަން އާންމުވެއްޖެއެވެ. އެންމެ ކުޑަ ކުއްޖާއިން ފެށިގެންގޮސް ދެބައި އުމުރުގެ މީހުންވެސް ސްނެޕް ކުރެ އެވެ. ދޭދޭ ދެމީހުން އަލަށް ދިމާވެގެންވެސް ދެވަނަ ޖުމްލަ އަކަށް ވަނީ " ގެނޭ ސްނެޕް އައިޑީ" މިއެވެ.
މި އާޓިކަލް ލިޔަން ފެށީ ސްނެޕްޗެޓަކީ ދެމަފިރިންގެ ގުޅުމަށް ކިހާބޮޑު އަސަރެއް ކުރޭތޯއާ މެދު ކުރެވޭ ބަހުސަށް އަލިއަޅުވާލުމަށެވެ. ހަގީގަތުގައި، ސްނެޕްޗެޓަކީ ދެމަފިރިން ދޭތެރޭ ގިނަ މައްސަލަތަކެއް ޖައްސުވާ އެއްޗެކޭ ބުނުމަކީ ދޮގަކަށް ނުވާނެ އެވެ. ލަންޑަންގެ ޔުނިވާސިޓީއެއްގެ ދަރިވަރުންތަކެއް ހެދި ދިރާސާއެއްގައި ދެއްކި ގޮތުން ކައިވެންނާއި އެހެނިހެން ގުޅުންތައް ރޫޅިގެންދިއުމުގެ މައިގަނޑު އެއް ސަބަބަކީ ސްނެޕްޗެޓެވެ. މިއީ އެހާވެސް ނުރައްކާތެރި އެޕެއް ހެއްޔެވެ؟ މި އާޓިކަލް ލިޔެފައިވާނީ އެ ދިރާސާގެ މައްޗަށް ބިނާކޮށެވެ.

ސްނެޕްޗެޓަކީ އޭގެން ފޮނުވާ މެސެޖުތައް، އެ ލިބެން ޖެހޭ މީހާ އަށް ލިބުމުން ވަގުތުން ގެއްލޭ ގޮތަށް މެސެޖު ކުރެވޭ އެޕެކެވެ. އެހެނީ މެސެޖު ސޭވް އޮޕްޝަން އޮފް ކޮށްގެން މިގޮތަށް މެސެޖު ކުރެވެ އެވެ. މިހެންވުމުގެ ސަބަބުން ފިރިހެން މީހާ ނުވަތަ އަންހެން މީހާވެސް ސްނެޕުން މީހަކާ މެސެޖު ކުރާއިރު ސެލްފް ކޮންޝަޔަސް ނުވަތަ އެ ފޮނުވާލެވޭ މެސެޖާ މެދު އެހާބޮޑު ވޮރީ އެއް ނުހުރެ މެސެޖު ކޮށްލެވެ އެވެ. މިއާ ހިލާފަށް އަސްލު ޓެކްސްޓް މެސެޖު ނުވަތަ މެސެންޖާއިން ނޯމަލް ޓެކްސްޓް ކުރާއިރު ފޮނުވާ މެސެޖުތައް ފެންނަން ހުރެ އެވެ. ސްނެޕްޗެޓުގައި މި ފީޗާ އެކުލެވޭތީ ގިނަ ފަހަރަށް މާ ބޮޑަށް ކޮމްފޮޓަބަލް ވެވި، ޕްރައިވަސީ ފީލިންގް މެސެޖް ކުރާ މީހުންނަށް ލިބެއެވެ. މިހެން ވުމުގެ ސަބަބުން ދޭދޭ މީހުންގެ ދެމެދުގައި ދެކެވެން ނުޖެހޭ ކަހަލަ ޓޮޕިކުތަކަށް ވާހަކަ ދެކެވި އުފެދެން ނުޖެހޭ ގުޅުންތައް އިސާހިތަކު އުފެދިގެންދަނީ އެވެ.
މެސެންޖާ އަދި ނޯމަލް ޓެކްސްޓް މެސެޖުތަކަކީ މެނުއަލީ ޑިލީޓް ކުރަން ޖެހޭ އެއްޗެހިތަކަށް ވެފައި ސްނެޕްޗެޓަކީ ވަގުތުން ފޮހެލެވޭ މެސެޖުތަކަށްވުމުން މިއީ ވަގު ބިޓާ ވާހަކަ ދައްކަން ވެސް އެންމެ ރަނގަޅު އެޕް ކަމަށް މީހުންނަށް ގަބޫލުކުރެވެ އެވެ. އެހެނީ ބައިވެރިޔާ އަށް ބަސްޓް ވުމުގެ ފުރުސަތު ކުޑަވީމަ އެވެ. އަދި އެ ގަޑިއެއްގައި ދައްކާ ވާހަކަތައް ފަހުން ފެންނަން ނުހުންނާނެކަން އެނގި ދެ ފަރާތަށް ވެސް ވަރަށް މިނިވަން މާހައުލެއްގައި ބޭނުން އެއްޗެއް ކިއުމުގެ ސެލްފް ކޮންޝަޔަސް ފީލިންގް ސްނެޕްޗެޓުން ލިބިދޭތީ މި އެޕަކީ ކުރުކޮށް ބުނާ ކަމުގައިވަނީނަމަ މީހަކާ ދައްކަން ނުޖެހޭ ވާހަކައެއް އޮތްނަމަ އެކަމެއް ކުރެވެން އޮންނަ އެންމެ ސޭފް ގޮތެވެ. ސްނެޕުގައި ޔޫސާސް މެދުގައި ފޮޓޯ ވެސް ޝެއާ ކުރެވޭ އެއްޗެއް ކަމުން ސްޓްރީކުގެ ބޭނުމުގައި ކޮށްލާ ފޮޓޯ ސްނެޕަކަށް ނުވެސް ދަންނަ ހިލޭ ފިރިހެނެއް ނުވަތަ އަންހެނެއް ކޮށްލާ ތައުރީފުގެ ރިޕްލައި އަކުން އުފެދެން ނުޖެހޭ ގުޅުމެއް އުފެދިގެންދެ އެވެ.
ސްނެޕްޗެޓަކީ އެހެން އެއްޗިއްސާ އަޅައި ކިޔާއިރު ކިތަންމެ ރައްކާތެރި އެޕެއް ކަމުގައި މީހުންނަށް ގަބޫލުކުރެވިފައި އޮތް ނަމަވެސް ގިނަ ފަހަރަށް އޮންނަނީ ފަހު ދުވަހު ބަސްޓް ވެފައެވެ. ވައިފް އަތުގައި ފޯނު އޮންނަ ގަޑީ މިސްޓްރެސް ކޮށްލާ ސްނެޕަކުންނެވެ. ނުވަތަ އެހެންވެސް ގޮތަކަށެވެ.

ސްނެޕްޗެޓަކީ އެކްސައިޓިންގް އަދި އެއަށް ގިނަ ބަޔަކު ދެވި ހިފާފައިވާ އެޕެއްކަމުން ދުވާލުގެ އެތައް ގަޑިއިރެއް މި އެޕުގައި ބައެއް މީހުން ހޭދަކުރެއެވެ. ކައިވެނިކޮށްގެން އުޅޭ އަންހެންމީހާ ނުވަތަ ފިރިމީހާ މިހެން ވަކި އެޕަކަށް ގެއްލިފަ ހުންނަންޏާ ބައިވެރިޔާގެ ހިތުގައި ކޮންމެވެސް ވަރެއްގެ ޝައްކުތަކެއް އުފެދުމުގެ ފުރުސަތު ބޮޑެވެ. ގުޅުމަށް ބުރޫއަރާފަދަ ކަމެއް ނުކުރި ކަމުގައިވިޔަސް ދެންމެ ބުނި ފަދައިން ގިނަ ވަގުތު ސްނެޕަށް ގެއްލި، ދެމަފިރިން އެކުގައި ކަމެއްކުރާއިރު ވެސް ސްނެޕަށް މާ ބޮޑު ސަމާލުކަން ދެންޏާ ވުޖޫދުގައި ނެތް މައްސަލަތައް ވެސް އުފެދި، ކޫސަނި ޝައްކުތަކާ، ޒުވާބުތަކާއި އަދި މިސްއަންޑަސްޓޭންޑިންގްސް ގިނަ ފަހަރަށް އޮންނާނީ އުފެދިފައެވެ.
ސްނެޕަކީ ހަމައެކަނި ދެމަފިރިންނަށް ގެއްލުންހުރި އެއްޗެެއް ނޫނެވެ. މީހުންނަށް އޮޅުވާލައިގެން ގެސްޓްހައުސްތަކަށް ގެންގޮސް ބަރަހަނާކޮށް، ކިޑްނެޕްކޮށްގެން ފައިސާ ހޯދުމުގައިވެސް ސްނެޕްޗެޓުގެ ރޯލު ބޮޑުކަން ފާހަގަކޮށްލެވެ އެވެ. ސްނެޕްޗެޓް މެދުވެރިކޮށް، ވާހަކަ ދައްކައި ބައްދަލުކުރަން އެދޭ ކަމަށް ބުނެ އޮޅުވާލައިގެން މީސް މީހުންގެ ބަރަހަނާ ފޮޓޯއާއި ވީޑިއޯ ނެގުމަށް ފަހު، އެކި ފަހަރުމަތިން، ފައިސާ ހޯދަނީ ބަރަހަނާ ވީޑިއޯތަކާއި ފޮޓޯތައް ލީކްކޮށްލާނެ ކަމަށް ބުނެ ބިރުދައްކައިގެންނެވެ،
ރޯޔަލް ސޮސައިޓީ ފޯ ޕަބްލިކް ހެލްތުން އިނގިރޭސި ވިލާތުގައި ކުރި ދިރާސާއަކުން ދެއްކި ގޮތުގައި ޒުވާނުންނަށް ނަފްސާނީ ގޮތުން އެންމެ ގެއްލުން ބޮޑު ސޯޝަލް މީޑިއާ އެޕްލިކޭޝަންތަކުގެ ތެރޭ ވެސް ސްނެޕްޗެޓް ހިމެނެއެވެ. ސްނެޕްޗެޓް ހިމެނެނީ މި ލިސްޓުގެ ދެވަނައިގައެވެ. އެއްވަނައިގައި އޮތީ އިންސްޓަގްރާމެވެ. އިންސްޓަގްރާމާއި ސްނެޕްޗެޓާ ދެމެދު މާބޮޑު ތަފާތެއް މި ކަމުގައި ނެތް ކަމަށް ދިރާސާއިން ދައްކަ އެވެ.

