ކެފޭއެއްގެ ބަދިގޭގެ ދުން ހޮޅިން ބަދިގެ ތެރެއަށް ދުން ލީކުވުމުގެ ސަބަބުން އަނބުރައި ގަނެގެން 7 ބިދޭސީއަކަށް ފަރުވާ ދެމުންދާ ކަމަށް ފުލުހުން ބުނެފިއެވެ.
ފުލުހުން ބުނީ ބޮޑުރަސްގެފާނު މަގުގައި ހުރި ކެފޭއެއްގެ ބަދިގޭގެ ދުން ހޮޅިން، ދުން ލީކުވުމުގެ ސަބަބުން 7 މީހަކު އަނބުރައި ގަނެގެން އައިޖީއެމްއެޗްއަށް ގެންގޮސްފައިވަނީ މިއަދު ފަތިހު 5:50 ކަންހާއިރު ކަމަށެވެ. އަދި އޭގެތެރެއިން އެކަކަށް މިހާރު ފަރުވާ ދެމުންދަނީ އޭޑީކޭގައި ކަމަށްވެސް ފުލުހުން ބުނެއެވެ.
ފުލުހުން ބުނީ މި މީހުންގެ ތެރޭގައި ހިމެނެނީ ސްރީލަންކާއާއި އިންޑީއާއަށް ނިސްބަތްވާ މީހަކާއި ބަންގްލަދޭޝްގެ 2 މީހުންގެ އިތުރުން ނޭޕާލްގެ 3 މީހުން ކަމަށެވެ. އަދި މި މީހުންގެ ހާލު ސީރިއަސް ނޫންކަމަށް ހޮސްޕިޓަލުން، ފުލުހުންނަށް މަޢުލޫމާތު ދީފައިވާ ކަމަށް ފުލުހުން ބުނެއެވެ.
ފުލުހުން ބުނީ މި ހާދިސާއާ ގުޅިގެން ބަލަންޖެހޭ ކަންކަން ބަލަމުންދާ ކަމަށެވެ.

