ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަމަށް ކުރިމަތިލުމުގެ ވިސްނުން އިތުރަށް ނެތްކަމަށް އައްޑޫމީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމް ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއަކީ 19 ވަނަ މަޖިލީހުގެ ފަހު ޖަލްސާއެވެ. މި ޖަލްސާގައި ވަނީ މެންބަރުންނަށް ވާހަކަ ދެއްކެވުމުގެ ފުރުސަތު ދެއްވާފައެވެ. އެގޮތުން ވާހަކަ ދައްކަވަމުން ރޮޒައިނާ ވިދާޅުވީ 15 އަހަރަށް ފަހު އޭނާ މަޖިލީހުން ދާއިރު، އިތުރަށް މެންބަރު ކަމަށް ކުރިމަތިލުމުގެ ވިސްނުން ނެތްކަމަށެވެ.
“އަޅުގަނޑުގެ ވިސްނުމެއް ނެތް ދެން ކުރިއަށް އޮތް ތަނުގައި ރައްޔިތުންގެ މަޖިލީހަކަށް ކުރިމަތިލުމުގެ، އެހެންވީމާ މިއަދަކީ މަޖިލީހުގެ ތަޅުމުގައި އަޅުގަނޑު މެންބަރެއްގެ ހައިސިއްޔަތުން ވާހަކަ ދައްކާ ފަހު ދުވަސް.” ރޮޒައިނާ ވިދާޅުވިއެވެ.
ރޮޒައިނާގެ ވާހަކަގައި އޭނާވަނީ ތުލުސްދޫ ދާއިރާގެ ރައްޔިތުންނަށް އަދި އައްޑޫ މީދޫ ދާއިރާގެ ރައްޔިތުންނަށް ޝުކުރު އަދާކުރައްވާފައެވެ. އަދި ރައްޔިތުން ހަވާލުކުރި މަސައްކަތް އަމާނާތްތެރި ކަމާއެކު ކުރެވިއްޖެ ކަމަށް އުންމީދު ކުރާ ކަމަށްވެސް ވިދާޅުވިއެވެ.
މީގެއިތުރުން ރޮޒައިނާ ވިދާޅުވީ އެމްޑީޕީގެ ވެރިކަމުގައި އައްޑޫ މީދޫ ދާއިރާގެ ކުރިއެރުމަށް ގިނަ މަސައްކަތްތަކެއް ކޮށްދެވިފައިވާ ކަމަށެވެ.
ރައްޔިތުންގެ މަޖިލީހުގައި މަސައްކަތްކުރުމަކީ އަންހެނަކަށް ފަސޭހަކަމެއް ނޫންކަން ފާހަގަކޮށް ރޮޒައިނާ ވިދާޅުވީ މަޖިލީހުގައިވެސް އަދި ސޯޝަލްމީޑިއާގެ ތެރޭގައިވެސް ގިނަ ކަންތައްތަކެއް ދިމާވި ކަމަށެވެ. އަދި މަޖިލީހަށް އަންހެނުން ގެންނަން އުޅެނީ ފިރިހެނުންނަށް ދެރައެއް ދިނުމުގެ މަގްސަދުގައި ނޫން ކަމަށާއި މަޖިލީހުގައި ކުރާ މަސައްކަތާއި މުޅި ޤައުމާ ދޭތެރޭ ވިސްނާލާއިރު އަންހެނުންގެ ހިޔާލު ކޮންމެހެން ވެސް ބޭނުންވާ ކަމަށެވެ.

