ކެރިފޯރުންތެރިކަން ހުރި މިންވަރަކުން ކޮންމެ މީހަކުވެސް ލޭހަދިޔާ ކުރެއްވުމަށް ހައުސިން މިނިސްޓަރު ޑރ. އަލީ ހައިދަރު އަހުމަދު އިލްތިމާސް ކުރައްވައިފިއެވެ.
ބައިނަލްއަގުވާމީ ގޮތުން ފާހަގަކުރާ ތެލެސީމިއާ ދުވަހާ ގުޅިގެން ހައުސިން މިނިސްޓަރު ޑރ. އަލީ ހައިދަރު އަހުމަދާއި އެ މިނިސްޓްރީގެ މުވައްޒަފުން ވަނި ލޭ ހަދިޔާކޮށްފަ އެވެ.
ހައުސިން މިނިސްޓަރު ޑރ. އަލީ ހައިދަރު ލޭ ހަދިޔާ ކޮށްދެއްވުމަށް ފަހު ވިދާޅުވީ މިއީ އިންސާނިއްޔަތަށް ކޮށްދެއްވި ހިދުމަތެއް ކަމަށެވެ. ހަމައެހެންމެ، އަބަދުވެސް ލޭ ބޭނުންވާ މިންވަރު އިތުރުވާކަން ފާހަގަކުރެއްވުމާއެކު މިނިސްޓަރ އިލްތިމާސް ކުރެއްވީ ކެރި ފޯރުން ހުރި މިންވަރަކުން ކޮންމެ މީހަކުވެސް ލޭ ހަދިޔާ ކުރުމަށެވެ.
"ހާއްސަކޮށް ތެލެސީމިއާ ކުދިންނަށް ބޭނުންވާ ލޭ ބެހެއްޓޭނެ. އެ ކުދިންނަށް ބޭނުންވާ އިރެއްގައި ދޭ ދެވޭ ގޮތަށް." މިނިސްޓަރު ވިދާޅުވި އެވެ.
ސަރުކާރާއި އަމިއްލަ ކުންފުނިތަކުގެ މުވައްޒަފުން، ލޭ ހަދިޔާ ކުރުމުގެ ޕްރޮގްރާާމްތައް ބޭއްވުމަކީ އަބަދުވެސް ރާއްޖޭގައި ކުރަމުން އަންނަ ކަމެކެވެ.

