ސަރުކާރުގެ ހުރިހާ ސްކޫލެއް އޭސީ ކުރަން ނިންމައިފިއެވެ.
ސަރުކާރުގެ ހުރިހާ ސްކޫލެއް އޭސީ ކުރުމުގެ ޕްރޮޖެކްޓް ފަށަން ނިންމާފައިވާ ކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއު ވަނީ ވިދާޅުވެފައެވެ. ޝަފީއު މިހެން ވިދާޅުވީ ފޭސްބުކުގައި ކޮށްފައިވާ ޕޯސްޓެއްގައެވެ.
“މިފެށޭ ދިރާސީ އަހަރު ތައުލީމީ ނިޒާމަށް ހެޔޮ ބަދަލުތަކެއް އަންނާނެ ގިނަ ޕްރޮޖެކްޓުތަކެއްވަނީ ފަށަން ރޭވިފައި ” ޝަފީއު
ތައުލީމީ ނިޒާމުގެ ތެރެއިން ސުކޫލުތައް މަރާމާތުކުރުމާއި މުދައްރިސުން ތަމްރީނު ކުރުމަކީ ކޮންމެހެން ކުރަން ނިންމާފައިވާ ކަންކަންކަަމަށާއި، ތައުލީމީ ނިޒާމު ހަރުދަނާ ކުރުމަކީ މި ސަރުކާރުގެ މުހިންމު ސިޔާސަތެއް ކަަމަށްވެސް ވިދާޅުވިއެވެ. އަދި ތައުލީމީ ނިޒާމުގެ ތެރެއިން ދިރާސީ އަހަރު ފެށެންވާއިރަށް އެންމެ އިސްކަމެއް ދޭނެ ދެކަމަކީ މުދައްރިސުން ތަމްރީނު ކުރުމުގެ ގައުމީ ޕްރޮގްރާމް ފެށުމާއިއެކު ސަރުކާރުގެ ހުރިހާ ސްކޫލެއް އޭސީ ކުރުމުގެ ޕްރޮޖެކްޓް ފެށުން ކަމަށެވެ.
“މި ޕްރޮގްރާމާއެކު މުދައްރިސުންނަކީ ގަދަރުވެރި ބައެއްކަމުގައި ހެދުމުގެ އަމަލީ މަސައްކަތް ފެށޭނެ. އަދި ސްކޫލްތަކުގައި މުދައްރިސުން ހޭދަކުރާ ވަގުތު މަދުކުރުމަށް އެކަށީގެންވާ ފިޔަވަޅުތަކެއް އަޅާނަން” ޝަފީއު
ޝަފީއު ވިދާޅުވީ ސަރުކާރުގެ ހުރިހާ ސްކޫލެއް އޭސީ ކުރުމުގެ ޕްރޮޖެކްޓް ފަށާ 2 އަހަރު ތެރޭގައި ކޮމިއުނިޓީގެ އެހީތެރިކަމާއެކު ސަރުކާރުގެ ހުރިހާ ސްކޫލެއް އޭސީ ކޮށް ނިންމާވަރު ކުރާނެ ކަމަށެވެ. އަދި ރައީސުލްޖުމްހޫރިއްޔާގެ ލަފާފުޅާއެކު ފެށުމަށް ހަމަޖެހިފައިވާ މި ޕްރޮޖެކްޓުގެ އަމަލީ މަސައްކަތް މި މޭ މަހުގެ ފަހު ހަފްތާގައި އިފްތިތާހު ކުރާގޮތަށް ނިންމާފައިވާ ކަމަށްވެސް ވިދާޅުވިއެވެ.
މީގެ ކުރިން ސަރުކާރުގެ ސުކޫލުތައް އޭސީ ނުކޮށް ހުރުމުން ސުކޫލުތައް ހޫނުގަދަވުމުގެ މައްސަލަތައް ވަނީ ދަރިވަރުންނާއި ބެލެނެވެރިން ކަންބޮޑުވާ މައްސަލައެއްގެ ގޮތުގައި ފާހަގަ ކުރައްވާފއެވެ. ނަމަވެސް ކުލާސްރޫމްތައް އޭސީ ކުރުން މި މައްސަލައަށް ހައްލު ލިބިގެންދާނެއެވެ.

