ގިނަ ދުވަސްތަކެއް ވަންދެން ރައްޔިތުންގެ މަޖިލީހުގައި ތާށިވެފައި އޮތް ކާބޯތަކެތީގެ ރައްކާތެރިކަމުގެ ބިލު މިއަދު ފާސްކޮށްފި އެވެ.
ނިމިދިޔަ އެމްޑީޕީގެ ސަރުކާރުގެ ފަރާތުން މަނަދޫ ދާއިރާގެ މެމްބަރު އަހްމަދު ހާރޫން މި ބިލު މަޖިލީހަށް ހުށަހެޅީ އޮގަސްޓު 2021، ގަ އެވެ. މިއަދު ބޭއްވި 19 ވަނަ މަޖިލީހުގެ އެންމެ ފަހު ޖަލްސާގައި މި ބިލު ފާސްކުރީ 47 މެމްބަރުންގެ ވޯޓާއެކު އެވެ.
މި ބިލަކީ ރާއްޖެއަށް އެތެރެކުރާ އަދި ރާއްޖެއިން ބޭރުކުރާ ކާބޯތަކެތީގެ ރައްކާތެރިކަމުގެ ފެންވަރު ކަނޑައެޅުމާ ގުޅޭ އުސޫލުތައް ހިމެނޭ ބިލެކެވެ.ބިލު ގާނޫނަކަށް ވެގެން ދިއުމުން ކާބޯތަކެތި އުފައްދާ، ގުދަންކޮށް އަދި ވިއްކާ ތަންތަނުގައި ގެންގުޅޭ ކާބޯތަކެއްޗަކީ ސިއްހީ ގޮތުން އެކަށީގެންވާ، ރައްކާތެރި ތަކެތި ކަން ކަށަވަރުކުރުމަށްޓަކައި އަމަލުކުރަން ޖެހޭ އުސޫލުތަކާއި މިންގަނޑުތައް ކަނޑައެޅުމަށް ބޭނުންވާ ގާނޫނީ އޮނިގަނޑެއް ގާއިމު ކުރެވިގެންދާނެއެވެ.
އަދި، ކާބޯތަކެތި ބަލައި ފާސްކުރުމާއި ޓެސްޓުކުރުމަށް ހިފެހެއްޓުމާއި ސިއްހަތަށް ގެއްލުން ދެނިވި ކާބޯތަކެތި ވިއްކުން މަނާކުރުމާއި ރީކޯލް ކުރުމާއި ބާޒާރުން ނެގުމާ ގުޅޭ އުސޫލުތައް ވެސް ބިލު ގާނޫނަކަށް ވުމުން ކަނޑައަޅަން ޖެހޭނެ އެވެ.
ކާބޯތަކެތި އުފައްދާ ވިއްކައި ފަރާތްތައް ރަޖިސްޓަރީކޮށް، ވަކި ޝަރުތުތަކެއް ހަމަވާން ޖެހޭނެ ކަމަށް ބިލުގައި ބަޔާންކޮށްފައި ވެ އެވެ.
ކާބޯތަކެތީގެ ހިދުމަތްދޭ ތަންތަން ބަލާ ފާސްކުރާނެ އުސޫލެއް ވެސް މި ބިލުގައި ކަނޑައަޅާފައިވާއިރު އެފަދަ ތަންތަނުގައި ފުރިހަމަވާން ޖެހޭ ރައްކާތެރިކަމުގެ އަދި ސާފުތާހިރުކަމުގެ މިންގަނޑުތައް ފުރިހަމަނުވާ ހާލަތްތަކުގައި ފިޔަވަޅު އެޅުމާ ގުޅޭ އުސޫލެއް ވެސް ބަޔާންކޮށްފައިވެ އެވެ.
ބިލަށް ކޮމިޓީން ގެނައި އިސްލާހުގައި ވަނީ ބިލު ގާނޫނަކަށް ވުމަށް ފަހު ހިލާފުވުމުން ކުރާ ޖޫރިމަނާގެ އަދަދު ބޮޑުކޮށްފަ އެވެ. ބިލުގައި ބުނެފައިވަނީ، އެ އަމަލެއްގެ ކުޑަބޮޑު މިނަށް ބަލާ، 10،000ރ. 300،000ރ. އާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރުމެވެ.

