އަފްޣާނިސްތާނުގެ އުތުރުގައި ފެންބޮޑުވުމުގެ ސަބަބުން މަރުވި މީހުންގެ އަދަދު 315 އަށް އަރާފައިވާއިރު، 1600 އަށް ވުރެ ގިނަ މީހުންނަށް އަނިޔާވެފައިވާ ކަމަށް ތާލިބާނުންގެ ރެފިއުޖީންނާ ބެހޭ ވުޒާރާއިން އާދީއްތަ ދުވަހު ބުނެފިއެވެ.
މި ހާދިސާގައި މަރުވި މީހުންގެ އަދަދު އާދީއްތަ ދުވަހު އިއުލާނު ކޮށްފައި މިވަނީ 300 އަށް ވުރެ ގިނަ މީހުން މަރުވެ އެތައް ބަޔަކު ގެއްލިފައިވާ ކަމަށް އދގެ ވޯލްޑް ފުޑް ޕްރޮގްރާމް (ޑަބްލިއުއެފްޕީ) އިން ބުނިތާ އެއް ދުވަސް ފަހުންނެވެ.
ތާލިބާނުންގެ ދާޚިލީ ވުޒާރާއިން ހޮނިހިރު ދުވަހުގެ ކުރިން ބުނެފައި ވަނީ ފެންބޮޑުވުމުގެ ސަބަބުން 150 އެއްހާ މީހުން މަރުވެފައިވާ ކަމަށެވެ.
ޑަބްލިއުއެފްޕީން ބުނީ އެންމެ ބޮޑަށް ގެއްލުން ލިބުނު ޕްރޮވިންސަކީ ބަގްލާން ޕްރޮވިންސް ކަމަށާއި އެ ޕްރޮވިންސުން 1،000 އަށް ވުރެ ގިނަ ގެތައް ހަލާކުވެފައިވާ ކަމަށެވެ.
އދ.ގެ އެޖެންސީން ބުނީ ފާއިތުވި ހަފުތާތަކުގައި އެ ގައުމަށް ކުރިމަތިވި ފެންބޮޑުވުމުގެ ސަބަބުން ސަލާމަތްވި މީހުންނަށް ކާއެއްޗެހި ބަހަމުން އަންނަ ކަމަށެވެ.
މިދިޔަ ހުކުރު ދުވަހުވެސް ބޯކޮށް ވާރޭވެހި ބައެއް ސަރަހައްދުތަކުގައި ވަނީ ފެންބޮޑުވެފަ އެވެ.
ތާލިބާން ސަރުކާރުގެ ޗީފް ސްޕޯކްސްޕާސަން ޒަބީހުالله މުޖާހިދު ހޮނިހިރު ދުވަހު ސޯޝަލް މީޑިއާގައި ކުރި ޕޯސްޓެއްގައި ބުނީ
"އެތައް ބަޔަކު ފެންބޮޑުވުމުގެ ސަބަބުން މަރުވެއްޖެ. އަދި ގިނަ ޢަދަދެއްގެ މީހުންނަށް މި ހާދިސާގައި އަނިޔާވެއްޖެ."
ބަގްލާންގެ އިތުރުން އިރުއުތުރުގެ ބަދަޚްޝާން ޕްރޮވިންސާއި މެދު ޣޯރު އަދި ހުޅަނގު ހެރަތު ޕްރޮވިންސަށް ވެސް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ ކަމަށް އޭނާ އެކްސްގައި ކުރި ޕޯސްޓްގައި ލިޔެފައި ވެއެވެ.
އދ.ގެ އިންޓަނޭޝަނަލް އޯގަނައިޒޭޝަން ފޯ މައިގްރޭޝަން (އައިއޯއެމް) އިން ހޮނިހިރު ދުވަހު އޭއެފްޕީ ނިއުސް އެޖެންސީއަށް ދިން އިންޓަވިއުއެއްގައި ބުނީ ބަގްލާންގައި އެކަނިވެސް 200 އަށް ވުރެ ގިނަ މީހުން މަރުވެ އެތައް ހާސް ގެއެއް ހަލާކުވެ ބިމާހަމަވެފައި ވާ ކަމަށެވެ.
ތާލިބާނުންގެ ދިފާއީ ވުޒާރާއިން ހޮނިހިރު ދުވަހު ބުނީ ވައިގެ އަސްކަރިއްޔާއިން މީހުން ހުސްކުރަން ފަށާފައިވާ ކަމަށާއި އަނިޔާވި 100 އަށް ވުރެ ގިނަ މީހުން އަސްކަރީ ހޮސްޕިޓަލްތަކަށް ގެންގޮސްފައިވާ ކަމަށެވެ.
"ހާލުގައި ޖެހިފައިވާ ސަރަހައްދުތަކުގައި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކޮށް، ހާލުގައި ޖެހިފައިވާ މީހުންނަށް ކާބޯތަކެއްޗާއި ބޭހާއި ފަސްޓް އެއިޑް ބަހަން ގައުމީ ދިފާއީ ވުޒާރާއިން ވަނީ ފަށާފައި" އެ ބަޔާނުގައި ވެ އެވެ.
ބަގްލާންގެ ނެޗުރަލް ޑިޒާސްޓާ މެނޭޖްމަންޓް ޑިޕާޓްމަންޓުގެ ވެރިޔާ ހެދާޔަތުالله ހަމްދާދު ބުނީ މަރުވި މީހުންގެ އަދަދު އިތުރުވާނެ ކަމަށް ބެލެވޭ ކަމަށާއި ޕްރޮވިންސްގެ ގިނަ ޑިސްޓްރިކްޓްތަކަށް ރޭގަނޑު ވެސް ބޯކޮށް ވާރޭ ވެހެމުންދާ ކަމަށެވެ.
ފާއިތުވި ދުވަސްތަކުގައި ކުއްލިއަކަށް މިހާ ބޯކޮށް ވާރޭ ވެހި ފެން ބޮޑުވެދާނެކަމަށް ރައްޔިތުން ތިބީ ތައްޔާރަށް ނޫން ކަމަށް އޭނާ ބުނެފައި އެވެ.

12 މެއި 2024 ، ބަގްލާން ޕްރޮވިންސްގެ ނަހްރިން ޑިސްޓްރިކްޓްގައި ފެންބޮޑުވުމުގެ ސަބަބުން ހަލާކުވެފައިވާ މަގެއް މަރާމާތު ކުރަނީ — ފޮޓޯ: އާތިފް އާރިޔަން/އޭއެފްޕީ/ގެޓީ އިމޭޖެސް
ހަމްދާދު ބުނީ ކުއްލި ނުރައްކަލުގެ ހާލަތުގައި ސިފައިންނާއި ފުލުހުންނާއި ސަލާމަތީ ބާރުތަކުން ދަނީ ގެތަކާއި ކުނީގެ ދަށުވެ ހާލުގައި ޖެހިފައިވާ މީހުން ހޯދުމުގެ މަސައްކަތް ކުރިޔަށް ގެންދަމުން ކަމަށެވެ.
40 މިލިއަނަށްވުރެ ގިނަ މީހުންގެ ތެރެއިން 80 އިންސައްތަ މީހުން ދިރިއުޅުމަށް ދަނޑުވެރިކަމަށް ބަރޯސާވެފައިވާ ޤައުމެއްގެ ދަނޑުބިންތައް ވަނީ އަޑިއަށް ގޮސްފައެވެ.

