މާބަނޑުވުމާއި އެކު ދަރިފުޅު ވިހެއުމާއި ހަމަޔަށް މަޔަކު އުފުލަން ޖެހޭ ވޭނަކީ އެފަދަ ކަމެއް ތަޖުރިބާކުރި އަންހެނަކަށް ނޫނީ ނޭނގޭނެ ކަމެކެވެ. މިއީ އަދި މި ދަތުރުގެ ކުޑަމިންވަރެކެވެ.
ވިހެއުމުގެ އެގަދަވޭނާއި އެކު ދެން އުފުލަން ޖެހޭ ބުރައާއި އެކު ފެށިގެން ދަނީ އެހެން މަރުހަލާއެކެވެ.
ރޭގަނޑުގެ ނިދި މަހުރޫމްކޮށްލަނީ ލޯބިވާ ދަރިފުޅުގެ ހައްގުގައެވެ. މިއީ މައިމީހާ ގެ ސިކުނޑިއަށް ވަރަށް ބުރަ ވާކަމެއް ކަމުން މިކަމުގެ ސަބަބުން އަލަށް ދަރިއަކު ލިބޭ މައިން ވަރަށް ގިނަ ފަހަރު ނަފްސާނީގޮތުން ބަލިވާކަމަށް ވެސް ވެއެވެ.
ދައްކަން މިއުޅޭ ވާހަކައިގެ އަސްލު ޕޮއިންޓާއި ގެން ކުރިއަށް ދަމާހިނގާށެވެ.
ވަޒީފާ އަދާކުރަމުން އަންނަ މައިންނަށް ވިހެއުމާއި ގުޅިގެން 6 މަސްދުވަހުގެ ޗުއްޓީއެއް ލިބޭނެ ގޮތް ސަރުކާރުން ހަމަޖެއްސުން އެއީ ވަރަށް ގިނަ މައިންނަށް ލިބިގެން ދިޔަ އުފަލެކެވެ. ނަމަވެސް ސުވާލަކީ ވިހެމުމާއި ގުޅިގެން މި ދެވޭ ހަ މަހުގެ ޗުއްޓީގެ މުއްދަތަކީ ރަގަނޅު މުއްދަތު ތޯއެވެ.
ވިހައިގެން ދަރިފުޅާއި އެކު 6 މަސް ދުވަސް ހޭދަކޮށްލަން ލިބުމަކީ ލިބޭނެ ވަރަށް ބޮޑު ހިތްހަމަޖެހުމެކެވެ.
ނަމަވެސް 6 މަހުގެ ޗުއްޓީއަކަށް ފަހު ލޯބިވާ ދަރިފުޅު ދޫކޮށް ވަޒީފާއަށް ނުކުންނަން މި ޖެހެނީ އެ ދަރިފުޅަށް މައިމީހާގެ ލޯއްބާއި އަޅާލުން އެންމެ ބޮޑަށް ބޭނުންވާ ވަގުތު ކަމުން މިއީ ވަޒީފާ އަދާކުރަމުން އަންނަ މައިންނަށް ކުރިމަތިލާން ޖެހޭ އެންމެ ބޮޑު ގޮންޖެހުމެވެ.
ދަރިފުޅަށް 6 މަސް ފުރޭ ދުވަހަކީ މައިމީހާގެ ގާތުންދެމުން އައި ކިރުގެ އިތުރުން ކާންދޭން ފަށާދުވަހެވެ. އެ ދުވަސްވަރަކީ މައިމީހާގެ ބޭނުން ދަރިފުޅަށް އެންމެ މުހިއްމު ދުވަސްވަރެވެ. އެކުޑަކުޑަ ހަށިގަނޑަށް ބޭނުންވަނީ ކޮންވައްތަރެއްގެ ކާނާ އެއްތޯ ދެނެގަންނަން ޖެހެނީ މަޑުމަޑުން ތަފާތު ވައްތަރުގެ ފައިދާހުރި ކާނާ ތަޖުރިބާކޮށްގެންނެވެ.
ދަރިފުޅަށް ދޭންޖެހެނީ އުމުރާއި ގުޅޭގޮތަށް ޑޮކްޓަރުންގެ އިރުޝާދާއެކު ބުނާ ވައްތަރެއްގެ ކާނާ ކަމަށް ވެއެވެ.
ފުރަތަމަ ކާންދޭ އެއްޗެއްގެ ސަބަބުން ދަރިފުޅު ބަލިވާކަމަށް ވެސް ބައެއް މީހުންބުނެއެވެ.
6 މަސްދުވަހުގެ ބޮޑު ޗުއްޓީއަށް ފަހު އޮފީހަށް ނުކުންނަ އިރު ކުރަންޖެހޭ މަސައްކަތްތަށް ހުންނަނީ ފުނި ޖެހިފައެވެ. މިއީ ގިނަ އޮފީސްތަކުގެ ހާލަތު ކަމަށް ވެއެވެ.
އޮފީހުގެ މަސައްކަތް ބުރަވެ އެކަމާ ވިސްނަންޖެހެއެވެ. މަންމަ ނޫނީ އާއިލާ މީހެއްގެ ބަރޯސާއަށް ދޫކޮށްފައި އަންނަ އެކުޑަފުރާނައާއި ދޭތެރޭގައި ވިސްނަން ޖެހެއެވެ. އޮފީހުގައި އިނަސް ހިތް އޮންނަނީ ގޭގައެވެ. މިއީ ގިނަ އަންހެނުން އުޅެން ޖެހޭ ހާލެވެ.
މިކަންކަން މެނޭޖްކޮށް ރަގަނޅަށް ކުރިއަށް ދަނީ ހާހަކުން އެއް އަންހެނުންނޭ ބުންޏަސް ދޮގަކަށް ނުވާނެއެވެ.
މިކަމުގައިވެސް އެކިމީހުންގެ ހިޔާލު ތަފާތުވާނެއެވެ، ދަރިއަކު ލިބުމަށްފަހު އަންހެންމީހާ ވަޒީފާއަދާކުރުމަކީ ބައެއް މީހުންގެ ހިޔާލުގައި ބޭކާރުކަމެކެވެ. މުޖުތަމައުގެ ފާޑުކިއުންތައް ކުރިމަތިލާންޖެހިދެއެވެ. އޮފީސް މާހައުލުގައި އެކުގައި އުޅޭ މީހުންގެ ފަރާތުން ފާޑުކިއުންތައް އަމާޒުވެއެވެ.
ނަމަވެސް އެބައެއްގެ ދިރިއުޅުމުގެ ހާލަތު އެނގޭނީ އެބަޔަކަށެވެ. އެންމެންނަކީ ފުދިގެން އުޅޭބައެއްނޫނެވެ. ފިރިމީހާއަށް ލިބޭ އެއްޗަކުން އާއިލާގެ ޚަރަދުތަށް ބެލެހެއްޓެނީ މަދުބަޔަކަށެވެ. ފާޑުކިއުމުގެ ބަދަލުގައި ހާލަތު ދެނެގަންނާށެވެ.
ދަރިފުޅަށް 6 މަސް ފުރޭ ދުވަހު އޮފީހަށް ނުކުތުން އެއީ އެ މައިންނަށް ލިބޭ ހިތްދަތިކަމެއް ކަމަށް ގިނަ މައިން ބުނަމުންދެއެވެ. މިކަމަށް ހައްލެއް ހޯދައިދިނުމަކީ އެމައިންނަށް ކުރެވޭ ހެޔޮކަމެއް ގޮތުގައި ދެކެމެވެ.
މިއީ އަޅުގަނޑުގެ ހިޔާލެވެ. ތިޔަ ފަރާތުގެ ހިޔާލު މިކަމަށް މުހިއްމު ކަމަށް ދެކެމެވެ.

