މަރުވާ މީހުންނާއެކު ދިރި ތިބީން ވަޅެއް ނުލެވޭނެ އެވެ. ލެވޭކަށް ނުވެސް ޖެހެއެވެ. އެހެންކަމުން ފަސްއެނބުރި ނުބަލާށެވެ. އެހެނީ ދިރިއުޅުން އޮތީ ފަހަތަކަށް ނޫނެވެ. ކުރިއަށް ކަމަށް ވާތީއެވެ. ނެވަރ ލުކް ބެކް!
ހަޔާތުގެ ދެވަނަ ނަމަކީ މަރެވެ. އަދި ދިރިއުޅުމުގެ ދެވަނަ މާނައަކީ ފަސް އެނބުރި ނުގޮސް ކުރިއަށް ދިއުމެވެ.
ކިތަންމެ ލޯބިވާ މީހަކަސް ތާއަބަދު އެކުގައި ގާތުގައި ނުހުންނާނެކަން ގަބޫލު ކުރަން ޖެހޭނެއެވެ. ދުނިޔެ ދައްކާ ކުލަ ހަގީގަތަކީ މިއީ ކަމާއި މިއީ ދެކޮޅު ނުހެދޭނެ ނިޔާކަން ވެސް ގަބޫލު ކުރަން ޖެހޭނެއެވެ.
އެކުގައި އުޅުމަށް ކިތަންމެ ވައުދެއްވެ ތަރިބާލާ ހަނދު އުނގަށްލައި ހެދިޔަސް އެކުގައި މުޅި އުމުރު ނޫޅެ ވަކިވެގެން ދާން ޖެހިދާނެއެވެ.
މިއީ ގަބޫލު ކުރަން ޖެހޭ ކަމެކެވެ.
ހަނދާން އާކުރުމަކީ ހިތުގައި ވޭން އަޅާ ކުރިއަށް ދިއުމަށް ދަތިވާނެ ކަމެކެވެ. ހަޔާތުގެ ނާ ކިތަންމެ ބޭނުން ވިޔަސް ފަހަތަކަށް ނުދާނެއެވެ. އޭގެ ދުވެލި އޮންނަނީ ހަމަ ކުރިއަަށެވެ. ވީއިރު ފަހަތަށް އެނބުރި އެނބުރިފައި ހިތާމަވެރި ވެގެން ވާނެ ފައިދާ އެއް އޮންނާނެ ބާވައެވެ. ދުނިޔޭގެ ދިރިއުޅުމުގައި އެކި ދުވަހު ދައްކާނީ އެކި ކުލަވަރެވެ. އޭގައި ކުށްވެރިވާ މީހާ އަކީ ތިމާ ވިޔަސް ނުވަތަ އަނެކާ ކަމުގައި ވިޔަސް ވެދިޔަތަން އެނބުރި ނާންނާނެކަމީ އެންމެ ބޮޑު ހަގީގަތެވެ. އެހެންކަމުން ވެދިޔަތަނާމެދު ވިސްނުމުގައި އަންނަން އޮތް ތަން ހަލާކުކޮށްލުމަކީ މޮޔައިންގެ ކަމެއްކަން ގައިމެވެ. ކިރިޔާވެސް ވިސްނޭ ބުއްދީގެ ކަންފުޅެއްވެސް ހުރިނަމަ ވެދިޔަތަނުން އިބުރަތާއި ހަމަޖެހުން ހޯދައިގެން ދިރިއުޅުމާއިގެން ކުރިއަށްދާނެއެވެ. ދިޔަ ކަމެއް ބަދަލު ނުވާނެއެވެ. އެކަމަކު ދެން ވާން އޮތް ކަން ރަނގަޅު ކުރެވިދާނެއެވެ.
ހަމަ އެހެންމެ ދުނިޔޭގެ މިދިރިއުޅުމުގައި ދިމާވާނެ އެންމެ ބޮޑު ހަގީގަތަކީ މަރެވެ. އެކަންވެސް ގަބޫލު ކުރަން ޖެހޭނެއެވެ. ހަމައެކަނި އީމާންތެރިކަން ފުރިހަމަ ކުރުމަށް ނޫނެވެ. އަގީދާ ފުރިހަަމަ ވުމާއެކު ދިރިއުޅުން ވެސް ފަސޭހަވެގެންދާނީ މިހަގީގަތް ގަބޫލުކޮށްގެން ހުދު ތިމާވެސް ހަމަ އެކަފުނާއެކު ފަސްގަނޑުދަށުގައި ފޮރުވޭނެކަން ގަބޫލުކުރަންވެސް ފަސޭހަ ވާނެއެވެ.

