"ޕެރިސް އޮލިމްޕިކްސް 2024" ގެ ދެކުނު އޭޝިއާ ގައުމުތަކުގެ ޓޭބަލް ޓެނިސް ކޮލިފިކޭޝަންގެ އަންހެން ސިންގަލްސް ޗެމްޕިއަންކަން ހޯދައިގެން އޮލިމްޕިކްސް ކުޅިވަރު މުބާރާތަށް ކޮލިފައި ރާއްޖޭގެ ފުރަތަމަ އެތްލީޓް ފާތިމަތު ދީމާ އަލީ މިއަދު ހަވީރު ރާއްޖެ އައުމުން އޭނާއަށް ހޫނު މަރުހަބާއެއް ކިޔައިފިއެވެ.
އުމުރުން 16 އަހަރުގެ ދީމާ، އޮލިމްޕިކްސް އަށް ކޮލިފައިވީ އެ މުބާރާތުގެ ފައިނަލުގައި ދީމާ ވަނީ ސްރީ ލަންކާގެ ބިމާންޑީ ބަންޑާރާ 4-1 ސެޓުން ބަލިކޮށްފައެވެ
ރާއްޖެއިން އޮލިމްޕިކްސްގައި ސްވިމިންއާއި އެތުލެޓެކްސް އިވެންޓުގައި، 1988 ވަނަ އަހަރުން ފެށިގެން، ވާދަކުރަމުން އަައީ އޮލިމްޕިކް ކައުންސިލްގެ މެންބަރު ގައުމުމުތަކަށް ދޭ ފްރީ ސްލޮޓްތަކުގައި ކަމަށްވި ނަމަވެސް ލަންޑަންގައި 2012ގައި ބޭއްވުނު އޮލިމްޕިކްސްއަށް ރާއްޖޭގެ މުހައްމަދު އަޖުފާން ރަޝީދު އަދި ޖަޕާންގައި ބޭއްވުުނު 2020ގެ އޮލިމްޕިކްސްގައި ފާތިމަތު ނަބާހާ އަބްދުރައްޒާގު ބެޑްމިންޓަގައި ވަދަކޮށްފައިވަނީ ޓްރައިޕާޓައިޓް ކޮމިޝަން އިންވިޓޭޝަންގައި ހޯދި ފުރުސަތުތަކުގައެވެ. އެއީ ކޮލިފިކޭޝަނަށްފަހު، އެ ކޮލިފައިވި ގައުމުތަކުގެ ކުޅުންތެރިންގެ ބޭރުން، އެހެން ގައުމުތަކުގެ އެންމެ ރޭންކިން މަތި ކުޅުންތެރިންނަށް ދޭ ޝެއާޑް ފުރުސަތުތަކެކެވެ.
އެހެންކަމުން ދީމާ މިހޯދި ކާމިޔާބީ ވަނީ އެއްގޮތަކަށްވުރެ ގިނަ ގޮތްގޮތުން ޚާއްސަ ކާމިޔާބީއަކަށެވެ.
މި ފަހުރުވެރި ކާމިޔާބީއާއެކު ދީމާ މިއަދު ރާއްޖެ އައުމުން ކުޅިވަރާ ބެހޭ ވަޒީރު އަބްދުﷲ ރާފިއު، ހައުސިން މިނިސްޓަރު ޑރ. އަލީ ހައިދަރު އަހުމަދާއި މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ (އެމްއޯސީ)ގެ ރައީސް މުހައްމަދު އަބްދުއްސައްތާރު (ޗަމްޕި) ގެ އިތުރުން ޓީޓީ އެސޯސިއޭޝަންގެ އިސް ވެރީން ވެސް ވަނީ އޭނާއަށް ވަރަށް ހޫނު މަރުހަބާ ކިޔައިފައެވެ.

