މޯލްޑިވްސް ޕޯޓްސް ލިމިޓަޑް (އެމް.ޕީ.އެލް) އިން އަލަށް ފެށި "ސީ-ޓު-އެއަރ" ކާގޯ ޓްރާންސްޝިޕްމަންޓް ގެ ޚިދުމަތުން ތުރުކީ އެއާލައިންއާއި އެކު ވެވުނު އެއްބަސްވުމާއި އެއްގޮތަށް ކާގޯ ބޮޑު ޝިޕްމަންޓެއް ރާއްޖެއިން ފުރުވައިލައިފިއެވެ.
މިއީ މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓަޑް (އެމް.އޭ.ސީ.އެލް) އާއި، ޓާކިޝް އެއާލައިންސް އަދި މޯލްޑިވްސް ސްޓޭޓް ޝިޕިންގ (އެމް.އެސް.އެސް) އާއެކު މާރޗް މަހު ވެވުނު އެއްބަސްވުމުގެ ދަށުން އެމްޕީއެލުން އަލަށް ފެށި ހިދުމަތެކެވެ. އަދި މި ހިދުމަތަށް ވިޔަފާރިވެރިންގެ ފަރާތުން ބޮޑު ތަރުހީބެއް ލިބެމުން އެބަދެއެވެ.

ތުރުކީ އެއާލައިން މެދުވެރިކޮށް ފޮނުވާލި ފުރަތަމަ ޗިޕްމަންޓަކީ ބަގްލަދޭޝް އިން ޖަރުމަންވިލާތަށް ދާ ގާރމެންޓް ޝިޕްމެންޓެކެވެ. އޭއީ 935 ދާގީނާ ހިމެނޭ ޗިޕްމެންޓް އެކެވެ.
މި ފެށުނު ހިދުމަތާއި އެކު ޓާކިޝް އެއާލައިންސްގެ ރީޖަނަލް ކާގޯ މެނޭޖަރ ބިލާލް އޮކުޗް ވިދާޅުވީ އެ އެއާލައިންގެ އަމާޒަކީ އެމް.ޕީ.އެލްއާ ގުޅިގެން ރާއްޖެއަކީ ސީ-ޓު-އެއަރ ޓްރާންޝިޕްމަންޓްގެ ހަބަކަށް ހެދުން ކަމަށެވެ.

"މިހާރު އަޅުގަނޑުމެން މައިގަނޑު ގޮތެއްގައި މި ބޭނުންކުރަނީ ލަންކާ. އެކަމަކު މިހާރުވެސް އަޅުގަނޑުމެންގެ ޑިމާންޑަށް ލަންކާއަށް ކޭޓަރ ނުކުރެވޭ. އެހެންވެ އަޅުގަނޑުމެން ބޭނުންވަނީ މި ޚިދުމަތަށް ރާއްޖެ ބޭނުންކުރަން،" ބިލާލް ވިދާޅުވިއެވެ. "އަޅުގަނޑުމެންގެ އަމާޒަކީ ދިވެހިރާއްޖެ މި ޙިދުމަތުގެ ހަބަކަށް ހެދުން."
އެމް.ޕީ.އެލްގެ ސީ.އީ.އޯ މުޙައްމަދު ވަޖީހް ވިދާޅުވީ މި ޚިދުމަތަކީ އެމް.ޕީ.އެލްގެ އިތުރުން، ދިވެހިރާއްޖޭގެ އިޤްތިސާދަށްވެސް ފައިދާކުރާނެ ޚިދުމަތެއް ކަމަށެވެ.
"އެމް.ޕީ.އެލްގެ އާމްދަނީ އިތުރުވެ، ޚިދުމަތް ފުޅާވުމުގެ އިތުރުން މިއީ ދިވެހިރާއްޖޭގެ އިޤްތިސާދަށްވެސް ކުރިއެރުން ލިބޭ ޚިދުމަތެއް،" ވަޖީހް ވިދާޅުވިއެވެ. "ރައީސް ޑޮކްޓަރ މުޙައްމަދު މުއިއްޒުގެ ސަރުކާރުން ދިވެހި އިޤްތިސާދު ކުރިއެރުވުމަށް ކުރަމުންދާ މަސައްކަތުގައި އެމް.ޕީ.އެލް އަށް ވަނީ މުހިންމު މަސައްކަތްތަކެއް ހަވާލުކުރެވިފައި. އަޅުގަނޑުމެން މި މަސައްކަތްކުރަނީ އެކަންތައްތައް ހާސިލްކުރުމަށް."
ސީ-ޓު-އެއަރ ކާގޯ ޚިދުމަތަކީ ވައިގެ މަގު އަދި ކަނޑު މަގު ބޭނުންކޮށްގެން، މުދާ އެއްތަނުން އަނެއް ތަނަށް ފޯރުކޮށްދިނުމަށް ތަޢާރަފްކުރާ ފަސޭހަ އަދި އަވަސް ޚިދުމަތެކެވެ. އަދި މި ހައިބްރިޑް މޮޑެލްގެ ސަބަބުން މި ސަރަޙައްދުގެ ވިޔަފާރިތަކާއި ސިނާޢަތްތަކުގެ ބޭނުންތައް ފުއްދައިދީ، މުދާ އުފުލުމުގެ ޚިދުމަތް އަވަސް އަދި ހަރުދަނާ ގޮތެއްގައ ބެލެހެއްޓިގެން ދާނެއެވެ. މި ޚިދުމަތް ކުރިއަށް ގެންދާނީ އެމް.ޕީ.އެލް އާއި މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓަޑް (އެމް.އޭ.ސީ.އެލް) އަދި ބައިނަލްއަޤްވާމީ އެއާލައިންތަކާ ގުޅިގެންނެވެ.

މިއީ އެކި ބާވަތުގެ މުދާ އެކްސްޕޯޓްކުރާ ޤައުމުތަކުން، ބައެއް މަންޒިލްތަކަށް އަވަހަށް މުދާ ފޯރުކޮށްދިނުމުގައި ބޭނުންކުރެވޭނެ ޚިދުމަތެކެވެ. އެގޮތުން ރާއްޖެ އަށް މި ޚިދުމަތް ފޯރުކޮށްދިނުމުގައި އޮތް އެންމެ ބޮޑު ފައިދާ އަކީ، ވައިގެ މަގުން ގިނަ ޤައުމުތަކަކަށް ރާއްޖެއަށް ފްލައިޓްތައް ދަތުރުކުރުމެވެ. ހާއްސަކޮށް ޔޫރަޕްގެ ގިނަ މަންޒިލުތަކެކެވެ.

