އިއްޔެ ހެނދުނު ކ. ތިލަފުށިން ފުރައިގެން މ. މެދުފުށި އައިލެންޑް ރިޒޯޓަށް ދަތުރުކުރަމުން ދަނިކޮށް ގެއްލުނު ”އޭއޭއޭ-37” ނަމަކަށް ކިޔާ މުދާ އުފުލާ ދޯނި ހޯދުމުގެ މަސައްކަތުގައި މޯލްޑިވިއަން ފުލައިޓެއް ވައިގެމަގުން ހަރަކާތްތެރިވާން ފަށާފައިވާ ކަމަށް އެމްއެންޑީއެފުން ބުނެފިއެވެ.
އެމްއެންޑީއެފުން މިއަދު ހެނދުނު މައުލޫމާތު ދީފައިވާ ގޮތުން އެ ދޯނިން ދަތުރުކުރީ 3 މީހުންނެވެ. ނަމަވެސް ދާދި ދެންމެ އެކު އެމްއެންޑީއެފުން ބުނީ ދޯނިން 4 މީހަކު ދަތުރުކޮށްފައިވާ ކަމަށެވެ.
އިއްޔެ ހެނދުނު 06:00 ހާއިރު ކ. ތިލަފުށިން، ފުރި އެ ދޯނީގެ ހަބަރެއް ނުވެގެން، އެކަމުގެ މައުލޫމާތު އެމްއެންޑީއެފް ކޯސްޓްގާޑު މެރިޓައިމް ރެސްކިޔު ކޯޑިނޭޝަން ސެންޓާ (އެމްއާރުސީސީ) އަށް އިއްޔެ 17:20 ހާއިރު ވަނީ ރިޕޯޓް ކޮށްފައެވެ.
އެ ދޯނި ހޯދުމުގެ މަސައްކަތުގައި އެމްއެންޑީއެފް ކޯސްޓްގާޑް ޝިޕް ޝަހީދު އަލީ ދަނީ ހަރަކާތްތެރިވަމުންނެވެ.
ދޯންޏާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިއްޖެނަމަ އެމްއެންޑީއެފް ކޯސްޓްގާޑުގެ ހިލޭ ގުޅޭ ނަމްބަރު 191 ގުޅައި މައުލޫމާތު ހިއްސާކުރުމަށް ވެސް އެމްއެންޑީއެފުން ވަނީ އެދިފައެވެ.

