ބީޓްރޫޓް ޖޫސް ބުއިމަކީ ލޭގެ ޕްރެޝަރ ދަށްކޮށްދެއެވެ. ދިރާސާތަކުން ދައްކާ ގޮތުގައި ބީޓްރޫޓް ޖޫސް ބުއިމުން ލޭގެ ޕްރެޝަރު ހަތަރެއް ނުވަތަ ފަސް ޕޮއިންޓްވަރު އެވްރެޖްގޮތެއްގައި ދަށްކޮށްލަދޭނެއެވެ.
ކިތަންމެ ކުޑަ މިންވަރެއްކަމުގައި ވިއަސް މީގެ ސަބަބުން ހާޓް އެޓޭކް ޖެހިގެން މަރުވާ މީހުންގެ އަދަދު 10 އިން ސައްތަ ދަށްކުރެވިދާނެ ކަމަށް ކަމާ ބެހޭ މާހިރުން ލަފާދެއެވެ.
އޮސްޓްރޭލިޔާގެ މެލްބަންގައި ހެދި ދިރާސާގައި ސިއްހަތު ރަނގަޅު ފަނަރަ ފިރިހެނުންނާއި ފަނަރަ އަންހެނުން ބައިވެރިވެފައިވެއެވެ. މި އެންމެން ވެސް 17.5 އައުންސްގެ ދިޔާ އެއްޗެއް ދިރާސާގައި ބޭނުންކުރިއިރު އޭގެ ¾ އަކީ ބީޓްރޫޓް ޖޫހެވެ. އަދި ¼ އަކީ އާފަލު ޖޫހެވެ. ލޭގެ ޕްރެޝަރު ދަށްވާންފެށީ ބީޓްރޫޓް ޖޫސް ބުއިމުގެ 6 ގަޑިއިރު ފަހުންކަމުގައި ދިރާސާކުރި ފަރާތްތަކުން ބުނެއެވެ. އަދި ޕްރެޝަރު ބޮޑަށް ދަށްވެފައިވަނީ ބީޓްރޫޓް ޖޫސް ބޭނުންކުރި ފަރާތްތަކުގެ ތެރެއިން ފިރިހެނުންގެ ކަމުގައި ވެސް ދިރާސާގައިވެއެވެ. މިގޮތުން ފިރިހެނުންގެ ލޭގެ ޕްރެޝަރުވަނީ އެވްރެޖްކޮށް 4.7 ޕޮއިންޓް ދަށްވެފައެވެ.

ބީޓްރޫޓް ސިއްހީ އެތައް ފައިދާތަކެއް ހިމެނޭ….ފޮޓޯ: ޝަޓަސްޓޮކް
ބީޓްރޫޓްގައި ހިތާ ރައްޓެހި މާއްދާތައްކަމުގައިވާ ވިޓަމިން ސީ، ވިޓަމިން ކޭ، ފައިބަރ، ހިމެނޭކަމަށް ވިއަސް ސައިންސްވެރިން ބުނާ ގޮތުގައި ލޭގެ ޕްރެޝަރ ދަށްވުމުގެ ޙަޤީޤީ ސަބަބަކީ ބީޓްރޫޓްގައި ނައިޓްރޭޓް ހިމެނިފައިވުމެވެ.
ނިއުޓްރިޝަނުން ފުރިގެންވާ ބީޓްތަކުގައި ސެލްތަކަށް ލިބޭ ގެއްލުމާއި އިންފްލެމޭޝަންއާ ދެކޮޅަށް މަސައްކަތްކުރާ ބެޓަލައިން ފަދަ އެންޓިއޮކްސިޑެންޓްތައް އެކުލެވިގެންވާ އިރު، ކެންސަރާއި ހިތުގެ ބަލިތަކުން ރައްކާތެރިކަން ލިބޭނެ އެވެ. އަދި ހަމައެހެންމެ ކަސްރަތު ކުރާއިރު ސްޓެމިނާ ގިނަވުމާއި ހިތުގެ ބަލިތަކާއި ސްޓްރޯކުން ރައްކާތެރިވުމާއި ލޭގެ ޕްރެޝަރު ދަށްވުން ހިމެނެއެވެ.

