ހަތަރު މީހުންނާއެކު ހުކުރު ދުވަހު ގެއްލުނު ދޯނި އަދިވެސް ނުފެންނަ ކަމަށް އެމްއެންޑީއެފުން ބުނެފި އެވެ.
ގެއްލިގެން ހޯދަމުން ދަނީ ދިވެއްސަކާއި، ބަންގުލަދޭޝްގެ ތިން މީހުން ދަތުރުކުރަމުން ދިޔަ “AAA-37” ނަމަކަށް ކިޔާ ދޯންޏެކެވެ. އެ ދޯނި ތިލަފުށިން ފުރީ ހުކުރު ދުވަހު ހެނދުނު 6:00 ހާއިރު ކަމަށާއި، ދޯނީގެ ހަބަރެއް ނުވެގެން ކޯސްޓްގާޑަށް ރިޕޯޓު ލިބުނީ އެ ދުވަހު ހަވީރު 5:20 ގައި ކަމަށް އެމްއެންޑީއެފްއިން ބުނެ އެވެ.
ދޯނި ހޯދުމުގެ މަސައްކަތް ކުރާތާ 36 ގަޑިއިރުވެފައި ވާއިރު، ކަނޑާއި ވައިގެ މަގުން ރަތްމަންދޫގެ އިރުމަތީ ބިތުގެ 4519 އަކަ ނޯޓިކަލް މޭލު ބަލާފައިވާ ކަމަށް އެމްއެންޑީއެފުން ބުނެ އެވެ.
“މިހާތަނަށް ބެލިބެލުމުން އަދި އެ ދޯނި ފެނިފައި ނުވޭ،” އެމްއެންޑީއެފުން ބުންޏެވެ.
މި އޮޕަރޭޝަންގައި ބޭނުން ކުރަމުން ދަނީ ކޯސްޓުގާޑުގެ އުޅަނދު ފަހަރާއި މޯލްޑިވިއަންގެ މަތިންދާ ބޯޓެކެވެ.
މި ދުވަސްވަރު މުޅި ރާއްޖެ އަށް މޫސުން ގޯސްއިރު، ބޯކޮށް ވާރޭ ވެހި، ވައި ބޮޑަށް ގަދަވެ، ކަނޑުތައް ވެސް ގަދަވެ އެވެ. އެހެންވެ، ދަތުރުފަތުރު ކުރުމުގައި ސަމާލުވުމަށް ވަނީ އިލްތިމާސްކޮށްފަ އެވެ.
ގެއްލިގެން ހޯދަމުންދާ ދޯންޏާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިއްޖެނަމަ އެމްއެންޑީއެފް ކޯސްޓްގާޑުގެ ހިލޭ ގުޅޭ ނަންބަރު، 191 ގުޅައި މައުލޫމާތު ހިއްސާކުރަން ވަނީ އިލްތިމާސްކޮށްފައިވެ އެވެ.

