ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުގެ ފުރަތަމަ ހަ މަސް ދުވަހުގެ ތެރޭގައި ކުޅިވަރު ކުރިއެރުވުމަށް ފަސްސަތޭކަ މިލިޔަނަށް ވުރެ ގިނަ ރުފިޔާ ހަރަދު ކުރެވިފައިވާ ކަމަށް ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރު އިބްރާހީމް އާމިރު ވިދާޅުވެއްޖެއެވެ.
ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރު އިބްރާހީމް އާމިރު މިހެން ވިދާޅުވީ އެ ވުޒާރާއިން ކުރަމުންދާ މަސައްކަތްތަކުގެ ތަފްސީލު ހާމަކުރެއްވުމަށް ބޭއްވި ނޫސްވެރިންގެ ބަައްދަލުވުމެއްގައެވެ.
މި ބައްދަލުވުމުގައި ދެއްކެވި ވާހަކަފުޅުގައި އާމިރު ވިދާޅުވީ މި ސަރުކާރުން މިހާތަނަށް އައިރު 528 މިލިޔަން ރުފިޔާގެ 176 ކޮންޓްރެކްޓުގެ މަސައްކަތް ކުރިއަށްދާ ކަމަށެވެ. ހަމަމިއާއެކު މި އަހަރުގެ ފުރަތަމަ ފަސް މަސް ދުވަހުގެ ތެރޭގައި، 83 މިލިޔަން ރުފިޔާ ހަރަދުވާނެ ކަމަށް ބެލެވޭ، މުޅިން އަލަށް ފެށޭ ކުޅިވަރުގެ 23 މަޝްރޫއެއްގެ މަސައްކަތް ފެށިގެން ކުރިއަށްދާ ކަމަށްވެސް އާމިރު ވިދާޅުވިއެވެ. އަދި މި 23 މަޝްރޫއަކީ މުޅިން އަލަށް ރާއްޖޭގައި ކުޅިވަރުގެ ތެރެއަށް ފެށިގެންދާ މަޝްރޫއުތަކެއްކަމަށްވެސް ވަނީ ވިދާޅުވިއެވެ.
ޕީއެސްއައިޕީ ޚަރަދުތަކަށް ބަލާއިރު، މި އަހަރު 70 މިލިޔަން ރުފިޔާ މިހާތަނަށް ޚަރަދުކުރެވިފައިވާ ކަމަށާއި ކުޅިވަަރުގެ މުޅިން އައު ގިނަ މަޝްރޫއުތަކެއް މިހާރު ފެށިފައިވާއިރު، މިދިޔަ ސަރުކާރުން ފަށާފައިވާ މަޝްރޫއުތަކާއެކު 24 މަޝްރޫއެއް މިހާރު ނިމިފައިވާ ކަމަށްވެސް ޢާމިރު ވިދާޅުވިއެވެ. އާމިރު ވިދާޅުވީ ނިމުނު މަޝްރޫއުތަކަށް 49 މިލިޔަން ރުފިޔާ ޚަރަދުވި ކަމަށެވެ.
މި ސަރުކާރުން އަލަށް ފަށާފައިވާ މަޝްރޫއުތަކަކީ ފުޓްބޯޅައިގެ ސަބްބޭސްގެ މަސައްކަތަކާއި، ޓާފް އެޅުމުގެ މަސައްކަތުގެ އިތުރުން، ފުޓްބޯޅަ ދަނޑުތަކުގައި ފެންސު ޖެހުމުގެ މަސައްކަތާއި، ފުޓްބޯޅަ އަދި ވޮލީބޯޅަ ދަނޑުތަކުގެ މަރާމާތުގެ ބައެއް މަސައްކަތްތަކެވެ. މުޅި ރާއްޖެއަށް ބަލާއިރު ތިން ޒޯނެއްގެ މަސައްކަތް މިހާރު ކުރިއަށްދާއިރު، އޭގެ ތެރެއިން އައްޑޫ ސިޓީ ދަނޑުގެ މަރާމާތުގެ މަސައްކަތް މިހާރު ވަނީ ނިންމާލާފައެވެ.

