އިރާނުގެ ރައީސް އިބްރާހިމް ރައިސީ ދަތުރުކުރެއްވި ހެލިކޮޕްޓަރު ވެއްޓުނު ހާދިސާގައި، ރައިސީ އަވަހާރަވެފައިވާ ކަމަށް އެ ގައުމުގެ ދައުލަތުގެ މީޑިއާއިން ބުނެފި އެވެ.
އެ ހާދިސާ ހިނގީ އުތުރުގައި އޮންނަ އަޒަރުބައިޖާން ސަރަހައްދުގައި ޑޭމް ޕްރޮޖެކްޓެއް އިފްތިތާހު ކުރެއްވުމަށްފަހު އެނބުރި ވަޑައިގެންނެވި މަގުމަތީގަ އެވެ.
އާޒަރުބައިޖާންގައި އިއްޔެ އެ ގައުމާއި އިރާން ގުޅޭ ސަރަހައްދުގައި ހެދި ޑޭމްއެއް ދެ ގައުމުގެ ވެރިން އިފްތިތާހު ވެސް ކޮށްދެއްވި އެވެ.ހެލިކޮޕްޓަރު ވެއްޓުނީ ފަރުބަދަމަތީގެ ހިސާބަކަށް ވުމުގެ އިތުރަށް މޫސުން ގޯސްވުމުގެ ސަބަބުން، ހެލިކޮޕްޓަރާ ހަމައަށް ރެސްކިއު ޓީމުތައް ދާން އެތައް ގަޑިއިރެއް ހޭދަވި އެވެ.
ހެލިކޮޕްޓަރު ވެއްޓުމުގެ ކުރިން ހެލިކޮޕްޓަރަށް މައްސަލަ ދިމާވި ކަމަށް ވެސް ބައެއް ރިޕޯޓްތައް ބުނެ އެވެ.
އެ ސަރަހައްދުގައި ބޯދުންފިނީގެ ސަބަބުން، ވެއްޓުނު ހެލިކޮޕްޓަރު ހޯދަން 40 އަށް ވުރެ ގިނަ ރެސްކިއު ޓީމު ހަރަކާތްތެރިވި މަންޒަރު ފެންނަ ވީޑިއޯތަކެއް ވެސް އިރާނުގެ ދައުލަތުގެ ޓީވީން ވަނީ އާންމުކޮށްފަ އެވެ.
ރެސްކިއު ޓީމުތަކުން ވަނީ ކުއްތާ އާއި ޑްރޯންގެ އެހީ ވެސް ހޯދައިފަ އެވެ.ރައިސީ އާ އެކު އެއް ހެލިކޮޕްޓަރުގައި އިރާނުގެ ފޮރިން މިނިސްޓަރު ހުސައިން އަމީރު އަބްދުالله ހައިން އަދި އިތުރު ދެ ބޭފުޅަކު ތިއްބެވި އެވެ.
ހެލިކޮޕްޓަރު ވެއްޓުނު ތަން ހޯދުނީ ތުރުކީގެ ޑްރޯނެއްގެ އެހީތެރިކަމާ އެކު ކަމަށް މައުލޫމާތު ލިބިފައިވެ އެވެ.މި ހާދިސާ ހިނގިތާ 15 ގަޑިއިރެއްހާ އިރު ފަހުން، އެ ހެލިކޮޕްޓަރާ ހަމައަށް ދެވުނު އިރު، ހެލިކޮޕްޓަރު އެކީގައި އަނދާފައިވާ ކަމަށް މީޑިއާ ރިޕޯޓުތައް ބުންޏެވެ.
އަދި ހެލިކޮޕްޓަރުގައި ދަތުރުކުރެއްވި އެއްވެސް ބޭފުޅަކު ސަލާމަތްވި ކަމުގެ އެއްވެސް ނިޝާނެއް ނެތް ކަމަށް އިރާނުގެ ދައުލަތުގެ މީޑިއާއިން ދާދި ދެންމެއަކު ބުންޏެވެ.
ރައިސީ އަވަހާރަވުމާ ގުޅިގެން ދުނިޔޭގެ އެކި ގައުމުތަކުގެ ލީޑަރުން ދަނީ ހިތާމަފާޅުކުރައްވައި ތައުޒިޔާ ވިދާޅުވަމުންނެވެ.

