ސައުދި އަރަބިއްޔާގެ އިސްލާމިކް މިނިސްޓްރީގެ ވަފުދެއް ރާއްޖެ އައިސްފި އެވެ.
އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވީ ސައުދީގެ ވަފުދެއް ރާއްޖެ އައީ ރާއްޖޭގެ އިސްލާމިކް މިނިސްޓްރީއާ ގުޅިގެން އިލްމުވެރިންނާއި، ހަތީބުން އަދި ދީނީ ކަންތައްތަކުގައި މަސައްކަތް ކުރާ މީހުންނަށް ހާއްސަކޮށް ޕްރޮގްރާމެއް ކުރިއަށް ގެންދިއުމަށް ކަމަށެވެ.
ސައުދީއަށް ކުރެއްވި ދަތުރެއްގައި، ރާއްޖޭގައި އިލްމީ ދާއިރާއިން ޕްރޮގްރާމްތަކެއް ކުރިއަށް ގެންދިއުމާ ބެހޭގޮތުން އެ ގައުމުގެ އިސްލާމިކް މިނިސްޓްރީއާ މަޝްވަރާ ކުރައްވާފައި ވާނެ ކަމަށާއި ސައުދީގެ ވަފުދެއް ރާއްޖެ އައީ އޭރު ކުރެވުނު މަޝްވަރާތަކާއެކު ވެވުނު އެއްބަސްވުމެއްގެ ދަށުން ކަމަށް ވެސް ޝަހީމް ވިދާޅުވި އެވެ.
"މި އިލްމީ މަޝްރޫއުތަކުގެ މައިގަނޑު މަގުސަދުތަކަކީ އިސްލާމް ދީނުގެ ސައްހަ އަގީދާ މީސްތަކުންނަށް ބަޔާންކޮށްދިނުމުގެ އިތުރުން ރާއްޖޭގެ ދީނީ ކަންތައްތަކުގައި ހަރަކާތްތެރިވާ ޒުވާނުންނާއި އިލްމުވެރިންނާއި ޖަމްއިއްޔާ ޖަމާއަތްތަކަށް ވެސް އިސްލާމް ދީނުގެ މެދުމިންކަމުގެ ރިވެތި އުސޫލުތައް ކިޔައިދިނުމާއި، ހަރުކަށި ވިސްނުންތަކާއި ދެކޮޅަށް އިސްލާމް ދީނުގެ ސައްހަ މައުލޫމާތު އިލްމީ ގޮތުން ކިޔައިދިނުން،" މިނިސްޓަރު ޝަހީމް ވިދާޅުވި އެވެ.
ކުރިއަށް އޮތްތަނުގައި މިފަދަ ގިނަ އިޖްތިމާއީ، އިލްމީ މަޝްރޫއުތަކެއް ސައުދި އަރަބިއްޔާގެ އިސްލާމިކް މިނިސްޓްރީއާ ގުޅިގެން ކުރިއަށް ގެންދާނެކަން ފާހަގަކުރައްވާ ޝަހީމް ވިދާޅުވީ މިއަދު ވަޑައިގެންނެވި ވަފުދަކީ މީގެ ފެށުމެއް ކަމަށެވެ.

